Roadha Mihaaru
ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް

ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް

31 އޮކްޓޯބަރ 2021

އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ 90 ޕަސެންޓް ހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ 90 ޕަސެންޓް ހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އަންނަ އަހަރަށް ކަނޑައެޅި ބަޖެޓު ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައި ވަނީ އިގްތިސާދު ކުރިއަށް ގެންގޮސް ދަރަނީގެ ހާލަތު ވެސް ދެމެހެއްޓެނިވި މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

"މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާކޮށް، ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަނެ، އިގްތިސާދީ ކުރިއެރުން މަތިކޮށް، އިގްތިސާދު ފުޅާކޮށްދޭނެ ބަޖެޓެއް. އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދައުލަތުގެ ހިދުމަތްތައް ލާމަރުކަޒުކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ ބަޖެޓެއް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މިހާރު ސް ޖުމްލަ 671 މަޝްރޫއެއް ނިމިފައިވާއިރު، 497 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ އުނދަގޫ ހާލަތުގައި އެންމެ ބޮޑު އިސްކަމެއްދިނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ދަރަނި އިތުރުވި ކަމުގައި ވިޔަސް، ތަދުމަޑުކަމުގެ އަސަރު ކުޑަކުރުމަށް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު، އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަހަޅުއްވަނީ.--ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު އަމީރު، އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަހަޅުއްވަނީ.--ފޮޓޯ: މަޖިލިސް

"ވީ އެންމެ އަވަހަކަށް އިގުތިސާދީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރުން. ކަންތައްތައް އެންމެ ގޯސްވި ހިނދު، ގޭބިސީތަކަށް ފަސޭހަކޮށްދީ، ހަރަދުކުރަން ހުރި ފައިސާ މަދުވިޔަ ނުދިނުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ކޮވިޑްގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަދި މިހާރު އިގްތިސާދު ކުރިއަރަން ފަށައިފައިވުމަކީ އޭގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ލޯނު ނަގާފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ލޯނުތައް އަނބުރައި ދެއްކުން ފަސްކޮށްދީފަ އެވެ. ރާއްޖޭގެ ވިޔަފާރިތަކަށް، ދިވެހިން ވަޒީފާގައި ބޭތިއްބުމަށް ޝަރުތުކޮށް، އެތައް ސަތޭކަ މިލިއަން ރުފިޔާގެ ލުއި ލޯނު ފޯރުކޮށްދިނެވެ. ޓޫރިސްޓުން ނެތް ރިސޯޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ދުޅަހެޔޮކަން ސަރުކާރުން މަޝްރޫއު ހިންގާ މިންވަރާ ގުޅިފައިވާތީ، ފެށިފައިވާ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށް ގެންދެވުނު،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 36.9 ބިލިއަން ރުފިޔާ އެވެ. ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 34.0 ބިލިއަން ރުފިޔާ އެވެ. ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާއަށެވެ.