Roadha Mihaaru
މުޖުރިމަކު ފިލައިފި، ބުނަނީ ގެއްލުނީ ރާއްޖެ ކައިރިންނޭ

ރާއްޖެ ކައިރިން ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ޑްރަގްގެ ބޮޑު މީހަކު ގެއްލިއްޖެ!

31 އޮކްޓޯބަރ 2021

އިންޑިއާ އިން ފިލައިގެން ދިޔަ ބަޔަކު ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފައިވާ ކަމަށް މި މަހު ކުރީކޮޅު މީޑިއާ އިން ރިޕޯޓްކޮށްފައި ވާއިރު އެ މީހުންގެ ތެރޭގައި އިންޑިއާގެ ޓެމިލް ނާޑޫގެ ޖަލަކުން ފިލި ބަލްގޭރިއާގެ ބޮޑު ކުށްވެރިއަކު ވެސް ހިމެނޭ ކަމަށް ބެލެވެން ފަށައިފި އެވެ. އެކަމަކު އެ މީހާ އާއި އޭނާއާ އެކު ފިލި މީހުންނަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޑިއާ އިން ފިލައިގެން ދިޔަ ބަޔަކު ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފައިވާ ކަމަށް މި މަހު ކުރީކޮޅު މީޑިއާ އިން ރިޕޯޓްކޮށްފައި ވާއިރު އެ މީހުންގެ ތެރޭގައި އިންޑިއާގެ ޓެމިލް ނާޑޫގެ ޖަލަކުން ފިލި ބަލްގޭރިއާގެ ބޮޑު ކުށްވެރިއަކު ވެސް ހިމެނޭ ކަމަށް ބެލެވެން ފަށައިފި އެވެ. އެކަމަކު އެ މީހާ އާއި އޭނާއާ އެކު ފިލި މީހުންނަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ.

އިންޑިއާގެ ޓެމިލް ނާޑޫގެ ޓްރިޗީގައި ހުންނަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލަކުން ފިލި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ އައިލިއަން މާކޯވް، 55، އަކީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި 2019 ވަނަ އަހަރު ޖަލަށް ހުކުމްކޮށް ބަންދުކޮށްފައިވާ މީހެކެވެ. އޭނާއާ އެކު ޖަލުން ފިލި މީހުންގެ ތެރޭގައި އެކި ކުށްތަކުގައި ޖަލަށް ލާފައިވާ ސްރީ ލަންކާގެ ތަމަޅައިންގެ 80 މީހަކު ވެސް ހިމެނެ އެވެ.

މާކޯވް ޖަލުގައި ނެތްކަން އެނގުނީ އޯގަސްޓް 31 ވަނަ ދުވަހު އެވެ. އިންޑިއާ އިން ފިލައިގެން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމަކަށް ދާން އުޅުނު ކަމަށް ބެލެވޭ ބަޔަކު ކަނޑުމަތިން އަތުލައިގަތް ކަމަށް ބުނެފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ މީހުން އަތުލައިގަތީ ރާއްޖޭގެ ދެކުނު ރާއްޖޭގެ ސަރަހައްދުން އެމެރިކާ ސިފައިން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އުޅަނދުގައި ތިބި މީހުން ރާއްޖެއާ ހަވާލުކޮށްފައި ކަމަށް އެމެރިކާ ސިފައިން، މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

މިހާރު ބެލެވެނީ ރެފިއުޖީންގެ ގޮތުގައި ދަތުރުކުރީ ޖަލުން ފިލި މީހުން ކަމަށާއި އޭގެ ތެރޭގައި މާކޯވް ވެސް ހިމެނޭ ކަމަށެވެ. އެ މީހުން އެމެރިކާ އިން ރާއްޖެއާ ހަވާލުކުރި ކަމަށް މީޑިއާގައި ރިޕޯޓްކުރިޔަސް ރާއްޖެއަށް އަދި އިންޑިއާ އަށް ވެސް އެ މީހުން ގެންދިއަކަން އެނގޭކަށް ނެތެވެ. އެ މީހުން ރާއްޖެއަށް ނުގެންނަ ކަމަށް ސަރުކާރުން ބުނެފައި ވާއިރު އެ މީހުން ފެނުނު ކަމަކަށް ނުވަތަ އެހެން ގައުމަކުން އިންޑިއާއާ ހަވާލުކޮށްފައިވާ ކަމަކަށް އިންޑިއާއަކުން ވެސް ނުބުނެ އެވެ. އަދި މާކޯވް ހޯދަން އިންޑިއާގެ ޓްރިޗީ ޕޮލިހުން އިއުލާނުކޮށްފައި ވުމުން ވެސް އެނގެނީ އަދި އެ މީހުން ނުފެންނަ ކަމެވެ.

ފޮރިން މިނިސްޓްރީން ކުރިން "މިހާރު" އަށް ބުނެފައިވާ ގޮތުގައި ރެފިއުޖީންގެ ބަޔަކު ރާއްޖޭ ސަރަހައްދު ހިފެހެއްޓިކަން އެއްވެސް ގައުމަކުން ރާއްޖެއަށް އަންގައިފައެއް ވެސް ނުވެ އެވެ. އަދި އެމްއެންޑީއެފްގެ އިސް އޮފިސަރަކު ވިދާޅުވީ އެ މީހުން ހިފަހައްޓާފައި ވަނީ ރާއްޖޭ ސަރަހައްދަކުން ވެސް ނޫނެވެ.

"އެ މީހުން [އިންޑިއާ އިން ފިލައިގެން ދިޔަކަމަށް ބުނާ ރެފިއުޖީން] ރާއްޖޭގެ ސަރަހައްދަކަށް ނުވެސް ވަދޭ. ރާއްޖޭގައި އެ މީހުން ނެތްކަމުގެ 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން ދެން،" އޮފިސަރު ކުރިން ވިދާޅުވެފައިވެ އެވެ.

ގެއްލިގެން އުޅޭ މާކޯވް އަކީ ޑްރަގް ޓްރެފިކިން އާއި ހިއުމަން ޓްރެފިކިން ހިންގާ "ވަރުގަދަ" މީހެއް ކަމަށް އިންޑިއާގެ ފުލުހުން ތުހުމަތުކުރެ އެވެ. ޓްރިޗީގެ ފުލުހުން މިހާރު ވަނީ މާކޯވް ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޑިއެގޯ ގާސިއާގައި ތިބޭ އެެމެރިކާ ސިފައިންނަށް ފެނިގެން އަތުލައިގަތް ކަމަށް ބުނާ މީހުންނާ ބެހޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އިން ކުރިން ބުނެފައިވާ ގޮތުގައި އެއީ ގަވައިދާ ހިލާފަށް ދަތުރުކުރާ ފެރީއަކުން، އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާ އަށް ގޮސް ކެނެޑާ އަށް އެތެރެވެ ހިމާޔަތް ހޯދަން މަސައްކަތްކުރި ބައެކެވެ. މި މީހުން އަތުލައިގަތީ މޫސުން ގޯސްވެ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފެރީ ހުއްޓިފައި ވަނިކޮށް ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

މި މީހުން ދަތުރުކުރި ބޯޓުގައި 59 މީހަކު ތިބި ކަމަށާއި އެއީ އެ ބޯޓަކީ ޔޫރަޕް ބަޔަކު އުޅޭ ގޭންގެއްގެ ބަޔަކާ އަޑީގައި ތިބެގެން ގަތް ބޯޓެއް ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.