Roadha Mihaaru

ފަސް ކިލޯ ޑްރަގް އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް

ރާއްޖެއަށް ފަސް ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ތިން ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޑްރަގް އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

14 އެޕްރީލް 2023

ރާއްޖެއަށް ފަސް ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ތިން ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އިތިއޯޕިއާ މަގުން ރާއްޖެއަށް ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް މިދިޔަ ބުދަ ދުވަހު ކަސްޓަމްސުން އަތުލައިގަތީ 56 އަހަރުގެ އިންޑިއާގެ އަންހެނެކެވެ. އޭނާގެ އަތްދަބަހުގައި ފޮރުވާފައި ހުއްޓާ ފެނުނު ޑްރަގްގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ކޯޓުން އަންގާފައިވަނީ ތިން ދުވަހަށް ބަންދު ކުރުމަށެވެ. އަދި ތަރުޖަމާނެއް އޭނާއަށް ހަމަޖައްސާފައި ނުވާތީ ދެން އޮންނަ މަޖިލީހަކަށް ތަރުޖަމާނަކާ އެކު ހާޒިރުކުރަން ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ.

އިއްޔެ ވެސް ކަސްޓަމްސުން ވަނީ އިތުރު ފަސް ކިލޯއެއްހާ ޑްރަގާ އެކު ޕާކިސްތާން މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ މީހާ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.

ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީންނަށް ދައުވާ ނުކޮށް ޑީޕޯޓްކޮށްލުމުގެ ބާރު ލިބޭ ގޮތަށް އިމިގްރޭޝަނުން ދާދިފަހުން ގަވާއިދެއް ހަދާފައިވެ އެވެ.