27 އޮކްޓޯބަރ 2021
ގަލޮޅު މަދަރުސާގައި އެ ދުވަސް ހަމަޖައްސާފައި އޮތީ ކުދިން ކްލާހުގައި އަމިއްލައަށް ރީތިވާ ދުވަހުގެ ގޮތުގަ އެވެ. ގެއިން ދިޔައިރު ހަތަރު އަހަރުގެ އަންހެން ކުއްޖާ ހުރީ އެ އުފާވެރި ކަމުގަ އެވެ. އެކަމަކު، ދެ ގަޑިއިރު ފަހުން ބަލާދިޔައިރު، މާސްކް އަޅައިގެން ހުއްޓަސް މޫނުމަތިން ފެނުނީ އުނދަގޫވެ ރޮވިފައި ހުރި ތަނެވެ.
ގަލޮޅު މަދަރުސާގައި އެ ދުވަސް ހަމަޖައްސާފައި އޮތީ ކުދިން ކްލާހުގައި އަމިއްލައަށް ރީތިވާ ދުވަހުގެ ގޮތުގަ އެވެ. ގެއިން ދިޔައިރު ހަތަރު އަހަރުގެ އަންހެން ކުއްޖާ ހުރީ އެ އުފާވެރި ކަމުގަ އެވެ. އެކަމަކު، ދެ ގަޑިއިރު ފަހުން ބަލާދިޔައިރު، މާސްކް އަޅައިގެން ހުއްޓަސް މޫނުމަތިން ފެނުނީ އުނދަގޫވެ ރޮވިފައި ހުރި ތަނެވެ.
ބަލާ ދިއުމުން އާއްމުކޮށް ދުވެފައި ގާތަށް އާދެ އެވެ. އެކަމަކު އެހެން ދުވަސްތަކާ ހިލާފަށް އެ ދުވަހު އާންޓީއަށް ޖެހުނީ އަތުގައި ހިފައިގެން ބެލެނިވެރިޔާއާ ހަމައަށް ކުއްޖާ ގެންނާށެވެ. އާއްމުކޮށް އުރަން ނުބުންޏަސް އެ ދުވަހު ބަލައިދިޔަ މާމަ ގާތު އެދުނީ އުރާލުމަށެވެ.
ގޭގެ ދޮރުން ވަންގޮތަށް މަންމަ ގައިގައި ބާރަށް ބައްދާލައިގެން ކޮނޑުމަތީގައި ބޯއަޅާލި އެވެ. ދަރިފުޅު އެ ހަރަކާތްތަކުން މަންމަ އަށް ޔަގީންވީ ވަރަށް ބޮޑު ކަމެއް ވެއްޖެ ކަމެވެ.
"ގޭގެ ދޮރޮހުޅުވާލިއިރު ވެސް ލޯމަތިން ފެނުނީ ރޮވިފައި ހުރި ތަން. ކިހިނެއްވީހޭ އެހީމަ މަންމަ ބުނީ [ނަން ކަނޑާލާފައި] ސްކޫލުގައި ބުންޏޭ ހީސް ޑޮޓަށް ތަދުވަނީއޭ،" މި މަހުގެ 13ގައި ހިނގި ހާދިސާއާ ގުޅޭ ގޮތުން ދަރިފުޅުގެ މަންމަ ކިޔައިދިނެވެ.
ފުރަތަމަ ހީކުރީ ފެން މަދުވެގެން ވެދާނެ ގޮތެއް ކަމަށެވެ. އެކަމަކު ގައިގެ ތަނަކަށް ތަދުވެއްޖެ ނަމަ ވެސް ހިމޭން ވެގެން އެތެރެއަށް ހިންދާލައިގެން ހުންނަ ދަރިފުޅު ތަދުވެގެންނާއި ބިރުން ރޯތީވެ، ވީ ގޮތް އޮޅުން ފިލުވަން ފެށީ އެވެ.
ހަތަރު އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ "މިހާރު" އަށް ކިޔައިދިން ގޮތުގައި ދަރިފުޅަށް ކަމެއް ވީތޯ ބަލަން ފުރަތަމަ ގުޅީ އާންޓީއަށެވެ. ސްކޫލުގައި އެއްވެސް ކަމެއް ހިނގިތޯ ސުވާލުކުރުމުން، ފާހާނާ އިން އައިސް ތަދުވާ ވާހަކަ ބުނި ކަމަށް އާންޓީއާ ހަވާލާ ދީ ކުއްޖާގެ މަންމަ ބުންޏެވެ.
އެ ވާހަކަ ބުނަން އާންޓީ ބެލެނިވެރިޔާ އަށް ނުގުޅި ސަބަބެއް ކަމަށް ބުނެފައި ވަނީ، ގަޑި ނިމެން އުޅެނިކޮށް އެކަންވި ކަމަށް ކުއްޖާ ބުނުމެވެ.
އެ ހިސާބުން ވެސް ޖިންސީ އަނިޔާއެއް ވީ ކަމަކަށް އާއިލާ އިން ހިއެއް ނުކުރެ އެވެ. ދަރިފުޅަށް އެފަދަ އަނިޔާއެއް ލިބިފައިވާ ކަމަށް ޝައްކުވީ ހީސްލާން ވަދެފައި ތަދުވެގެން ބާރަށް ރޯން ފެއްޓެމުންނެވެ.
"ވަރަށް ތަދުވެއޭ ބުނީ. އެކަމަކު އެ ވާހަކަ [ތަދުވި ސަބަބު] ބުނަން ބޭނުން ނުވެއޭ ފުރަތަމަ ބުނީ. ދެން އެހިން ކުއްޖަކު ބުނީހޭ ނުބުނަން، ދެން ބޮލުން ބުނީ އާނއެކޭ. ދެން ހަނދާންކޮށްދިނީ މަންމައަށް ކަމެއް ސިއްރުކުރަން ބުނާނީ ތިއްތި ކުއްޖަކަށް ނުވާތީކަން،"
"އެހެން ބުނީމަ ދެން ...ބުނީ މަމީ، ޓޮއިލެޓް ދައްތަ މިހެން އިނގިލިން އައްދޮކޮށްލީއޭ."
މަންމަ އާއި ބައްޕަ އަށް އެ ކުއްޖާ ކިޔައިދިން ގޮތުގައި، އަނިޔާކޮށް ކޯތާފަތްމަތީގައި ޖަހައި، އަނގައިގެ ތެރެއަށް އިނގިލި ކޮއްޕާލީ އާންޓީ ހަވާލުކުރި "ޓޮއިލެޓް ދައްތަ" އެވެ. އެއީ، ސްކޫލުގެ މަސައްކަތު މީހުންނަށް ކުދިން ކިޔައި އުޅޭ ނަމެވެ.
އެ ވާހަކަތައް އަޑު އިވިފައި ދެ ވަނަ ފަހަރަށް އާންޓީ އަށް ގުޅީ ފާހާނާ އަށް ގެންދަން އެ ކުއްޖާ ހަވާލުކުރީ ކާކާތޯ ބެލުމަށެވެ. އެކަމަކު ހަވާލުކުރެވުނު މީހެއް އާންޓީ ހަނދާނެއް ނެތެވެ. އެ ކުދިން ތިބި ފްލޯގެ ފާހާނާ އަށް ގެންދަން މަސައްކަތު މީހަކާ ހަވާލުކުރި ކަމަށް އާންޓީ ބުންޏަސް އެ ކުއްޖާ ކިޔައިދިން ގޮތުގައި ގެންދިޔައީ ގްރައުންޑް ފްލޯގެ ފާހާނާއަކަށެވެ.
"ދެ ފަހަރަށް ބުނި ގްރައުންޑް ފްލޯގެ ޓޮއިލެޓަށޭ ގެންދިޔައީ،" މަންމަ ބުންޏެވެ.
ޖިންސީގޯނާއާ ދެކޮޅަށް ބަަޔަކު މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ސްކޫލުގެ ސީނިއާ މީހަކަށް ވަގުތުން އެކަން ރިޕޯޓްކުރި އެވެ. އެއާއެކު ފުލުހުންނަށް މައްސަލަ ހުށަހަޅައި ދަރިފުޅުގެ މެޑިކޯ ހެއްދީ އެވެ.
އޭޑީކޭ އިން އެ ދުވަހު ހެދި ރިޕޯޓު "މިހާރު" އިން ބެލިއިރު އޭގައި ކުއްޖާގެ ޖިންސީ ގުނަވަނަށް އަނިޔާ ލިބިފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓިމީޓަރަށް ވަނީ ކަނޑައިގެން ގޮސްފަ އެވެ.
"އެ ވަރުވެފައި އިނީމަ ތަދުވެގެން އެ ރުއީ، ދޮވުމުގެ ތެރޭގައި އެހާ އެތެރެއިން ކަނޑައިގެންނެއް ނުދާނެ، ނަސީބަކުން ޕެނެޓްރޭޝަނެއް ނެތް،" މަންމަ ކިޔައިދިނެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އެ ކުއްޖާގެ ބަޔާން ނަގައިފަ އެވެ. އެކަމަކު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ފިޔަވައި ފުލުހުން އިތުރު އެއްވެސް ތަފްސީލެއް ނުދިނެވެ.
މި މައްސަލައިގައި ގަލޮޅު މަދަރުސާގެ މަސައްކަތު ދެ މީހަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އޭގެ ތެރޭގައި ކުއްޖާ ގޮވައިގެން ފާހާނާ އަށް ދިޔަ މީހަކު ހިމެނޭ ކަމެއް ސްކޫލުން ކަށަވަރު ނުކޮށްދޭ ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާ އިން ބުނިގޮތުގައި ކުއްޖާގެ ކްލާސް ހުންނަ ފްލޯ އިން ދެ މުވައްޒަފަކު ސަސްޕެންޑްކުރީ، ފާހާނަ އަށް ގެންދިޔައީ ގްރައުންޑް ފްލޯ އަށް ކަމަށް ބުނަމުން ދަނިކޮށެވެ. އުސޫލެއްގެ ގޮތުން ގްރައުންޑް ފްލޯ އިން ވެސް ސަސްޕެންޑްކުރަން ވާނެ ކަމަށް ދެކޭ ކަމަށާއި އެއީ އަނިޔާ ދިން މީހާ އަދިވެސް ދޫވެފައި ހުރުމުގެ ފުރުސަތު އޮތުމުން ކަމަށް އާއިލާ އިން ބުންޏެވެ.
"އެެހެން ކުދިންގެ ރައްކަލަކަށް ވެސް އެހެންވެއްޖިއްޔާ ދެ ފްލޯއިން ސަސްޕެންޑް ކުރަން ވާނެ [ކާކުކަން ދެނެގަނެވެންދެން]، މަންމަ ބުންޏެވެ.
އެ ހާދިސާ ހިނގި ދުވަހުގެ ސީސީޓީވީ ފުޓޭޖަށް އާއިލާ އިން އެދުނެވެ. އެއީ ކުއްޖާ ހަވާލުކުރީ ކާކާތޯ ދެނެގަތުމަށެވެ. އެކަމަކު ސްކޫލުގެ އެއްވެސް ފްލޯއެއްގައި ކެމެރާ ހަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި އާއިލާ އިން ކުރާ ތުހުމަތައް ސާފުކޮށްދޭން އެދި "މިހާރު" އިން ސްކޫލަށް ގުޅުމުން އެތަނުގެ އިސްވެރިއަކު ވިދާޅުވީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި އެ ސްކޫލް ހިނގަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވާތީ އެއްޗެއް ބުނެވޭނީ މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މައުލޫމާތު ލިބުމާ އެކު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ދަނީ ބަލަމުން" ކަަމަށެވެ. އެ މައުލޫމާތު ލިބުނު ހިސާބުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
"އެގޮތުން، މި މައްސަލަ ބަލައި ނިމެންދެން މި މައްސަލަ ރައްދުވާ ފަރާތް ހުންނާނީ ސަސްޕެންޑްކުރެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
ސްކޫލުން ދެ މީހަކު ސަސްޕެންޑްކޮށްފައި ވިޔަސް އެ މީހުންނަކީ ސީދާ އެކަމާ ގުޅުން ހުރި މީހުން ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.
"ތަކުރާރުކޮށް އެހީމަ ވެސް ސްކޫލުން ބުނަނީި ކުއްޖާ ހަވާލުކުރެވުނީ ކާކާ ކަމެއް ހަނދާނެއް ނެތޭ. ރެކޯޑު ބެލެހެއްޓެން ވާނެ. އެ ވަރުގެ ކުދިންތަކެއް ފާހާނާ އަށް ވިޔަސް ހަވާލުކުރެވެނީ ކާކާތޯ، އެނބުރި އައީ ކިހާ އިރަކުތޯ ބެލެންވާނެ ކަމަށް ގަބޫލުކުރަނީ،" މަންމަ ބުންޏެވެ.
"ސްކޫލަށް އިތުބާރުކޮށްފައި ކުއްޖާ ހަވާލުކުރާއިރު، ކްލާހުން ބޭރަށް ނުކުންނައިރު ކުއްޖާ ހަވާލުކުރެވެނީ ކާކާކަން ނޭނގުން މިއީ، ކިހާ ބޮޑު އިހުމާލެއް."
ޑޮކްޓަރުގެ ރިޕޯޓުން ކުއްޖާ އަށް އަނިޔާ ލިބުނުކަން ފެންނަން އޮތަސް އާއިލާގެ ކަންބޮޑުވުމަކީ ނުވާ ކަމަކަށް ހަދައި ސްކޫލުން ވާހަކަ ދެއްކުމެވެ. އެންމެ ކުޑަމިނުން އެތަނުގައި އެކަން ހިނގިތޯ ވެސް ބަލަން ނޫޅެ މައްސަލަ އޮއްބާލުން އުޅޭ ކަމުގެ ތުހުމަތު އާއިލާ އިން ކުރެ އެވެ.
މަންމަ އާއި ބައްޕަގެ އިތުރުން މާމަ ދިރިއުޅޭ ގެއިން ދިޔައިރު ނުލިބޭ ގެއްލުމެއް ސްކޫލުން އެނބުރި އައިއިރު ކުއްޖާ އަށް ލިބިފައި ހުރި ކަން އެނގުމުން އާއިލާ އިން ސްކޫލުގައި ބާރުއަޅަނީ އެކަން ބަލައިދިނުމަށެވެ. ކުއްޖާ އަށް އެއްވެސް ގެއްލުމެއް ލިބިފަައި ނުވާނެ ކަން ސްކޫލަށް ޔަގީން ކޮށްދީފައިވާނެ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
މި މައްސަލަ ފެންމަތިވުމުން ސްކޫލުން ވަނީ ޕީޓީއޭއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، ކުއްޖާ އަށް އަނިޔާ ލިބުމަށް ވުރެ ބޮޑަށް ނުވަތަ ސީރިއަސް ކަމެއްގެ ގޮތުގައި ނެގުމަށް ވުރެ އެކަމާ ހެދި ސްކޫލް ބަދުނާމުވުމުގެ ކަންބޮޑުވުންތައް ކުރިއަށް ނެރެ ވާހަކަ ދެއްކުން އާއިލާއަކަށް ބަލައެއް ނުގަނެވެ އެވެ.
އެ ކަމަކީ އެތަނުގައި ހިނގައިދިޔަ ކަމެއް ނޫންކަން ޔަގީނާ ގާތަށް ކަށަވަރު ކޮށްދޭ ކަމަށް ސްކޫލުން ބައެއް ބެލެނިވެރިން ގާތު ބުނެފައިވެ އެވެ. ޕީޓީއޭ ބައްދަލުވުމުގައި ވެސް އެ މައްސަލައިން ސްކޫލާއި ޓީޗަރުންގެ ރެޕިއުޓޭޝަނަށް އަސަރުކުރާތީ އެ ވާހަކަ ބެލެނިވެރިންނާ ދައްކާފައިވެ އެވެ.
"ބަޔަކު ސްކޫލުގެ ރެޕިއުޓޭޝަން ހަލާކުކޮށްލަން ދައްކާ ވާހަކައެއް ކަމަށް ބުނަނީ، އަހަރެން ވެސް ކިޔެވި ސްކޫލް އެއީ، ވަރަށް ޓްރަސްޓްކުރި، ވަރަށް ލޯބިވާ ތަނެއް،" މަންމަ ކިޔައިދިނެވެ.
އެ ހާދިސާ އަށް ފަހު އެ ކުއްޖާ ސްކޫލަކަށް ފޮނުވަން އާއިލާ އިން ތިބީ ޖެހިލުން ވެފަ އެވެ. ކުއްޖާ ފާހާނާ އަށް ގެންދަން ހަވާލުކުރީ ކާކާކަން ނޭނގޭތީ އާއި އެކަމުގައި ތުހުމަތުވާ މީހެއް މިހާތަނަށް ވެސް ސާފު ނުވާތީ އެވެ. ފުލުހުންގެ ތަހުގީގުގައި ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ ކުއްޖާއާ ސުވާލުކޮށްގެން ކާކުތޯ ދެނެގަތުމެވެ.
"[ސްކޫލުން] އެގޮތަށް ނުބުނީމަ އެކަމުގެ އުނދަގޫ އަނެއްކާވެސް މި ޖެހެނީ ކުއްޖާ އަށް. ތިން ފަހަރަށް އެސެސްމަންޓް ހަދަން ގެންގޮސްފި. ކޮންމެ ފަހަރަކު އެސެސްމެންޓަށް ގެންދިއުން އަނެއްކާވެސް މިއީ ކިހާ ބޮޑު ކަމަކަށް އެ ކުއްޖާ އަށް ވާނީ،" ބައްޕަ ބުންޏެވެ.
މިކަހަލަ ތުހުމަތެއް ކުރެވުމުން އަނިޔާ ލިބުނު ކުއްޖާ އާއި އެހެން ކުދިންނަށްޓަކައި ވެސް ވީގޮތް ބެލުމަކީ ސްކޫލުން ކުރަން ޖެހޭ ކަމެއް ކަމަށް އާއިލާ އިން ދެކެ އެވެ.
އާއިލާ އިން ބުނިގޮތުގައި މި މައްސަލައިގައި ކުއްޖާ އަށް އިތުރު އަނިޔާތަކެއް ލިބި ތައުލީމުން މަހްރޫމުން ފަދަ ހައްގުތައް ދަނީ ގެއްލެމުންނެވެ.
"މިއީ، ސީރިއަސް ކަމެއް، ކުއްޖަކަށް އަނިޔާ ލިބުނީމަ ފޮރުވަންވީއެއް ނޫން. އެހެން ކުދިންގެ ރައްކާތެރިކަމަށް ވެސް އެކަން ބަލައި ފިޔަވަޅު އަޅަންވީ،" މަންމަ ބުންޏެވެ.
ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރަން އަންގައިފި
ދަރިވަރުންގެ އަހުލާގު: އަތް ބަނދެވި، މައްސަލަތައް!
އަނިޔާއަށް ފަހު ދަރިން އަތުލީ، އިންސާފެއް ނުލިބުނު!
"ރޭޕްކޮށް"، މަރުގެ އިންޒާރު ވެސް ދިން: އާއިލާ
7 އަހަރު ކުއްޖާ ސްކޫލަށް ނުފޮނުވީ ރަތް ޔުނީފޯމާ ހެދި
އަފްޝަންއަށް ޖިންސީ ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ގޯނާގެ ތުހުމަތުކުރާ ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން
ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟