Roadha Mihaaru
"ރޭޕްކޮށް"، މަރުގެ އިންޒާރު ވެސް ދިން: އާއިލާ

ކުއްޖާ "ރޭޕްކޮށް"، މަރުގެ އިންޒާރު ވެސް ދިން: އާއިލާ

25 މާޗް 2021

އުތުރުގެ ރަށެއްގައި ޓީޗަރަކު، އޭނާގެ އަންހެން ދަރިވަރަކު "ރޭޕްކުރީ" ސްކޫލު ކައިރީގައި ހުންނަ ގެސްޓްހައުސަކަށް ގެންގޮސް ކަމަށާއި އެ ވާހަކަ ބުނެފި ނަމަ މަރާލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް، ކުއްޖާގެ އާއިލާއިން ރޭ ތުހުމަތުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރުގެ ރަށެއްގައި ޓީޗަރަކު، އޭނާގެ އަންހެން ދަރިވަރަކު "ރޭޕްކުރީ" ސްކޫލު ކައިރީގައި ހުންނަ ގެސްޓްހައުސަކަށް ގެންގޮސް ކަމަށާއި އެ ވާހަކަ ބުނެފި ނަމަ މަރާލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް، ކުއްޖާގެ އާއިލާއިން ރޭ ތުހުމަތުކޮށްފި އެވެ.

މީގެ ތިން ހަފުތާ ކުރިން މި މަހު 3 ވަނަ ދުވަހުގެ ހަވީރު ހިންގި ކަމަށް އާއިލާ އިން ތުހުމަތުކުރާ ރޭޕްގެ މި މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުނުކުރުމުން، ރޭ ވަނީ އެ ރަށުގެ ފުލުސް އޮފީސް ކައިރީގައި ބަޔަކު މުޒާހަރާ ވެސް ކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު ހުށައަޅާފައި ވަނީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވަނީ "މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތުކުރެވޭނެ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައިނުވާތީ" ކަމަށް ފުލުހުން ބުނެ އެވެ.

އުމުރުން 14 އަހަރުގެ އަންހެން ކުއްޖާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނި ގޮތުގައި އެ ދުވަހު ދަރިވަރު ސްކޫލަށް ގެންދިޔައީ ސްކޫލުގެ ޕްރޮޖެކްޓެއް ހަދަން ކަމަށް ބުނެ އެވެ. އޭގެ ފަހުން އޭނާ ގެންދިޔައީ ސްކޫލާ ކައިރީގައި ހުރި ގެސްޓްހައުސަކަށް ކަމަށާއި އަދި އޭނާއަށް ޖޫސް ތައްޓެއް ދިން ކަމަށް ވެސް، އެމީހާ ބުންޏެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި އެ ޖޫސް ތަށި ބުއި ފަހުން ކުއްޖާއަށް "ވާނުވާ ނޭނގެން ފެށީ" އެވެ.

ކުއްޖާ ދެއްކި ވާހަކަތަކަށް ބިނާކޮށް އޭނާ ބުނީ ގެސްޓްހައުސަށް ގެންދިޔައިރު އެ ތަނުގައި އިތުރު ތިން މީހަކު ތިބި ކަމަށެވެ. އެކަމަކު މާސްކް އަޅާފައި ތިބުމުން އެއީ ކޮން ބައެއްކަން ކުއްޖާއަށް ނޭނގޭ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި މީހާ ބުނީ "ރޭޕްކޮށްފައި ހުރިކަން ޝައްކެއް ނެތް މިންވަރަށް ޔަގީން" ކަމަށެވެ.

"ޑޮކްޓަރު ރިޕޯޓުގައި އެބަހުރި އެ ހުރިހާ ކަމެއް. ޓެސްޓުތަކުން ވެސް ހަމަ ރޭޕްކޮށްފައި ހުރިކަން ޔަގީންވޭ. އަނެއްކާ ކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ގެއްލުންވެފައި ހުރީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ކުއްޖާއަށް ބިރުދައްކައި، "މަރާލާނެ ކަމުގެ އިންޒާރު" ވެސް ދީފައިވެ އެވެ.

ޑޮކްޓަރަށް ދެއްކީ އެއް ދުވަސް ފަހުން

އާއިލާގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު އެނގެނީ ރަށުގެ ސިއްހީ މަރުކަޒަށް ކުއްޖާ ގެންދިޔައީ، އެ ހާދިސާއަށް ފަހު ނުކެވި، ބިރުން އުޅޭތީ، ޖެހިގެން އައި ދުވަހު (މާޗު 4) ގައި ކަމެވެ. އެކަމަކު ދެން ވެސް ރަނގަޅު ނުވުމުން އެހެން ރަށެއްގައި ހުރި އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެދި އެވެ.

އާއިލާއިން ބުނި ގޮތުގައި އެއީ ޖިންނިއާ ގުޅުން ހުރި ކަމެއް ކަމަށް އެއް ބަޔަކު ބުނުމުން، އެކަމުގެ މައުލޫމާތު އެނގޭ މީހުންނާ ވެސް ވާހަކަދެއްކި އެވެ. ނަމަވެސް ކުއްޖާގެ ހާލަތަށް ބަދަލެއް ނަ އެވެ.

"އެއްޗެއް ނުކެވޭތީ ވަރަށް ގިނަ ދުވަހު ހޮސްޕިޓަލުގައި ވެސް ބޭއްވި. ދެން އެ ތަނުން ރިޕޯޓު ތައްޔާރުކުރާނެތާ ކޮންމެ ގޮތަކަށް ވިޔަސް. ރިޕޯޓު ތައްޔާރުކުރިއިރު އެ ތަނުން ޑޮކްޓަރުންނަށް މި ފާހަގަވީ ރޭޕްކޮށްފައި ހުރި ކަމަށް،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ރޭޕްކޮށްފައި ހުރި ކަމަށް ޑޮކްޓަރުން ރިޕޯޓު ދިނުމާ ގުޅިގެން އެ ކޮޅުގައި ހައެއްކަ ދުވަހު މަޑުކުރިން. ކުޑަކޮށް ރަނގަޅުވެލާ ގޮތް ވުމުން އަނެއްކާވެސް ދިޔައީ ރަށަށް."

މައްސަލަ ފުރަތަމަ ރިޕޯޓްކުރުމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އެ ރަށަށް ގޮސް ކުއްޖާއާ ސުވާލުކުރި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އޭރު އޭނާ އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަފުުސާނީީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައި ހުރި ކަމަށް ބެލެވޭތީ މިދިއަ ބުރާސްފަތިދުވަހު ވަނީ އެ ކުއްޖާ މާލެ ގެނެސްފަ އެވެ.

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުނީ ދިމާވި މައްސަލަ އޭނާގެ މަންމައަށް ވެސް ކިޔައިދިނީ އަތޮޅު ހޮސްޕިޓަލުން ދޫކޮށްލުމުން އެނބުރި ރަށަށް ގޮސް ކަމަށެވެ.

"އޭނާ ކައިރީގައި ބުނެފައި އޮތީ މަންމަ އާއި ބައްޕަ މަރާލާނެ ކަމަށް، ކުއްޖާ ވެސް މަރާލާނެ ކަމަށް އެއްވެސް މީހަކަށް ކިޔައިދީފިއްޔާ. އެހެންވެ އޭނާއަށް އަސްލު ނުކެރެނީ ބުނެދޭން،" އެމީހާ ބުންޏެވެ.