Roadha Mihaaru
ގޯނާގެ ތުހުމަތުކުރާ ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި

ޖިންސީ ގޯނާކުރި މައްސަލައިގައި ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި

07 އޯގަސްޓް 2020

މާލޭގެ ބޭސްފިހާރައެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ފާމަސީ އެސިސްޓެންޓު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ބޭސްފިހާރައެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ފާމަސީ އެސިސްޓެންޓު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޭސްފިހާރައަކަށް ދިޔަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އުމުރުން 50 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދެން ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް ބުނާ އަންހެެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޭސް ފިހާރައިގައި ހުއްޓާ، ފާމަސީ އެސިސްޓެންޓް ވަނީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައިފަ އެވެ. ތުހުމަތުކުރާ މީހާ އަކީ އެތަނުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތެއް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ފަދަ މައްސަަލަތައް ރިޕޯޓްކުރަން ބާރު އަޅައި ޖެންޑާ މިނިސްޓްރީން ވަނީ ދާދިފަހުން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.