Roadha Mihaaru
ޕްލޭނަކީ ސިޑްނީ ހާބަރުގައި ޕޫލެއް ހެދުން

ޕްލޭނަކީ ސިޑްނީ ހާބަރުގައި ސްވިމިން ޕޫލެއް ހެދުން

26 އޮކްޓޯބަރ 2021

އޮސްޓްރޭލިއާގެ މަޝްހޫރު ސިޑްނީ ހާބަރުގައި ސްވިމިން ޕްލޭނެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ، އޭގެ ކުރެހުންތަކެއް ވެސް އެ ސިޓީގެ ލޯޑް މޭޔަރު ކްލޯވާ މޯ އާންމު ކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާގެ މަޝްހޫރު ސިޑްނީ ހާބަރުގައި ސްވިމިން ޕްލޭނެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ، އޭގެ ކުރެހުންތަކެއް ވެސް އެ ސިޓީގެ ލޯޑް މޭޔަރު ކްލޯވާ މޯ އާންމު ކުރައްވައިފި އެވެ.

މި މަހުގެ 18 ގައި ބޭއްވި "ސިޑްނީ ވޯޓާ އިނޮވޭޝަން ފެސްޓިވަލް" ގައި އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މަޝްހޫރު ސިޓީތަކުގެ ހާބަރުތަކުގައި ޕޫލް ހެދުމަކީ މިހާރު ވަރަށް ގިނަ ގައުމުތަކުން ގެންގުޅޭ ޕްލޭންތަކަކަށް ވާތީ އޮސްޓްރޭލިއާ ވެސް އެކަމުގައި ފަހަތުގައި އޮންނަން ޖެހޭ ސަބަބެއް ނެތެވެ. އެހެންވެ އެ ގައުމުގެ އެންމެ އައިކޮނިކް އެއް ތަނުގެ ގޮތުގައި ފާހަގަ ކޮށްލެވޭ ސިޑްނީ ހާބަރުގައި ފަތަން ބޭނުންކުރާ ޕޫލެއް އޮތުމަކީ ކުރިމަގުގެ ތަސައްވުރެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރުގެ އޮފީހުގެ ބެލުމުގެ ދަށުން އެ ޕޫލް ޑިޒައިންކުރީ އެންޑްރޫ ބާޖެސް އާކިޓެކްޓްސް (އޭބީއޭ) އިންނެވެ. ހާބަރުގެ މެދަކާ ދިމާލުގައި ވަށް ބުރަކަށް އެ ޕޫލް އޮންނަނީ އެއްގަމާ ކުޑަވަރެއްގެ ބްރިޖަކުން ގުޅާލައިފަ އެވެ. ހާބަރުގެ ތެރޭގައި އޮންނަ ޕްލެޓްފޯމެއް ސިފަވާ ގޮތަށް ޑިޒައިންކޮށްފައިވާ ޕޫލުގައި ހިމެނެނީ މައިވަނޑު ތިން ބައެކެވެ. އެއީ ހަނި ދިގަށް އޮންނަ ޕޫލަކާއި އޭގެ އެއް ފަރާތުން ތަފާތު ބައްޓަމަށް އޮންނަ ކުޑަ ދެ ޕޫލެކެވެ. އެ ދެ ބައި އިންނަނީ މައި ޕޫލާ ގުޅުވައިފަ އެވެ.

ދެހާސް ހަތަރަކުން ފެށިގެން ސިޑްނީގެ ލޯޑް މޭޔަރުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ އަދި އެ މަގާމު ލިބިވަޑައިގަތް ފުރަތަމަ އަންހެން މޭޔަރު ކްލޯވާ ވިދާޅުވީ ސިޑްނީ ހާބަރުގައި ހަދާ ޕޫލުގެ ސަބަބުން އިރުތުވަމުން އަންނަ އާބާދީ އާއި ކްލައިމެޓް ޗޭންޖްގެ މައްސަލަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"މިއީ ސިޑްނީއާ ދޭތެރޭ މީހުން ދެކޭ ގޮތަށް ވެސް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ހާބަރުގައި ހަދާ ޕޫލްގެ ސަބަބުން ލިބޭނެ އެއް ފައިދާ އަކީ ސިޑްނީ ހާބަރުގެ ފެންގަނޑު ވެސް ސާފުވެ، ރައްޔިތުން ހިތްހަމަޖައްސާލަން އިތުރު ހިތްގައިމު ވަސީލަތެއް ލިބުމެވެ.

"މިހާރު ވެސް ހާބަރުގެ ބައެއް ދިމަދިމާ ވަރަށް ތައައްޔަރު. ޕޫލްގެ ސަބަބުން ހާބަރުގެ ފެނުގެ ކޮލިޓީ ރަނގަޅުވެ އެތަނަކީ ފަތާ މީހުންނަށް ވަރަށް ވެސް ހިތްގައުމު ތަނަކަށް ވެގެން ދާނެ،" ކްލޯވާ ވިދާޅުވި އެވެ. "އެހެންވެ މިކަން ކުރަން ސަރުކާރުގެ ހުރިހާ ލެވެލްއަކުން އެއްބާރުލުން ވެސް ބޭނުން ވާނެ."