Roadha Mihaaru
ސިޑްނީގެ އާންމުން ސަލާމަތްކަން ހޯދުމަށް އަންގައިފި

ސިޑްނީގެ އާންމުން ސަލާމަތްކަން ހޯދުމަށް އަންގައިފި

05 ޖުލައި 2022

އޮސްޓްރޭލިޔާގެ ވެރިރަށް ސިޑްނީ އަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމާ ގުޅިގެން، ބިންގަނޑު ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ސަރުކާރުން އަންގަން ފަށައިފި އެވެ.

އޮސްޓްރޭލިޔާގެ ވެރިރަށް ސިޑްނީ އަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމާ ގުޅިގެން، ބިންގަނޑު ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ސަރުކާރުން އަންގަން ފަށައިފި އެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ބުނާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާ އަކީ މިއަހަރުގެ ތެރޭގައި ކުރިމަތިވި ތިން ވަނަ ފެންބޮޑުވުމެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި، އެވްރެޖް ގޮތެއްގައި އަށް މަސްދުވަހުގެ ތެރޭގައި ވޭހާހާ ވާރޭ، އެންމެ ހަތަރު ދުވަހުގެ ތެރޭގައި ސިޑްނީ އަށް ވެހިއްޖެ އެވެ.

އެއްގަމު އުޅަނދުތަކަށް ދަތުރުނުކުރެވޭ ވަރަށް ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އެތައް ގެއެއް ފެނު އަޑީގައި ހުރި އިރު، އެތައް ހާސް ބަޔަކު މިހާރު ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފަ އެވެ.

އޮސްޓްރޭލިޔާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައަކީ ލާ ނީނާ ހާލަތެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. ލާ ނީނާގެ ހާލަތުގައި މެދުތެރޭ ޕެސިފިކް ކަނޑުގެ އީކުއޭޓާ ސަރަހައްދުގެ އިރުމަތީ ބައިގެ ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން، އާންމުކޮށް ހުންނަ މިންވަރަށް ވުރެ ތިން ޑިގްރީ އާއި ފަސް ޑިގްރީއާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ އެވެ.

އެވްރެޖް ގޮތެއްގައި ލާ ނީނާގެ ހާލަތު ފަސް ވަރަކަށް މަސް ދުވަހަށް ދެމިގެން ދާނެ އެވެ. މިހާރު އޮސްޓްރޭލިޔާ އަށް ކުރިމަތިވެފައިވާ ލާ ނީނާއާ ގުޅިގެން ކުރަމުން ދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ނިއު ސައުތު ވޭލްސް އަށް ކުރިމަތިވި ފެންބޮޑުވުމުގަ އެވެ.

ގްރޭޓާ ސިޑްނީއޭ ކިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ސަރުކާރުން މިހާތަނަށް 100 އަމުރު ނެރެފި އެވެ. އަދި ބައެއް ކޯރުތައް ފުރިގެން ބަންޑުންވާން ފަށާފައިވާތީ، އިތުރު 50 ސަރަހައްދެއްގައި ދިރިއުޅޭ އާންމުން، ގެދޮރު ދޫކޮށް ދިއުމަށް ތައްޔާރުވެ ތިބުމަށް ސަރުކާރުން މިހާރު ވަނީ އަންގައިފަ އެވެ.

ސިޑްނީ އާއި ވަށައިގެންވާ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބައެއް ފަހަރަށް ވަރަށް ބާރަށް ވައި ޖެހި ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. ނިއު ސައުތު ވޭލްސްގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ސަރަހައްދަށް ހަތަރު ދުވަހުގެ ތެރޭގައި 800 މިލިމީޓަރުގެ ވާރޭ ވެހިއްޖެ އެވެ. މިއީ އިނގިރޭސި ވިލާތުގެ ލަންޑަނަށް އަހަރެއްގެ ތެރޭގައި އެވްރެޖް ގޮތެއްގައި ވާރޭ ވެހޭ މިންވަރަށް ވުރެ ތިން ގުނަ އިތުރު މިންވަރެކެވެ.

ވާރޭ ވެހޭ މިންވަރު މިއަދުން ފެށިގެން ދަށް ވާނެ ކަމަށް ލަފާކުރެވުނަސް، ވައިގެ ބާރުމިން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ބިޔަ ގަސްތައް ވެއްޓުމާއި މުލުން ލުހިގެން ދިއުމާއި ކަރަންޓު ކެނޑުމުގެ ހާދިސާތައް އިތުރުވެދާނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ލަފާކުރެ އެވެ. އެހެންކަމުން މޫސުމާ ބެހޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ނިމުމަށް އަދި ކައިރި ވެސް ނުވާ ކަމަށް ސަރުކާރުން ބުނެ އެވެ.