Roadha Mihaaru
ހޫނުގަދަވުމުން ނަފްސާނީ ގެއްލުންތައް ލިބޭ

ހޫނުގަދަވުމުން ނަފްސާނީ ގެއްލުންތައް ލިބޭ

02 ޑިސެމްބަރ 2018

އާދަޔާޚިލާފު ގަދަ ހޫނުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ސިކުނޑި އަށް އަސަރުކޮށް، ވަޒީފާއެއް ނުލިބިގެން ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރާ މިންވަރާ އެއްވަރަކަށް، ނަފްސާނީ ގެއްލުންތައް ލިބޭ ކަމަށް އޮސްޓްރޭލިއާގެ ދިރާސާވެރިންތަކެއް ބުނެފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އާދަޔާޚިލާފު ގަދަ ހޫނުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ސިކުނޑި އަށް އަސަރުކޮށް، ވަޒީފާއެއް ނުލިބިގެން ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރާ މިންވަރާ އެއްވަރަކަށް، ނަފްސާނީ ގެއްލުންތައް ލިބޭ ކަމަށް އޮސްޓްރޭލިއާގެ ދިރާސާވެރިންތަކެއް ބުނެފި އެވެ.

މެޑިކަލް ޖާނަލް އޮފް އޮސްޓްރޭލިއާ އާއި ދަ ލެންސެޓްގައި ޝާއިއުކޮށްފައިވާ ކަރުދާހެއް ބުނާ ގޮތުން، މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މައްސަލަ އާއި ނަފްސާނީ ދުޅަހެޔޮކަން ދަށަށް ދިޔުން އަދި އަމިއްލަ އަށް މަރުވުމާ ދެމެދު ގުޅުމެއްވާ ކަން ސައިންސްވެރިން މި ހޯދީ ފުރަތަމަ ފަހަރަށެވެ.

"އޮސްޓްރޭލިއާގައި، ވަޒީފާއެއް ނުލިބުމުން ކުރާ އަސަރާ އެއްވަރުގެ ގެއްލުމެއް، ހޫނުގަދަ ދުވަސްތަކުގައި މުޅި އާބާދީ އަށް ލިބޭ އަދި އަމިއްލަ ނަފްސަށް ގެއްލުން ދީގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުމުގެ ފުރުސަތު ބޮޑުވޭ،" ކަރުދާހުގައި ލިޔެފައިވެ އެވެ.

ޔުނިވާސިޓީ އޮފް ސިޑްނީގެ ޕްރޮފެސަރު ހެލެން ބެރީ ވިދާޅުވިގޮތުގައި ހޫނު ގަދަވި ވަރަކަށް ނަފްސާނީ ހާލަތު ގޯސްވެ އެވެ.

އޮސްޓްރޭލިއާގައި ގުދުރަތީގޮތުން ކުރިމަތިވާ އެންމެ ބޮޑު ގެއްލުމަކީ ހީޓް ވޭވްތަކެވެ. އަދި ކްލައިމެޓް ޗޭންޖުގެ ސަބަބުން، އެފަދަ ހޫނު ގަދަ ދުވަސްތައް އަންނަލެއް ގިނަވުމުގެ އިތުރުން ހީޓް ވޭވްގެ މުއްދަތު ދިގުވެ ހޫނުގަދަވާ މިންވަރު ވެސް ދަނީ މައްޗަށެވެ.

ހީޓް ވޭވްތަކުގެ ޖިސްމާނީ ގެއްލުންތައް ފަސޭހަ އިން އެނގުނަސް، ނަފްސާނީގޮތުން އަސަރުތަކެއް ކުރާ ކަމެއް އެހާ ބޮޑަކަށް ފާހަގައެއް ނުކުރެވެ އެވެ. އެކަން ބެލުމަށް ދިރާސާވެރިން ވަނީ މޫސުމާ ބެހޭ ބިއުރޯގެ ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިގެން، ކޮންމެ ސްޓޭޓަކާއި ސަރަހައްދެއްގެ ފިނިހޫނުމިން އެންމެ މައްޗަށް ދިޔަ މިންވަރު ހޯދައިފަ އެވެ. އަދި އެ ދުވަސްތަކުގައި އަމިއްލަ އަށް މަރުވެފައިވާ މީހުންގެ އަދަދުތައް ބެލި އެވެ. ޕްރޮފެސަރު ބެރީ ވިދާޅުވިގޮތުގައި ނަތީޖާ ދެއްކީ، އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް، ހޫނުގަދަވި ވަރަކަށް ސުއިސައިޑް އިތުރުވާ ކަމެވެ.

އެކަމަކު ފިނި ސްޓޭޓްތަކެއް ކަމަށްވާ އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ އާއި ޓެސްމޭނިއާ އިން ދިރާސާވެރިންނަށް ފާހަގަކުރެވުނީ ދިމާ އިދިކޮޅެވެ؛ ފިނި ގަދަވި ވަރަކަށް ސުއިސައިޑް ވެސް މައްޗަށް ދެ އެވެ. ބެރީ ވިދާޅުވިގޮތުގައި ފަހަރުގައި އެއިން ދޭހަވަނީ ގަދަ ހޫނުގެ އިތުރުން ގަދަ ފިނީގައި އުޅެން ޖެހުމަކީ ވެސް މީހުންނަށް ނަފްސާނީގޮތުން ތަހައްމަލްކުރެވޭ ވަރު ކަމަކަށް ނުވާ ކަމެވެ.