Roadha Mihaaru

ގޭގޭގެ ތަށިމުށިގަނޑުތައް ތަޅައިގެން ގޮސް ފުނޑުފުނޑުވުން އާންމުވެއްޖެ، މިވަނީ ކިހިނެއް؟

ސިޓިންރޫމާއި ބަދިގޭގެ ތަށިމުށިތައް ކުއްލިގޮތަކަށް މައްޗަށް އަރައިގެން ދިޔައީ "ބިންހެލުމެއް" އައި ކަމުގެ އިހުސާސާ އެކު އެވެ. ކުރިއަކުން ތަށިމުށިގަނޑުގައި ރެނދެއް ވެސް ނެތެވެ. ހަމަ ކުއްލިއަކަށް ތަށިމުށިތައް ފަޅައިގެން ދިޔަ ގޮތް ފެނިފައި ޝިފާ އާއި އޭނާގެ އާއިލާ އިން ބިރުން ދުއްވަގަތީ ބޭރަށެވެ.

ގޭގެ ތަށިމުށިތައް މައްޗަށް އަރައި ތެޅެނީ ކީއްވެ؟
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 ޖޫން 2025

ސިޓިންރޫމާއި ބަދިގޭގެ ތަށިމުށިތައް ކުއްލިގޮތަކަށް މައްޗަށް އަރައިގެން ދިޔައީ "ބިންހެލުމެއް" އައި ކަމުގެ އިހުސާސާ އެކު އެވެ. ކުރިއަކުން ތަށިމުށިގަނޑުގައި ރެނދެއް ވެސް ނެތެވެ. ހަމަ ކުއްލިއަކަށް ތަށިމުށިތައް ފަޅައިގެން ދިޔަ ގޮތް ފެނިފައި ޝިފާ އާއި އޭނާގެ އާއިލާ އިން ބިރުން ދުއްވަގަތީ ބޭރަށެވެ.

"ހެނދުނު ގަޑީގައި އަޅުގަނޑާއި މަންމަ އާއި ދަރިފުޅާއި ޅިޔަނު ސައިބޯން ވެގެން އުޅުނީ. އެ ގަޑީގައި ހަމަ ކުއްލިއަކަށް އިވެން ފެށީ ރެނދުލާ ކަހަލަ އަޑެއް. ދެން އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނީ ފްލޯ ވައިބްރޭޓްވާ ކަމަށް،" ޝިފާ ކިޔައިދިނެވެ.

އެކަމާ މެދު މާބޮޑަށް ވިސްނާލަން ފުރުސަތު ނުލިބި އުޅެނިކޮށް ގަދަ އަޑަކާ އެކު ތަށިމުށިތައް ފަޅަފަޅައިގެން ގޮސް ނެއްޓުނީ އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ހީކުރީ ބިންހެލުމެއް އައީއޭ،"

އޭނާ "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ވަގުތު ހީވީ ތިން ވަނަ ފްލޯގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުގެ ކޮންކްރީޓް ވެސް ފަޅައިގެން ގޮސް ބިންމައްޗަށް ވެއްޓެން އުޅެނީ އެވެ.

"ހީވީ ބިންގަނޑު ފަޅައިގެން ގޮސް އަހަރެމެން ވެސް މިއުޅެނީ ތިރިއަށް ވެއްޓޭށޭ. މުޅި ގެ ވެސް އަޅުގަނޑުމެން ގައި މައްޗަށް ވެއްޓޭށޭ އުޅެނީ،"

މީގެ ކުރިން އެ ކަހަލަ ކަމެއް ތަޖުރިބާ ކޮށްފައި ނުވާތީ އެއީ އެ އާއިލާ އަށް ބިރުވެރި ވަގުތުކޮޅެކެވެ. އެ ބިރުވެރިކަމުގައި އޭނާގެ މަންމަ ވެސް ހާސްވެގެން ރޯން ފެށުމުން، ގޭގެ އެންމެން ވެސް އަވަސްވެ ގަތީ ގެއިން ބޭރަށް ނުކުމެވޭތޯ އެވެ.

"މަންމަ ރޮނިކޮށް ދުވަހަކު ވެސް ނުފެނޭ. އެކަމަކު އެ ދުވަހު ވަރަށް ބާރަށް ރުއި ބިރުން. އަޅުގަނޑުމެން ބޭރަށް ނިކުތްއިރު ވެސް ތަށިމުށިތައް ފަޅައިގެން ގޮސްގެން ހަމަ މައްޗަށް އަރަމުން ދިޔައީ،"

ހާދިސާގައި އޭނާގެ ފައިން ތަންކޮޅެއް ކަނޑައިގެން ދިއުން ފިޔަވައި މާބޮޑު އަނިޔާއެއް ނުވެ އެވެ.

ޝިފާގެ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ ބިރުވެރި ވަގުތުކޮޅު ސިފަކޮށް ސީފާ، އެ ވީޑިއޯ ޓިކްޓޮކަށް ދޫކޮށްލުމުން އެނގުނީ މިއީ އޭނާއަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫންކަމެވެ. މިއީ މާލޭގައި އާންމު ކަމަކަށް ވެއްޖެ އެވެ. ހުޅުމާލެ އެކެއްގައި ހުންނަ ފްލެޓުތަކުގައި ވެސް މި މައްސަލަ ބޮޑެވެ.

އިތުރު އެހެން މީހަކު ކިޔައިދިން ގޮތުގައި އޭނާގެ ގޭގެ ތަށިމުށިގަނޑުތައް މައްޗަށް އެރީ ގެއިން ބޭރުގައި އުޅެނިކޮށެވެ. ގެއަށް ވަނުމަށް ދޮރު ހުޅުވަން މަސައްކަތް ކޮށްގެން ވެސް ނުވަދެވުނީ ދޮރުގެ ފަހަތުން ތަށިމުށިގަނޑުތައް މައްޗަށް އަރާފައި އޮތުމުންނެެވެ. އެ ގެ އަށް ވެސް އެކަން ދިމާވީ ހަމަ ކުއްލިއަކަށް ކަމަށާއި ކުރިން ރެނދެއް ނެތް ކަމަށް އޭނާ ބުންޏެެވެ.

@squirrel.creature Most terrifying moment of my life ? Still can’t wrap my head around this. #scary #fear #maldivestiktok #maldives #malecity ♬ Suspense, horror, piano and music box - takaya

ބައެއް ގޭގައި ތަށިމުށިގަނޑު ހަމަ އެއް ވަރެއްގައި ހުރެފައި ވަކި ދިމާލަކުން ފުފިފައި ހުންނަ ކަހަލަ ގޮތަކަށް މައްޗަށް އަރަނީ އެވެ. އެހެން ދުވަސްކޮޅެއް ވަންދެން ހުރެފައި ދެން ތަށިމުށިގަނޑުތައް ފަޅައިގެންދާ މައްސަލަ ވެސް އުޅެ އެވެ.

އެެންމެނަށް ވެސް މިކަމުގެ ތެރެއިން ކުރެވުނީ ބިރުވެރި ތަޖުރިބާ އެކެވެ.

ތަށިމުށިގަނޑު ނެއްޓުމާއި ފިނިހޫނުމިނާ ގުޅިފައި؟

އިމާރާތް ކުރުމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި މިހާރަކަށް އައިސް މާލޭގައި މިއީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. އެކަމަކު އެކަން ދިމާވަނީ ހަމައެކަނި ބާ އިމާރާތްތަކަކަށް ނޫނެވެ. ދެ އަހަރު، ތިން އަހަރު ވެފައިވާ އިމާރާތްތަކަށް ވެސް މިކަން އެބަ ދިމާވެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ތިރީހަކަށް އަހަރު އުޅުއްވާފައިވާ މުހައްމަދު ހާޝިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އަލަށް ހަދާ ތަންތަނުގައި ވެސް ތަށިމުށިގަނޑުތައް މައްޗަށް އަރާ މައްސަލަ ވަރަށް އާންމުވެއްޖެ އެވެ. އެކަން ދިމާވާ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ.

ހާޝީމް ވިދާޅުވީ މަސައްކަތް ކުރުމުގެ ދާއިރާގެ ވައްޓަފާޅި ހުންނަ ގޮތުންނާއި އެ މަސައްކަތް ކުރުމުގެ ހުނަރުވެރިކަން ދަށްވުމުގެ ސަބަބުން ވެސް މިކަން ދިމާވާ ކަމަށެވެ. އަދި ބޭނުންކުރާ މެޓީރިއަލް، ރާއްޖޭގެ މާހައުލާ ނުގުޅުމާއި އެ މެޓީރިއަލްގެ މިކްސިން ރޭޝިއޯ ނުގުޅުން ފަދަ ކަންކަމުގެ ސަބަބުން ވެސް ތަށިމުށިގަނޑު ނައްޓައިގެން ގޮސް މައްޗަށް އެރުމުގެ މައްސަލަ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓައިލްސްތައް ނައްޓާފައި.

ޓައިލްސްތައް ނައްޓާފައި.

ތަށިމުށި ޖަހަން ބޭނުންކުރާ ތަން ރަނގަޅަށް ތައްޔާރު ނުކޮށް، އަވަސް އަރުވާލައިގެން އެކަން ކުރުމުން ވެސް މި މައްސަލަ ނުކުމެ އެވެ.

"މިހާރު ސިމެންތި ފާރުގައި ޖަހަންޏާ ފާރު ރަނގަޅަށް ތެންމާފައި މި ޖަހަން ޖެހެނީ. ތަށިމުށި ޖަހާއިރު ވެސް އެ ތަޅުންގަނޑު އެބަ ޖެހޭ ރަނގަޅަށް ތައްޔާރު ކުރަން. އެކަހަލަ ބައެއް ކަންކަން ވެސް އެބައުޅޭ،" ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަދި ގިނަ އިމާރާތްތަކެއް ހަދަމުން ދިޔައިރު ސުޕަވައިޒު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ސިވިލް އިންޖިނިއަރު ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި ރާއްޖޭގައި އެކަން ދިމާވަނީ "ތާމަލް އެކްސްޕެންޝަން" ގެ ސަބަބުންނެވެ. އެއީ ކޮންމެ މެޓީރިއަލަކަށް ވެސް ފިނިހޫނުމިނުގައި އަންނަ ބަދަލުގެ ސަބަބުން އެކްސްޕެންޑު ވާތީ ދިމާވާ ކަމެކެވެ.

"ތާމަލް އެކްސްޕެންޝަނުން، ކޮންސްޓްރަކްޝަނަށް ބޭނުންވާ ޖާގަ މުށިޖަހާއިރުގައި ނުދެވެނީ،" ސިވިލް އިންޖީނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ހާޝިމް ވިދާޅުވި އެވެ.

"އެއީ ވެސް މަސައްކަތްކުރާ ގޮތް ރަނގަޅަށް ނޭނގުމުގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ،"

މުށި ޖަހާފައި ހުންނައިރު ތާމަލް އެކްސްޕެންޝަނަށް ޖާގަ ނުދޭ ނަމަ މުށިތައް ނައްޓައި މައްޗަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑުވެ އެވެ.

"މުށި ޖަހާފައި ހުންނައިރުގައި މި ދެންނެވި ގޮތަށް ތާމަލް އެކްސްޕެންޝަނަށް ޖާގަ ނުދީ މުށި ޖަހާފައި ހުރިއްޔާ އެކްސްޕެންޑް ވާން ބޭނުންވާއިރު އެ ޖާގަ ނެތިއްޔާ ފިތެމުން ފިތެމުން ގޮސް ޕައްކިޔާފައި މައްޗަށް އަރަނީ،" ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަމެއް ކުއްލިއަކަށް ނުވެދާނެ ކަމަށެވެ. އެކަމަކު ތަށިމުއްޓަށް އެ އަންނަ ބަދަލަކީ ލޮލަށް ނުފެންނަ މިންވަރަށް އަންނަ ބަދަލަކަށް ވާތީ އެފަދަ ކަމެއް ހިނގުމަށް ވަގުތު ނަގާފާނެ ކަމަށެވެ.

ހާޝިމް ވިދާޅުވިގޮތުގައި ހޫނުވެފައި ފިނިވެފައި މި އަންނަ ބަދަލުތަކުގެ ދަށުން ތަށިމުށި އެކްސްޕެންޑްވާއިރު، މަސައްކަތްކުރާ މީހާއަށް އެކަން އެނގިފައި އޮތުން މުހިންމެވެ.

އެއް ތަށިމުށި، އަނެއް ތަށިމުއްޓާ ޖައްސައިގެން ވަރަށް ގިނަ ތަންތަން ހަދާފައި ހުރެ އެވެެ. އެކަމަކު އެގޮތަށް ހުންނައިރު ވެސް ވަކި ހިސާބަކުން ކޮންމެވެސް ވަރެއްގެ ގެޕެއް، އެކްސްޕެންޝަން ޖޮއިންޓާ އެކު ބައިންދާ ނަމަ ވެސް އެކަން ދިމާ ނުވާނެ ހާޝިމް ވިދާޅުވި އެވެ.

"މިސާލަކަށް ކޮޓަރިއެއްގައި މުށި ޖަހަންޏާ ނޫނީ ސިޓިންރޫމުގައި ޖަހާފައި ހުންނައިރު ފާރާ ދޭތެރޭގައި ކޮންމެވެސް ވަރެއްގެ ގެޕެއް، ކޮލެޕްސިބްލް ޖޮއިންޓެއް ނުވަތަ ބޯޑަރު އަޅައިގެން ވެސް ނިވާ ކުރެވިދާނެ، ގެޕެއް ގޮތުގައި ބައިންދަން ބޭނުން ނުވަންޏާ ސިލިކޯނު ކަހަލަ އެއްޗެއް އަޅައިގެން ބެއްދޭނެ،"

ހާޝިމް ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ހުންނަނީ ތަށިމުށި ޖަހައި ސިމެންތި އަޅާ ބައްދާފައި ކަމަށެވެ. އޭގެ ސަބަބުން އެކްސްޕެންޑު ވާން ޖާގަ ނުލިބި ވެސް ތަށިމުށިތައް މައްޗަށް އަރައިގެންދާ މައްސަލަ ބޮޑެވެ.

އޭނާ ވިދާޅުވީ ގެ ކައިރީގައި އެހެން އިމާރާތެއް ހަދަމުން އަންނައިރު ފައުންޑޭޝަން އެޅުމަށް ފެން ބޭރުކުރާއިރު ވެސް މިކަން ދިމާވާ ކަމަށެވެ.

ޓައިލްސްތައް ނައްޓާފައި.

ޓައިލްސްތައް ނައްޓާފައި.

ހާޝިމް ވިދާޅުވި ގޮތުގައި އެ ފެން ނަގާއިރު ދުރު ހިސާބުތަކުގެ ފެނާއި ވެލި ކުޑިތައް ވެސް ނެގެ އެވެ. އެހެންވެ، ބިމަށް އަންނަ އެ މޫވްމަންޓުގެ ސަބަބުން ދުރުގައި ހުންނަ ގެއަކަށް ވެސް އަސަރު ކޮށްފާނެ ކަމަށާއި އެކަމަކު އެއީ ލޮލަށް ވަގުތުން ނުފެންނަ ވަރުގެ އަސަރަކަށް ވެސް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"އިމާރާތެއް ކޮނެ ފެން ބޭރުކުރާއިރު އެ އިމާރާތެއްގެ ފައުންޑޭޝަނާ ދިމާލަކުން އެކަންޏެއް ނޫން އެ ފެން ބޭރުކުވަނީ. ފުދޭވަރަކަށް ބޮޑު ރޭޑިއަސް އަކުން އެ ފެން އަންނަނީ. އެ އަންނައިރުގައި އަންނާނެ ބިމުގައި ހުންނަ ހިމުން ވެއްޔާ އެއްކޮށް. ބިމަށް އަންނާނެ ކޮންމެވެސް ވަރެއްގެ މޫވްމަންޓުތަކެއް. އޭގެ ސަބަބުން ހަދާފައި ދުރުގައި ހުންނަ އިމާރާތްތަކަށް ވެސް އަސަރުކޮށްފާނެ،" އޭނާ ވިދާޅުވި އެވެ.

"އިމާރާތަށް އަންނަ ކުދިކުދި މޫވްމަންޓުތަކުގައި ވެސް ތަށިމުށި އެރުމުގެ ފުރުސަތު އޮވޭ."

ދެން ހެދޭނީ ކިހިނެއް؟

ހާޝިމް ވިދާޅުވީ އާންމުކޮށް ދިމާވާ މި ކަމަކީ ހައްލުކުރަން އުނދަގޫ އަދި ހަރަދު ވެސް ބޮޑު ކަމެކެވެ. އެހެންވެ ދާއިރާގެ ފަންނީ ގާބިލު މީހުންގެ އެހީގައި އިމާރާތްކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އިމާރާތް ކުރުމުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ހަދާފައިވާ ބައެއް އިމާރާތްތަކުގައި ވެސް މި މައްސަލަ ދިމާވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، އެ މަސައްކަތުގައި އުޅޭ މީހުންނަށް ތަމްރީނުދީގެން ނޫން ގޮތަކަށް މިކަން ރަނގަޅު ނުކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ކުންފުނިތަކުން ވެސް މިކަމުގައި ހަރަކާތްތެރިވާ މީހުންނަށް ދޭން ޖެހޭ ތަމްރީނުތައް ދީގެން، ބުނެދެވިން ރަނގަޅު ކުރެވޭނީ މިކަންކަން. ވަރަށް ފަހުން އަދި ހަމަ ބޮޑެތި ކުންފުނިތަކުން ހަދާފައި ހުރި ބޮޑެތި ބިލްޑިންގުތަކުގައި ވެސް މި މައްސަލަ އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

އިމާރާތް ކުރާއިރު ވެރިފަރާތުން އެ މަސައްކަތް ބެލެެހެއްޓުމުގެ ގޮތުން އިންޖީނިއަރުން ލައްވައި އެކަންކަން ކުރުވާ ނަމަ ވެސް މި މައްސަލަ ދިމާވުން މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މައްސަލަ ދިމާވާ ސަބަބު ހޯދައިގެން ކަންކަން ކުރާ ނަމަވެސް މިކަމަށް ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވީމަ، އިމާރާތްކުރުމުގައި މި ކަންކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެވޭ ނަމަ ބޮޑު ހަަރަދެއްކޮށްގެން ދެވަނަ ފަހަރަށް މަސައްކަތްކުރުމުން ސަލާމަތްވެވިދާނެ އެވެ.