Roadha Mihaaru
އެސްޓީއޯއިން "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ

އެސްޓީއޯއިން ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ

05 ޖޫން 2021

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފު ކުރަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފު ކުރަން ތައްޔާރުވެއްޖެ އެވެ.

ގްރީން ކޮންކްރީޓަކީ ތިމާވެއްޓާއި ރައްޓެހި ކޮންކްރީޓެކެވެ. މި ކޮންކްރީޓުން ޖައްވަށް ބެރުކުރާ ކާބަންޑައޮކްސައިޑް 30 ޕަސެންޓަށް ކުޑަކޮށްދެ އެވެ.

އެސްޓީއޯއިން ބުނީ މި ކޮންކްރީޓަކީ އެހެން ކޮންކްރީޓާ ހިލާފަށް ގުދުރަތީ ބާވަތްތަކާއި ރިސައިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ކޮންކްރީޓެއް ކަމަށެވެ. އަދި މި ކޮންކްރީޓު މިއަހަރުގެ ސެޕްޓެމްބަރު މަހު ތައާރަފު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް ސަޕްލައި ކުރާ ވެހިކަލްތައް ބޭނުންކޮށްގެންނެވެ.

އެސްޓީއޯއިން މިހާރު ވެސް އަންނަނީ ތިމާވެއްޓާ ރައްޓެހި އިމާރާތް ކުރުމުގެ ސާމާނު ވިއްކަމުންނެވެ. މީގެ ތެރޭގައި "ރެނާކޮން" ގާ ހިމެނެ އެވެ. ދެ ހާސް ނަވާރަ ވަނަ އަހަރު ބާޒާރަށް ނެރުނު މި އުފެއްދުމަކީ މިހާރު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައވާ އުފެއްދުމެކެވެ. ރެނަކޮން ގަލަކީ "އީކޯ ފްރެންޑްލީ" ދަރަޖަ ލިބިފައިވާ ރީސައިކަލް މާއްދާތައް އެކުލަވައިގެން އުފައްދާ ގަލެކެވެ.