Roadha Mihaaru
އެސްޓީއޯއިން 25 ބުރީގެ އިމާރާތެއް އަޅަނީ

އެސްޓީއޯއިން 25 ބުރީގެ އިމާރާތެއް އަޅަނީ!

07 އޯގަސްޓް 2024

އެސްޓީއޯ އިން 25 ބުރީގެ ކޮމާޝަލް ބިލްޑިންގެއް މާލޭގައި އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އިން 25 ބުރީގެ ކޮމާޝަލް ބިލްޑިންގެއް މާލޭގައި އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، އެ ކުންފުންޏަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ކުޑަވުން ކަމަށެވެ. އަލަށް ހަދަން ހުޅުވާލި އިމާރާތާ އެކު، އެސްޓީއޯ ހެޑް އޮފީހަށް ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އިމާރާތުގައި މުވައްޒަފުން މަސައްކަތް ކުރުމުގެ ޖާގައިގެ އިތުރުން ވިޔަފާރީގެ ކަންކަމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އާ އިމާރާތް ހަދަނީ 1،393 އަކަމީޓަރުގެ ޖާގައިގެ ސަރަހައްދެކެވެ. އެތަން ހަދަނީ އެސްޓީއޯގެ މިހާރުގެ ހެޑް އޮފީސް އިމާރާތާ ޖެހިގެން އޮންނަ ހުސް ބިމުގަ އެވެ.

އެ އިމާރާތް ހަދައިދޭން ބޭނުންވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

ޝައުގުވެރިކަން ފާޅުކުރާ ކޮންޓްރެކްޓަރުންގެ ތެރެއިން ޝޯޓްލިސްޓު ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯ އިން ދޭނެ އެވެ.