Roadha Mihaaru

ހޮނުއެޅުމުގެ ސަބަބުން އިންޑިއާއިން 33 މީހަކު މަރުވެއްޖެ

އިންޑިއާގެ އިރުމަތީ ސަރަހައްދަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން މި ހަފްތާ ތެރޭ 33 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.

ހޮނުއެޅުމުގެ ސަބަބުން އިންޑިއާއިން 33 މީހަކު މަރު

އިންޑިއާގެ އިރުމަތީ ސަރަހައްދަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން މި ހަފްތާ ތެރޭ 33 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.

ބިހާރު ސްޓޭޓްގެ ޑިޒާސްޓަ މެނޭޖްމަންޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިމަތިވި ބާރުގަދަ ތޫފާނުގެ ތެރޭގައި ބިހާރުން މީހުން މަރުވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ދަނޑުވެރިންނާއި ބޭރުގައި މަސައްކަތްކުރަން އުޅުނު މީހުން ކަމަށެވެ.

އެ ސްޓޭޓްގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

ބިހާރު ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރު ވިޖޭ ކުމާރު މަންޑަލް އޭއެފްޕީއަށް ވިދާޅުވީ ހޮނުއެޅުމުގެ ނުރައްކާ ބޮޑު ހިސާބުތަކުގައި މީހުން އެކަމަށް ހޭލުންތެރިކޮށް، މޫސުމީ އިންޒާރުތަކާ އެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލަފާ ދެމުން އަންނަ ކަމަށެވެ.

ވިއްސާރައިގައި މަރުވި މީހުންގެ އާއިލާތަކަށް ހަތަރު މިލިއަން ރުޕީސް (4،600 ޑޮލަރު) ގެ ބަދަލެއް ދޭން ސްޓޭޓް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސްޓޭޓް ސަރުކާރުން ބުނި ގޮތުގައި މިދިޔަ އަހަރު ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން 243 މީހުން މަރުވެފައިވާއިރު އޭގެ ކުރީ އަހަރު 275 މީހަކު މަރުވި އެވެ.

ބިހާރު ހިމެނޭ އިންޑިއާގެ އިރުމަތީ ސަރަޙައްދަކީ ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމުގެ ނުރައްކާތެރި އެކި ހާދިސާތައް އާންމު ހިސާބެކެވެ.

އިންޑިއާގެ އެކި ހިސާބަށް ވިއްސާރަކޮށް ގެއްލުންވަމުން ދާއިރު ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ވެސް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ތަޖުރިބާކާރުން މިދިޔަ އަހަރު އިންޒާރު ދީފައިވާ ގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އިންޑިއާގައި ދަނީ ހޮނުއެޅުމުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި މިފަދަ ހާދިސާތަކުގައި އަހަރަކު 1،900 ވަރަކަށް މީހުން މަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ފަކީރު މޯހަން ޔުނިވާސިޓީގެ ދިރާސާއެއްގައި ސައިންސްވެރިން ބުނެފައިވާ ގޮތުގައި 1967 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު، ހޮނު އެޅުމުގެ ސަބަބުން 101،309 މީހުން މަރުވެފައިވެ އެވެ. އަދި މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 2010 އާއި 2020 އާ ދެމެދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.