Roadha Mihaaru
ހޮނުއެޅުން އިންޑިއާގައި އާދަޔާ ހިލާފަށް އިތުރުވެއްޖެ

ހޮނުއެޅުން އިންޑިއާގައި އާދަޔާ ހިލާފަށް އިތުރުވެއްޖެ: ސައިންސްވެރިން

28 އޯގަސްޓް 2024

ހޮނުއެޅުމުގެ ނުރައްކާތެރި ހާދިސާތައް އިންޑިއާގައި އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށާއި މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދިމާވީ މި ނުރައްކަލުގައި އިންޑިއާއިން އަހަރަކު 1،900 މީހުން މަރުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ހޮނުއެޅުމުގެ ނުރައްކާތެރި ހާދިސާތައް އިންޑިއާގައި އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށާއި މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދިމާވީ މި ނުރައްކަލުގައި އިންޑިއާއިން އަހަރަކު 1،900 މީހުން މަރުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ފަކީރު މޯހަން ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަށް ފަހު ބުނީ 1967 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު، ހޮނުއެޅުމުގެ ހާދިސާތަކުގައި 101،309 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 2010 އާއި 2020 އާ ދެމެދު މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

"މިކަމުން އެނގެނީ ހޮނުއެޅުމުގެ ހާދިސާތައް ކޮންމެ އަހަރަކު ވެސް އިންޑިއާގައި އިތުރުވަމުންދާކަން އަދި މޫސުމީ ބަދަލުތަކާ އެކު ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ލިސްޓުގައި މި ނުރައްކާ ވެސް ހިމެނޭކަން،" ސައިންސްވެރިންގެ ރިޕޯޓްގައި ބުންޏެވެ.

މި ރިޕޯޓްގައި ބަލާފައިވަނީ ހޮނުއެޅުމުގެ ހުރިހާ ހާދިސާތަކެއްގެ ބަދަލުގައި ހޮނުއަޅައިގެން މީހުން މަރުވި ހާދިސާތަކަށް އެކަންޏެވެ. ސައިންސްވެރިން ބުނި ގޮތުގައި، ހޯދުންތަކުން ދައްކަނީ ހޮނުއެޅުމުގެ ހާދިސާތައް އިންޑިއާގައި ލަފާކުރަން އުނދަގޫ ހާލަތަކަށް ގޮސްފައިވުމެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1967 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ކޮންމެ ސްޓޭޓަކުން މިފަދަ ހާދިސާތަކުގައި އެވްރެޖްކޮށް އަހަރަކު މަރުވާ މީހުންގެ އަދަދު 38 ގައި ހުރުމަށް ފަހު 2003 އިން 2020 އަށް ވަނީ 61 އަށް އިތުރުވެފަ އެވެ.

ހޮނުއެޅުން އިންޑިއާގައި އެންމެ ގިނައީ ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އޮންނަ ވިއްސާރަ މޫސުމުގެ ތެރޭގަ އެވެ. އެކަމަކު ސައިންސްވެރިން ބުނާ ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން، ހޮނުއެޅުމުގެ ހާދިސާތައް އަވަސްއަވަހަށް ކުރިމަތިވެ އެވެ.

އިންޑިއާގައި ހޮނުއަޅައިގެން މަރުވާ މީހުންގެ އަދަދު ގިނަވެފައިވާ އެއް ސަބަބަކީ އެފަދަ ހާދިސާތައް ހިނގާނެ ކަމަށް ލަފާކޮށް ކުރިއާލައި އިންޒާރު ދެވޭނެ ފުރިހަމަ ނިޒާމެއް ނެތުމާއި މިފަދަ ކަންކަމަށް މީހުންގެ ހޭލުންތެރިކަން ވެސް ކުޑަވުން ކަމަށް ސައިންސްވެރިން ބުންޏެވެ. ހޮނުއަޅާއިރު އެއްފަހަރާ ގިނަ އަދަދެއްގެ މީހުން މަރުވުން ވެސް އާންމުވަމުން އަންނަ ކަމަށާއި އެހެން ދިމާވަނީ ވިއްސާރަވެ ވިދާ ގުގުރާއިރު ދަނޑުވެރިންގެ ގިނަ ބަޔަކު އެއްކޮށް ގޮސް ގަސްގަހުން ހިޔާވަހިކަން ހޯދަން ތިބޭ ތިބުމުގައި ކަމަށް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ