Roadha Mihaaru
ލަންޑަނުގައި ދެ އިމާރާތެއް ޕޫލަކުން ގުޅުވާލައިފި

ލަންޑަނުގައި ދެ އިމާރާތެއް ޕޫލަކުން ގުޅުވާލައިފި

07 ޖޫން 2021

އިނގިރޭސިވިލާތުގެ ލަންޑަނުގައި، ކައިރީގައި ހުރި އުސް ދެ އިމާރާތެއްގެ މަތިން ސްވިމިން ޕޫލަކުން ގުޅުވާލައި ބޭނުންކުރަން ފެށުމާ އެކު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ލަންޑަނުގައި، ކައިރީގައި ހުރި އުސް ދެ އިމާރާތެއްގެ މަތިން ސްވިމިން ޕޫލަކުން ގުޅުވާލައި ބޭނުންކުރަން ފެށުމާ އެކު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ޓްރާންސްޕޭރަންޓްކޮށް ހަދާފައިވާ 25 މީޓަރުގެ މި "ސްކައި ޕޫލް" އޮންނަނީ ލަގްޒަރީ ފްލެޓްތައް ހިމެނޭ 10 ބުރީގެ ފްލެޓް އިމާރާތް "އެމްބަސީ ގާޑެންސް" ގެ މަތީގަ އެވެ. ދެ އިމާރާތުގެ ދޭތެރޭ މަތީގައި ހަދާފައިވާ ޕޫލް އޮތީ ބިމުން ފެށިގެން 35 މީޓަރު (115 ފޫޓް) މަތީގަ އެވެ.

މި ޕޫލްގެ ތެރޭގައި ފަތާއިރު އޭގެ ތެރޭގައި ތިބޭ މީހުންގެ ހަރަކާތްތައް ބިމުގައި ތިބޭ މީހުންނާއި ވަށައިގެން ހުރި އިމާރާތްތަކުގައި ތިބޭ މީހުންނަށް ވެސް ވަރަށް ރީތިކޮށް ފެންނާނެ އެވެ. އަދި ޕޫލުގެ ތެރޭގައި ތިބޭ އިރު ވެސް ސިޓީގެ ވިއު ވަރަށް ރީތިކޮށް ފެންނާނެ އެވެ.

އޭގެ ތެރޭގައި ތިބޭ އިރު ފެންނާނެ ހާއްސަ ތަންތަނުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ދަ ޕެލެސް އޮފް ވެސްޓްމިންސްޓާ ހިމެނެ އެވެ.

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސްކައިލް ޕޫލްގެ ގޮތުގައި ހެދި މި ޕޫލް ހުޅުވައި ބޭނުން ކުރަން ފެށީ މިދިޔަ މަހުގެ 19 ގަ އެވެ.

އެއަށް ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ފާޑުކިޔައި ބުނެފައި ވަނީ ދެ އިމާރާތެއް ޕޫލަކުން ގުޅުވައިލުމަށް ވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ މި ޒާތުގެ ކަންކަމުން ގަންނަނީ ބިރު ކަމަށެވެ. އެހެންވެ އެ ޕޫލަށް އެރެން ނުކެރޭނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެެވެ.

ހަލް ކިޔާ ކުންފުންޏަކުން ހެދި މި ޕޫލް ބާރަ އިންޗީގެ ބޯމިން ހުރި ވަރުގަދަ އެކްރީލިކް ޝީޓްތައް ބޭނުންކޮށްފަވާ ޕޫލްގެ ދިގުމިނުގައި 25 މީޓަރު ހުރެ އެވެ. އަދި ފުޅާމިނަކީ ފަސް މީޓަރަވެ. ފުންމިނަކީ ތިން މީޓަރު (10 ފޫޓް) އެވެ. މިއަށް 375 ޓަނުގެ ފެން ބޭނުންވެ އެވެ.

ދެ އިމާރާތް ޕޫލަކުން ގުޅުވާފައި އޮތް އިރު، ދެ އިމާރާތުގެ ޓެރަސް ވެސް އޮތީ ޕޫލް ބޭނުންކުރާ މީހުންނަށް ހާއްސަ ވަސީލަތްތަކާ އެކީގަ އެވެ.