Roadha Mihaaru
އިނގިރޭސި ފުލުހުންނަށް އިތުރު ބާރު ދެނީ

މުޒާހަރާ ހުއްޓުވަން އިނގިރޭސި ފުލުހުންނަށް އިތުރު ބާރު ދެނީ

16 ޖެނުއަރީ 2023

މުޒާހަރާ ކުރުމުގެ ނަމުގައި މަގުތައް ބަންދުކުރުމާއި، މުޒާހަރާތަކުގައި މާ މަޑުން ހިނގައިގެން، އެއްގަމު ދަތުރުތަކަށް ހުރަސްއަޅަމުންދާ މައްސަލަ ބޮޑުވުމާ ގުޅިގެން، އެފަދަ މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުންނަށް އިތުރު ބާރުތައް ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.

މުޒާހަރާ ކުރުމުގެ ނަމުގައި މަގުތައް ބަންދުކުރުމާއި، މުޒާހަރާތަކުގައި މާ މަޑުން ހިނގައިގެން، އެއްގަމު ދަތުރުތަކަށް ހުރަސްއަޅަމުންދާ މައްސަލަ ބޮޑުވުމާ ގުޅިގެން، އެފަދަ މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުންނަށް އިތުރު ބާރުތައް ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.

ބޮޑުވަޒީރު ރިޝީ ސުނަކްގެ ސަރުކާރުން އިއްޔެ ބުނި ގޮތުގައި، އާންމު ނިޒާމާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލް، ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އެ ބިލުން ކޮށްދޭ ކަމަކީ، މިހާރު އެ ގާނޫނުގައި ބުނެފައިވާ ބައެއް ލަފްޒުތައް އިތުރަށް މާނަކޮށްދީ، އެ މާނަކުރުމުގެ ތެރެއިން ފުލުހުންނަށް އިތުރު އިޚްތިޔާރުތަކާއި ބާރުތައް ދިނުމެވެ.

އެ ގޮތުން އާންމު ނިޒާމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި އޮންނަ، ސީރިއަސް ހަމަނުޖެހުން ނުވަތަ ނުރައްކާތެރި ހަމަނުޖެހުން، އިތުރަށް މާނަކޮށްދީ އެ މާނަކުރުން ފުޅާކޮށްދޭނެ އެވެ. އެފަދަ ލަފްޒުތަކުގެ މަފްހޫމު ފުޅާކުރުމުން، މުޒާހަރާތައް ހުއްޓުވުމަށް އަވަހަށް ފިޔަވަޅު އެޅުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ލިބޭނެ އެވެ.

އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި މުޒާހަރާތަކުގައި "ގޮރިއްލާ" އުކުޅުތައް ބޭނުންކުރުން ހުއްޓުވުމަށް، މިހާރު ވެސް ފުލުހުންނަށް ވާނީ އިތުރު ބާރުތަކެއް ދީފަ އެވެ. ގޮރިއްލާ އުކުޅުތަކުގެ ގޮތުގައި މާނަކުރަނީ، އެ ގައުމެއްގެ އާންމު ދަތުރުފަތުރުގެ ވިއުގަ އަށް ހުއްޓުން އަރާ ފަދަ، ނުވަތަ ތެލާއި ގޭހުގެ ބާވަތްތައް އާންމުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ނިޒާމަށް ބުރޫ އަރާފަދަ ގޮތަކަށް، ހިންގާ އަމަލުތަކެވެ.

އެ މަގްސަދުގައި، މުޒާހަރާ ކުރާ މީހުން ބައެއް ހާލަތްތަކުގައި ކުރާ ކަމަކީ، އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި އިށީނދެގެން ނުވަތަ އޮށޯވެގެން އަދި ބައެއް ފަހަރު، ގައިގައި ތެރަސް ލައިގެން އެކި ތަންތަނުގައި ތަތްވެގެން ތިބުމެވެ. މިފަދަ އަމަލުތަކުން، އާންމު ދަތުރުފަތުރަށާއި މަގުތަކުގެ ބޭނުން ހިފާ މީހުންނަށް ހުރަސް އެޅުމަކީ، ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

"މުޒާހަރާ ކުރުމަކީ އަހަރެމެންގެ ޑިމޮކްރެސީގެ އަސާސީ މަބްދައެއް. ނަމަވެސް އެއީ ހިފެހެއްޓުމެއް ނެތި މުތުލަގު ގޮތެއްގައި ދީފައި އޮންނަ ހައްގެއް ނޫން،" އިނގިރޭސި ސަރުކާރުން ރޭ އާންމުކުރި ބަޔާނެއްގައި، ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވި އެވެ.

"އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ހުރަސް އެޅޭ ގޮތަށް، މަދު ބަޔަކު ނުކުމެ މުޒާ ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން، އަދި އަހަރެމެން އެކަން ހުއްޓުމަކަށް ގެންނާނަން."

މުޒާހަރާތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމަށް ހުރަސް އެޅުން ހުއްޓުވުމުގެ ގޮތުން، ބޮޑުވަޒީރު ރިޝީ ސުނަކްގެ ސަރުކާރުން އާ ފިޔަވަޅުތަކެއް މި އަޅަނީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުން ހިންގާ ހަރަކާތްތަކުން އާންމު ދަތުރުފަތުރަށް ހުރަސްއެޅުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިވެސް، ތިމާވެށީގެ ހިމާޔަތުގައި މުޒާހަރާ ކުރި ބަޔަކު ވަނީ. އިނގިރޭސި ވިލާތުގެ އެންމެ ކާރުބާރު ބޮޑު މަގު ކަމަށްވާ، ލަންޑަންގެ ވަށައިގެން އޮންނަ، 188 ކިލޯމީޓަރު ދިގުމިނުގެ، އެމް25 މަގު ބަންދުކޮށް، އާންމު ދަތުރުފަތުރު ހުއްޓުމަކަށް ގެނެސްފަ އެވެ.