Roadha Mihaaru
ކޯރެއްގެ ތެރޭގައި ފްލޯޓިން ޕޫލެއް ހަދަނީ

ނިއު ޔޯކްގެ ކޯރެއްގެ ތެރޭގައި ފްލޯޓިން ޕޫލެއް ހަދަނީ

22 މެއި 2021

އެމެރިކާގެ ނިއު ޔޯކްގައި އޮލިމްޕިކް ސައިޒްގެ ފްލޯޓިން ޕޫލެއް ކޯރެއްގެ ތެރޭގައި ހަދަން ތައްޔާރީތައްވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ނިއު ޔޯކްގައި އޮލިމްޕިކް ސައިޒްގެ ފްލޯޓިން ޕޫލެއް ކޯރެއްގެ ތެރޭގައި ހަދަން ތައްޔާރީތައްވާން ފަށައިފި އެވެ.

އެ ސިޓީގެ އީސްޓް ރިވާގެ ތެރޭގައި ހަދާ ޕޫލްގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ މީގެ 10 އަހަރު ކުރިންނެވެ. އެއާ އެކު ޕޫލް ތަރައްގީކުރަން ބޭނުންވާ ފައިސާ ހޯދުމާއި އެކަމާ ގުޅޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތައް ވަނީ ކޮށްފަ އެވެ. ޕޫލްގެ މަސައްކަތް ކުރަން މިހާރު ވަނީ ރަސްމީކޮށް ހުއްދަ ވެސް ދީފަ އެވެ.

ކޯރުގެ ތެރޭގައި ފްލޯޓިން ޕޫލް ހަދާ އިރު، ފުރަތަމަ ކުރަންޖެހޭ ކަމަކަށް އޮތީ އޭގެ ތެރޭގައި ފްލޯޓިން އައިލެންޑެއް ހަދައި އޭގެ މަތީގައި ޕޫލް ހެދުމެވެ. މިއީ އޭގެ އަމިއްލަ ޒާތުގައި އޭގެ ފެނާއި ކޯރުގެ ފެން ވެސް ފިލްޓަކޮށް ސާފުކޮށްދޭ ގޮތަށް ހަދާ ޕޫލެކެވެ.

މި ޕޫލަށް ދީފައިވާ ނަމަކީ "ޕްލަސް ޕޫލް" އެވެ. އެ ނަން ދީފައި ވަނީ ޕްލަސް ސައިންގެ ބައްޓަމަށް ޕޫލް ހަދާތީ އެވެ. ޕޫލްގެ ހަތަރު ދިމާ ހާއްސަކުރާނީ އެކި ގިންތީގެ މީހުންނަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ކުޅިވަރަށް ފަތާ މީހުންނާއި ސްވިމިން ލެޕްސް އަދި ލައުންޖިން ހިމެނެ އެވެ. ޕޫލް ހަދާނީ ފިނި މޫސުމާއި ހޫނު މޫސުގައި ވެސް ދައްޗެއް ނެތި ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފިނި މޫސުމުގައި ޕޫލް ހޫނުކުރަން އިރުގެ ހަކަތަ ބޭނުންކުރެވޭ ނިޒާމެއް ވެސް ގާއިމުކުރާނެ އެވެ.

މި ޕޫލް އެއްފަހަރާ 300 މީހުންނަށް ބޭނުން ކުރެވޭނެ އެވެ. ޕޫލް ހަދައި ބޭނުންކުރަން ފެށުމާ އެކު، ދުވާލެއްގެ މައްޗަށް އެ ބޭނުންކުރާ މީހުންގެ އަދަދަކަށް އަންދާޒާކޮށްފައި ވަނީ 1،800 އެވެ.

"ޕްލަސް ޕޫލް" އަށް ހަދަން ހޭދަވާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 20 މިލިއަން ޑޮލަރެވެ. މި މަޝްރޫއަކީ ބޮޑަށް ކްރައުޑް ފަންޑިންގެ ތެރެއިން ކުރިއަށް ގެންދާ ކަމަކަށްވާތީ ގިނަ ބައެއްގެ އެހީ ލިބޭނެ އެވެ. ހާއްސަކޮށް، ޕޫލަށް ބޭނުންވާ ޓައިލްސް އަކީ އާންމުންގެ ފަރާތުން ލިބޭނެ އެއްޗިއްސެވެ. އަދި މިހާރު ވެސް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުން ވެސް ފަންޑު ހޯދަން އަންނަނީ މަސައްކަތްކުރަމުންމެވެ. ޕޫލަށް އެހީ ދީފައިވާ މަޝްހޫރު މީހުންގެ ތެރޭގައި ރެޕާ ކަންޔޭ ވެސްޓާއި އެކްޓަރު ނީލް ޕެޓްރިކް ހެރިސް ހިމެނެ އެވެ.

ނިއު ޔޯކްގެ އާ ގަވަރުނަރު ކަމަށް ވާދަކުރައްވާ އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް އެންޑްރޫ ޔޭންގް ވިދާޅުވެފައިވާ ގޮތުގައި ޕްލަސް ޕޫލަކީ އޭނާ ވެސް ގެންގުޅުއްވާ ތިމާވެށީގެ ސިޔާސަތުތަކާ ވަރަށް ގުޅޭ ޕްރޮޖެކްޓެކެވެ. އެންޑްރޫ ވިދާޅުވީ މި ޕޫލްވެގެން ދާނީ ނިއު ޔޯކްގެ ފުރަތަމަ "ސެލްފް-ފިލްޓަރިން" ޕޫލަށެވެ.

މި މަޝްރޫއުގެ ފަހަތުގައި އޮތީ ޕްލޭލެބް ކިޔާ ކުންފުންޏެކެވެ. އެތަނުން ބުނި ގޮތުގައި ނިއު ޔޯކްގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެންވައިސީއީޑީސީ) "ޕްލަސް ޕޫލް" ކުރިއަށް ގެންދަން ހުއްދަ ދީފައިިވާތީ މިހާރު އަންނަނީ މަސައްކަތް އަމަލީ ގޮތުން ފެށުމަށްޓަކައި ލޮޖިސްޓިކް ގޮތުން ކުރަން ޖެހޭ ކަންކަމަށް ތައްޔާރުވަމުންނެވެ.

ނަމަވެސް ޕޫލް ނިންމައި ހުޅުވާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބުނެފައި ވަނީ ވަރަށް އަވަސް ވާނެ ކަމަށެވެ.