11 އޯގަސްޓް 2022
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލީ ވިޔަފާރީގައި ހިނގާ ނުރަނގަޅު ކަންކަމާ ބެހޭ ގޮތުން އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ ސަރުކާރުން ކުރަމުން އަންނަ ތަހުގީގަށް ޓްރަމްޕު އިއްޔެ ހާޒިރުކޮށް ސުވާލުތައް ކުރުމުން، އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދެއްވި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލީ ވިޔަފާރީގައި ހިނގާ ނުރަނގަޅު ކަންކަމާ ބެހޭ ގޮތުން އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ ސަރުކާރުން ކުރަމުން އަންނަ ތަހުގީގަށް ޓްރަމްޕު އިއްޔެ ހާޒިރުކޮށް ސުވާލުތައް ކުރުމުން، އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދެއްވި އެވެ.
ނިއު ޔޯކް ސްޓޭޓްގެ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ ތަހުގީގު ހުއްޓުވުމަށް، ޓްރަމްޕުގެ ފަރާތުން އިއްޔެ ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ނިއު ޔޯކް ސަރުކާރުގެ އޮފިޝަލުން ތުހުމަތުކުރަނީ، ޓްރަމްޕުގެ އާއިލީ ވިޔަފާރި ކުންފުނިން ކުރަމުންދާ ވިޔަފާރިތަކާ ބެހޭ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދެމުންދާ ކަމަށެވެ.
ޓްރަމްޕުގެ ވިޔަފާރި ކުންފުނީގެ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދެނީ، ބައެއް ކަހަލަ ޓެކްސްތަކުން ރެކުމުގެ ބޭނުމުގަޔާއި، ބައެއް ކަހަލަ ލޯނުތައް ހޯދުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް ޓްރަމްޕު ވަނީ އޭނާގެ އާއިލީ ވިޔަފާރި ކުންފުނީގެ ތެރޭގައި އެއްވެސް ނުރަނގަޅު ކަމެއް ނުހިނގާ ކަމަށް ވިދާޅުވެފަ އެވެ.
މެނަހަޓަން އޮފީހަށް އިއްޔެ ހާޒިރުކޮށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ތަހުގީގަށް ފަހު ނެރުއްވި ބަޔާނެއްގައި ޓްރަމްޕު ވަނީ، ނިއު ޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޓާ ޖޭމްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވިޔަފާރީގެ މަސައްކަތުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެވިއްޖެ ކަމަށާއި އަދި އެތައް މިލިއަން ޑޮލަރެއް ހޭދަކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ނަތީޖާއެއް ނުނެރެވުނު ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
"އެމެރިކާގެ ގާނޫނުއަސާސީން އެމެރިކާގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ ހަނުހުރުމުގެ ހައްގާއި އިމްތިޔާޒުގެ ދަށުން، އަހަރެން ވެސް ވާނީ އެމީހުން ކުރި ސުވާލުތަކަށް ޖަވާބުދޭން އިންކާރު ކޮށްފައި،" ޓްރަމްޕު ނެރުއްވި ބަޔާނުގައިވެ އެވެ.
އެޓޤނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ތަހުގީގަށް ޓްރަމްޕު ހާޒިރުކޮށް ސުވާލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް ގާނޫނުއަސާސީގެ ފަސް ވަނަ އިސްލާހުގެ ދަށުން ލިބިދޭ އިމްތިޔާޒުގެ ދަށުން، ޓްރަމްޕު އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށާއި، ނަމަވެސް ގާނޫނުގެ އިމުގެ ތެރެއިން ލިބެން ހުރި ހެކިތަކުގެ އަލީގައި ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ތަހުގީގަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ދެ ދުވަސް ކުރިން، އެމެރިކާގެ މަރުކަޒީ ސަރުކާރުން ކުރާ ތަހުގީގަކަށް ބޭނުންވާ ލިޔުންތަކެއް ހޯދުމަށް، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އޭޖެންޓުން ވަނީ ޓްރަޕުގެ އަމިއްލަ ގެއަކަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޕާމް ބީޗްގައި ހުންނަ، ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް އާ ލޯގޯ ރިސޯޓް ބަލައި ފާސްކުރުމަށް ފަހު، އެފްބީއައިގެ އޭޖެންޓުން ވަނީ، ދައުލަތުގެ ރަސްމީ ލިޔުންތަކެއް އެ ގެއިން ހޯދައިގެން ގެންގޮސްފަ އެވެ.
އެމެރިކާގެ ގާނޫނު ބުނާ ގޮތުން، އެމެރިކާގެ ކޮންމެ ރައީސަކު ވެސް ވެރިކަމުގެ ދައުރު ނިމުމާއެކު، އެމީހަކު ވެރިކަމުގައި ބޭނުންކުރެވި ހުރިހާ ލިޔެކިޔުންތައް (ސިޓީ، އީމެއިލް، ލިޔުންތަކާއި ނޯޓްތައް ފަދަ)، އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހޭނެ އެވެ. އަދި ވެރިކަމުގެ ދުވަސްވަރުގެ އެއްވެސް ރަސްމީ ލިޔުމެއް، ގާނޫނުގައި ބުނެފައިވާ ތަނެއް ނޫން ތަނަކަށް ނަގުލުކުރުމަކީ ގާނޫނީ ކުށެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޓްރަމަޕުގެ ގެއިން ފެނުނު ލިޔުންތަކުގެ ތެރޭގައި، ގައުމީ އަރުޝީފުގައި ހުންނަންޖެހޭ އެތައް ލިޔުމެއް ހިމެނެ އެވެ.
ނިއު ޔޯކްގެ އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ކުރަމުންދާ ތަހުގީގަކީ މަދަނީ ތަހުގީގެކެވެ. އޭގެ އިތުރުން މެންހަޓަން ޑިސްޓްރިކްޓްގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް، ޓްރަމްޕުގެ އާއިލީ ވިޔަފާރިއާ ބެހޭ ގޮތުން ކުރެވޭ ޖިނާއީ ތުހުމަތުތަކެއްގެ ތަހުގީގެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
މި މައްސަލަ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ސުވާލުތަކަށް ޓްރަމްޕު އެއްވެސް ޖަވާބެއް ނުދެއްވީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރުމަށް ބާރު ލިބިދޭ ފަދަ އެއްޗެއް ވިދާޅުވެވިދާނެތީ އެވެ.
ޓްރަމްޕަށް ދައުވާކުރުން މިއަދު، ލައިވް ނުކުރާނެ
ޓްރަމްޕާ ބެހޭ ފޮތާ ދެކޮޅަށް ނެރުނު އަމުރު ބާތިލުކޮށްފި
ޓްރަމްޕްގެ ފަތިފުށާ ބެހޭ ފޮތާ ދެކޮޅަށް ކޯޓް އަމުރެއް
ޓްރަމްޕް ބެލެހެއްޓުމުގެ ޚަރަދަށް 35 މިލިއަން ޑޮލަރު ހޯދަނީ
ޓްރަމްޕް ސެކިއުރިޓީ އަށް ދުވާލަކު އެއް މިލިއަން ޑޮލަރު
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ