Roadha Mihaaru
އޯލްޑް ޓްރެފޯޑުގައި ސަލާހު، ރޮނާލްޑޯ ލަދުގަންނަވާލައިފި

އޯލްޑް ޓްރެފޯޑުގައި ސަލާހު، ރޮނާލްޑޯ ލަދުގަންނަވާލައިފި

24 އޮކްޓޯބަރ 2021

މެންޗެސްޓާ (އޮކްޓޯބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗް 5-0 އިން ލިވަޕޫލް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮކްޓޯބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗް 5-0 އިން ލިވަޕޫލް ކާމިޔާބު ކޮށްފި އެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުން ހަތަރު ލަނޑު ޖެހިއިރު، ފުރަތަމަ ލަނޑު ފަސްވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ނަބީ ކެއިޓާ އެވެ. ކެއިޓާ މި ލަނޑު ޖެހީ ސަލާހު ދިން ޕާހަކުންނެވެ. އަދި މިއީ ލިވަޕޫލުން ޔުނައިޓެޑްގެ ދަނޑުގައި މިހާތަނަށް ޖެހި އެންމެ އަވަސް ގޯލެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު 13 ވަނަ މިނިޓުގައި އެލެގްޒެންޑާ އާނޯލްޑް ހުރަސްކޮށްލި ބޯޅައެއް ގޯލުގެތެރަށް ވައްދާލައިގެން ކާމިޔާބު ކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު ނަބީ ކެއިޓާ ދިން ބޯޅައަކުން ޖެހީ މުހައްމަދު ސަލާހެވެ. މި ލަނޑާ އެކު އޭނާ ވަނީ ޖެހިޖެހިގެން 10 މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދީފަ އެވެ. އަދި ސަލާހު ވަނީ އޯލްޑް ޓްރަފޯޑުގައި ޖެހިޖެހިގެން ތިން މެޗުގައި ލަނޑުޖެހި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖޮޓާގެ އެހީތެރި ކަމާއެކު ސަލާހު ޖެހީ ފުރަތަމަ ހާފުގެ ހުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގަ އެވެ.

ރޮނާލްޑޯ ލިވަޕޫލްގެ ޖޯންސް އަށް ހަމަލާ ދިނުމުން ލިވަޕޫލްގެ ކުޅުންތެރިން އޭނާ ވަށާލައިފައި. -- ފޮޓޯ: އޭއެފްޕީ

ރޮނާލްޑޯ ލިވަޕޫލްގެ ޖޯންސް އަށް ހަމަލާ ދިނުމުން ލިވަޕޫލްގެ ކުޅުންތެރިން އޭނާ ވަށާލައިފައި. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ޖޭމްސް މިލްނާ އަށް އަނިޔާވެގެން ކުޅެން އެރުވި ކާޓިސް ޖޯންސް އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޯންސް ގައިގައި ޖެހުމުން ރޮނާލްޑޯ އަށް ރެފްރީ އެންތޮނީ ޓޭލާ ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. ޖޯންސް ގައިގައި ޖެހުމާ އެކު އޭނާ ވެއްޓުމުން ވެސް ރޮނާލްޑޯ ވަނީ ބޯޅައާ އެކު ޖޯންސް އަށް ހަމަލާ ދީފަ އެވެ. އަދި ޔުނައިޓެޑްގެ ފްރެޑް ބޯޅަ ހޯދަން ދަށް ފައި ދިއްކުރި ވަގުތު އޭނާގެ ފައި ކެއިޓާގެ ބޮލުގައި ޖެހި އަނިޔާވުމުން ފްރެޑަށް ވެސް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ.

ޔުނައިޓެޑުން މި ހާފުގައި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާކަސް ރަޝްފޯޑް އަދި ލޫކް ޝޯ ފޮނުވާލި ހަމަލާތައް ވަނީ ނާކާމިޔާބު ވެފަ އެވެ. އަދި މިއީ ޔުނައިޓެޑުން ޕްރިމިއާ ލީގުގައި ހަތަރު ގޯލު ފަހަތުގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ފުރަތަމަ މެޗެވެ.

ލިވަޕޫލްގެ ފަސްވަނަ ލަނޑު މެޗުގެ 50 ވަނަ މިނިޓުގައި ޖެހީ ސަލާހެވެ. ކެޕްޓަން ޖޯޑަން ހެންޑަސަންގެ ޕާހަކުން ޖެހި މި ލަނޑާއެކު ސަލާހުގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ އޯލްޑް ޓްރެފޯޑުގައި ޕްރިމިއާ ލީގު އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު ހެޓްރިކް ފުރިހަމަ ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2003 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ވަނީ އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހަދައިފަ އެވެ.

ސަލާހު އޭނާގެ ހެޓްރިކް ފުރިހަމަ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސަލާހު އޭނާގެ ހެޓްރިކް ފުރިހަމަ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސަލާހު ހެޓްރިކް ފުރިހަމަކުރިތާ ދިހަ މިނިޓު ފަހުން ދެވަނަ ހާފުގައި ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕައުލް ޕޮގްބާ، ލިވަޕޫލްގެ ނަބީ ކެއިޓާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެ ފައުލަށް ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ރީނދޫ ކާޑު ކެންސަލް ކޮށް، ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މި ފައުލާ ގުޅިގެން ކެއިޓާ ވަނީ އަށިގަނޑުގައި ދަނޑުން ބާލައިފަ އެވެ.

ރޮނާލްޑޯ މި ހާފުގައި ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ރޮނާލްޑޯ ލަނޑު ޖެހިއިރު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ނިންމައިފަ އެވެ.

ދެވަނަ ހާފުގެ ވަކި ހިސާބަކުން މާޔޫސް ވެފައި ތިބި ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ވަނީ ދަނޑުން ވެސް ނުކުމެފަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 21 ޕޮއިންޓް ހަމަކޮށް، އެއްވަނައިގައި އޮތް ޗެލްސީ އާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް ވަނީ މިރޭގެ ބައްޔާއެކު ތާވަލުގެ ހަތްވަނަ އަށް ވެއްޓިފަ އެވެ. ޔުނައިޓެޑަށް ވުރެ އެއް ޕޮއިންޓް އިތުރަށް، 15 ޕޮއިންޓް ހޯދައިގެން ހަވަނައިގައި އޮތް ޓޮޓެންހަމް ވަނީ މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު 72 ވަނަ މިނިޓުގައި ޖަހައިދިނީ މިޝޭލް އެންޓޯނިއޯ އެވެ.

ލެސްޓާ ސިޓީ ވަނީ މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓުގެ ގޮތުން ޔުނައިޓެޑާ އެއްވަރު ކޮށްފަ އެވެ. ޔުނައިޓެޑާއި ލެސްޓާގެ އިތުރުން އާސެނަލް އާއި އެވަޓަން އަށް ވެސް ކުޅުނު ނުވަ މެޗުން ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.