Roadha Mihaaru
10 ގައުމެއްގެ ސަފީރުން ތުރުކީން ބޭރުކުރަނީ

10 ގައުމެއްގެ ސަފީރުން ތުރުކީން ބޭރުކުރަނީ

24 އޮކްޓޯބަރ 2021

ތުރުކީ ވިލާތުގައި ތިއްބަވާ ހުޅަނގުގެ ގައުމުތަކުގެ ސަފީރުންގެ ތެރެއިން 10 ސަފީރަކު ތުރުކީ ވިލާތުން ބޭރުކުރުމަށް، އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ އަންގަވައިފި އެވެ.

ތުރުކީ ވިލާތުގައި ތިއްބަވާ ހުޅަނގުގެ ގައުމުތަކުގެ ސަފީރުންގެ ތެރެއިން 10 ސަފީރަކު ތުރުކީ ވިލާތުން ބޭރުކުރުމަށް، އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ އަންގަވައިފި އެވެ.

ގައުމުން ބޭރު ކުރުމަށް އުރުދުގާން އެންގެވި 10 ސަފީރުންނަކީ، އެ ގައުމުގައި މިހާރު ޖަލަށް ލާފައި ހުންނެވި، ވިޔަފާރިވެރިޔާ އަދި އިސްލާހީ ހޭލުންތެރިކަމުގެ ލީޑަރެއްގެ ގޮތުގައި ބެލެވޭ އުސްމާން ކަވާލާ މިނިވަން ކުރުމަށް ގޮވައިލައްވަމުން ގެންދަވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމެރިކާ، ޖަރުމަން ވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފަރަންސޭސި ވިލާތް، ނެދަލޭންޑްސް، ނިއު ޒީލޭންޑް، ނޯވޭ އަދި ސްވިޑްންގެ ސަފީރުންނެވެ.

މީގެ ތެރެއިން ހަތް ގައުމަކީ ތުރުކީ ވެސް ހިމެނޭ ނޭޓޯގެ ހަތް ގައުމެވެ. އެހެންކަމުން، އުރުދުގާންގެ އެ ނިންމެވުން ތަންފީޒުކޮށްފި ނަމަ، ތުރުކީ ވިލާތާއި ނޭޓޯއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ އެވެ.

އުރުދުގާން އިއްޔެ ވިދާޅުވި ގޮތުގައި އެ 10 ސަފީރުންނަކީ، މިގައުމުން މަރުހަބާ ނުކިޔާ މީހުން ކަމުގައި އިއުލާންކުރުމަށް ތުރުކީގެ ހާރިޖީ ވުޒާރާ އަށް މިހާރު ވާނީ އަންގަވައިފަ އެވެ. ގައުމެއްގައި ހުންނަވާ ޑިޕްލޮމެޓަކީ، އެ ގައުމުން މަރުހަބާ ނުކިޔާ މީހެއް ކަމުގައި ކަނޑައަޅައި ހާރިޖިއްޔާ އިން އިއުލާން ކުރުމަކީ، އެޑިޕްލޮމޭޓަކު އެ ގައުމަކުން ރަސްމީކޮށް ބޭރުކުރުމުގެ ކުރިން އަޅާ ފިޔަވަޅެކެވެ.

އުރުދުގާންގެ ވާހަކައިގައި، އެ 10 ސަފީރުން ތުރުކީ ބޭރުކުރާނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

"ތުރުކީއަކީ ކޮން ގައުމެއްކަން އެމީހުން ދަންނަންޖެހޭނެ. އަދި ތުރުކީގައި ކަން ހިނގާ ގޮތް ވެސް އެމީހުންނަށް އެނގެން ޖެހޭނެ. އެމީހުންނަކީ މި ގައުމުގައި ފަސާދަ އުފައްދަން އުޅޭ ބައެއް. މިއީ ކޮން ގައުމެއްކަން އެމީހުންނަށް ނޭނގޭ ކަމަށް ވަންޏާ، އެމީހުން ޖެހޭނީ މި ގައުމުން ފައިބައިގެން ދާން،" ސަފީރުންނަށް އިޝާރާތް ކުރައްވައި އުރުދުގާން ވިދާޅުވި އެވެ.

އުސްމާން ކަވާލާ ޖަލުގައި ހައްޔަރުކުރީ، 2013 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ސަރުކާރާ ދެކޮޅު މުޒާހަރާއަށް ހަރަދުކުރި ކަމުގެ ތުހުމަތުގަޔާއި، 2016 ވަނަ އަހަރު އެ ގައުމަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގައި ބައިވެރިވުމުގެ ތުހުމަތުގައި، 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

އެ 10 ސަފީރުން ތުރުކީ ވިލާތުން ބޭރުކުރުމަށް އުރުދުގާން ނިންމެވީ، ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި އުސްމާން ކަވާލާ މިނިވަން ކުރުމަށް ގޮވާލައި، އެ 10 ގައުމުގެ ސަފީރުން، މިދިޔަ ހޯމަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނާ ގުޅިގެންނެވެ. އަދި އޭނާ ހައްޔަރުކޮށްފައި ހުރި ހުރުމަށް، އިންސާފުވެރި އަދި އަވަސް ހައްލެއް ހޯދުމަށް ވެސް އެ ބަޔާނުގައި ތުރުކީ ވިލާތަށް ގޮވާލާފައިވެ އެވެ.