Roadha Mihaaru
މައުމޫނަށް ގާނޫނުގެ ދަށުން ވެސް ލިއުން އަދި ނުލިބޭ!

މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުން، ގާނޫނުގެ ދަށުން ވެސް އަދި ނުލިބޭ

06 ޑިސެމްބަރ 2016

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިގެން ވެސް އަދި ނުލިބޭ ކަމަށް މައުމޫންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިގެން ވެސް އަދި ނުލިބޭ ކަމަށް މައުމޫންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމާ އެކު ޕީޕީއެމް ވަނީ ދެ ފަޅިވެފަ އެވެ. ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ސިވިލް ކޯޓުގެ އެންގުމަކާ އެއްގޮތަށް މިހާރު ލިބިވަޑައިގެންފައި ވަނީ ޕާޓީގެ މުސްތަޝާރުގެ ރަމްޒީ މަގާމުގައި ހުންނެވި ރައީސް ޔާމީނަށެވެ.

މައުމޫނަކީ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ލިބޭތޯ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިލެކްޝަންސް އަށް މިިދިޔަ ހަފުތާގެ ހޯމަދުވަހު އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅީ ކުރިން ސިޓީފުޅަކުން އެދިގެން ވެސް ލިޔުން ނުލިބުމުންނެވެ.

އެ ފަހަރު އިލެކްޝަންސް އިން ޖަވާބު ދިނީ، ޕާޓީތަކާ ގުޅޭ މައުލޫމާތު ދޭނީ އެ ޕާޓީއަކުން ކަމަށް ބުނެ އެވެ. ނަމަވެސް ޕާޓީއަކާ ބެހޭ މައުލޫމާތު ނުލިބިއްޖެ ނަމަ އެކަމުގައި ކޮމިޝަނަށް އެހީތެރި ވެވިދާނެ ކަމަށް އެތަނުން ކުރިން ބުނެފައިވެ އެވެ. މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއްގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދަން ވެސް މައުމޫން އެދިވަޑައިގަތެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދަން ހުށަހަޅައިފި ނަމަ އޭގެ ޖަވާބެއް ދޭން ކަނޑައަޅާފައި އޮންނަނީ 21 ދުވަހެވެ.

މިއީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައްސަލައެއް އިސްތިއުނާފު ކުރަން ހުރަސްތަކެއް ކުރިމަތިކުރަން ކޮށްގެން އުޅޭ ކަމެއް: އަލީމް

މައުމޫން ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެ ލިޔުންތައް ހޯދަން އިލެކްޝަންސްގެ އިންފޮމޭޝަން އޮފިސަރަށް ކޮންމެ ދުވަހަކު ވެސް ގުޅުއްވާ ކަމަށެވެ. އޮފިސަރުގެ ޖަވާބަކަށް ވަނީ "އެކަން ޕްރޮސެސް" ކުރަމުން އެބަ އަންނަ ކަމަށް، ކަމަށް އަލީމް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެއީ މާ ބޮޑު ޕްރޮސެސްއެއް ބޭނުންވާ ކަމެއް ނޫނެވެ.

"މިއީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައްސަލައެއް އިސްތިއުނާފު ކުރަން ހުރަސްތަކެއް ކުރިމަތިކުރަން ކޮށްގެން އުޅޭ ކަމެއް،" އަލީމް ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް އެނގޭ ގޮތަށް ޕީޕީއެމުން ބޭއްވި ބޮޑު ކޮންގްރެސްއަކުން އެ ޕާޓީގެ ރައީސްކަމަށް މައުމޫން އިންތިހާބުކޮށްފައި ވިޔަސް، ޕީޕީއެމްގެ ރައީސަކީ އެމަނިކުފާނުކަން އަންގައިދޭ ރަސްމީ ލިއުމެއް ހޯއްދަވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް މައްސަލަ ހުށަހެޅުއްވި އިރު އެ ލިޔުން ބޭނުންވުމުންނެވެ. އެކަމަކު ކޯޓުން މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.