Roadha Mihaaru
އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދައިފި

އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދައިފި

21 އޮކްޓޯބަރ 2021

އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން، އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ ކާމިޔާބުކަމާ އެކުގައި އިންދައިފި އެވެ.

އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން، އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ ކާމިޔާބުކަމާ އެކުގައި އިންދައިފި އެވެ.

މިއީ އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ ކާމިޔާބުކަމާ އެކުގައި އިންދައި އަޖުމަބެލުނު ފުރަތަމަ ފަހަރެވެ. ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި ކިޑްނީ އިންދުނު މީހާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން، އޫރުގެ ކިޑްނީ ބަލައިނުގަތުމުގެ އެއްވެސް އަމަލެއް ނުހިނގަ އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މިއީ، އިންސާނުންގެ ހަށިގަނޑުން ބަދަލުކުރަން ބޭނުންވާ ގުނަވަންތަކުގެ ތެރެއިން، ލިބުން ދަތި ގުނަވަންތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އުފާވެރި ހަބަރަކަށް ވާނެ އެވެ.

އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުންނަ އެންވައިޔޫ ލެންގޮން ހެލްތުގެ ޑޮކްޓަރުންގެ ޓީމުން ކުރި އޮޕަރޭޝަނެއްގައި އޫރުގެ ކިޑްނީ އިންދީ ސިކުނޑި މަރުވެ، ދުނިޔޭގައި ދިރިއޮންނާނެ ކަމުގެ އުންމީދު ގެއްލިފައިވާ މީހެއްގެ ހަށިގަނޑުގައި، އޭނާގެ އާއިލާގެ މީހުންގެ ރުހުމާ އެކުގަ އެވެ.

އޭނާގެ ސިކުނޑި މަރުވުމުގެ ސަބަބުން، އޭނާގެ ކިޑްނީގެ މަސައްކަތްތައް ހުއްޓެމުންދާ ކަމުގެ އަލާމާތްތައް ވަނީ ފެންނަން ފަށައިފަ އެވެ. އަދި ސިކުނޑި މަރުވެފައި އޮތުމުގެ ސަބަބުން، ކިޑްނީ އިންދުމުގެ އަޖުމަ ބެލުމަށް ފަހުގައި، އޭނާގެ ހަށިގަނޑާ ގުޅާފައި އޮތް ލައިފް ސަޕޯޓް ސިސްޓަމް އޭނާގެ ހަށިގަނޑުން ވަކިކޮށްލައި، އޭނާގެ ޖަނާޒާ ބާއްވާނެ އެވެ.

އެމެރިކާގެ އެންވައިޔޫ ލެންގޮން ހެލްތުގެ ޑޮކްޓަރުންގެ ޓީމުން، މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދުމުގެ އޮޕަރޭޝަން ސެޕްޓެމްބަރު 2021 ގައި ކުރަނީ.

އެމެރިކާގެ އެންވައިޔޫ ލެންގޮން ހެލްތުގެ ޑޮކްޓަރުންގެ ޓީމުން، މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދުމުގެ އޮޕަރޭޝަން ސެޕްޓެމްބަރު 2021 ގައި ކުރަނީ.

މީގެ ކުރިން ވެސް އޫރުގެ ކިޑްނީ އިންސާނުންގެ ހަށިގަނޑުގައި އިންދޭތޯ ސައެންސްވެރިން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެކަމަށް ހުރަސްއެޅޭ މައިގަނޑު ދެ ކަމެއް ސައެންސްވެރިންނަށް ފާހަގަ ކުރެވުނެވެ. އެއް ކަމަކީ އޫރުގެ ސެލްގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމެވެ. ދެ ވަނަ ކަމަކީ އޫރުގެ ކިޑްނީއަކީ އިންސާނުންގެ އެތެރެ ހައްޓަށް ބީރައްޓެހި ގުނަވަނަކަށް ވުމުން، އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން، އެ ކިޑްނީ ބަލައިނުގަތުމެވެ.

މިހެންވުމުން، އިންސާނުންގެ ހަށިގަނޑުގައި އޫރުގެ ކިޑްނީ އިންދުމާއެކު، އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ކިޑްނީއާ ދެކޮޅަށް މަސައްކަތް ކުރަން ފަށަ އެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން ޑޮކްޓަރުންގެ ޓީމުން މިފަހަރު އެންމެ ފުރަތަމަ ކުރި ކަމަކީ އޫރުގެ ކިޑްނީގައި ހިމެނޭ ހަކުރުގެ ޖީންތައް ބަދަލުކޮށްލައި، ކިޑްނީގައި ހިމެނޭ ހަކުރު ހުސްކޮށްލާ ޖީންތަކަކަށް ހެދުމެވެ.

އެއަށް ފަހު، ބަލި މީހާގެ ހަށިގަނޑުގެ ބޭރުގައި ކިޑްނީ ހަރުކޮށް، އޭނާގެ ފައިގެ ފަލަމަސްގަނޑުގެ ތެރޭގައި ހިމެނޭ ފަލަ ދެ ލޭ ހޮޅި ކިޑްނީއާ ގުޅައިލީ އެވެ. އަދި ކިޑްނީން އުފައްދާ ކުޑަކަމުދާ ތަކެތި އެޅުމަށް ކުޑަ ކޮތަޅެއް ކިޑްނީއާ ގުޅާލައި، ދެ ދުވަސް ވަންދެން ކިޑްނީ ގެ މަސައްކަތްތައް ދިރާސާކުރި އެވެ.

މިހެން ހެދުމުން އެ ކިޑްނީ ފުރިހަމައަށް މަސައްކަތްކުރި އެވެ. އެ ގޮތުން ބަލިމީހާގެ ލޭގައި ހިމެނޭ ހުރިހާ ބޭކާރު ބައިތައް ފުރާނާލައި، ކުޑަކަމުދާ ތަކެތި އުފައްދައި ބޭރުކުރަން ފެށި އެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމުން ކިޑްނީއާ ދެކޮޅު އެއްވެސް އަމަލެއް ނުފެނެ އެވެ.

"އެ ކިޑްނީ ހަމަ ބަރާބަރަށް މަސައްކަތް ކުރި. އަހަރެމެން އެންމެ ބިރުގަތީ، ކިޑްނީ ހަށިގަނޑާ ގުޅައިލުމާއެކު، މީގެ ކުރިން ވެސް ކަންތައް ވާ ގޮތަށް، ބަލިމީހާގެ ހަށިގަނޑުން ކިޑްނީއާ ދެކޮޅަށް ވަގުތުން މަސައްކަތް ފަށާނެ ކަމަށް. ނަމަވެސް އެފަދަ ކަމެއް ދިމައެއް ނުވޭ،" މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރި އޮޕަރޭޝަންގެ އިސް ޑޮކްޓަރު ރޮބަޓް މޮންޓެގޮމަރީ ވިދާޅުވި އެވެ.

ޖަނަވާރުގެ ހަށިގަނޑުގެ ބައިތައް އިންސާނުންގެ ހަށިގަނޑުގައި ބޭނުންކުރުމުގެ ތާރީޚު ގުޅިފައިވަނީ މީލާދީން 17 ވަނަ ގަރުނާ އެވެ. އެއީ ޖަނަވާރުގެ ލޭ، އިންސާނުންގެ ހަށިގަނޑަށް އެޅުމަށް ކުރި ނާކާމިޔާބު މަސައްކަތެވެ.

ޖަނަވާރުގެ ގުނަވަން އިންސާނުންގެ ހަށިގަނޑުގައި އިންދުމުގެ ތާރީޚު ފެށެނީ މީލާދީން 20 ވަނަ ގަރުނުގެ ތެރޭގަ އެވެ. އެއީ އެމެރިކާ އަށް އުފަން ސްޓެފަނީ ފައި (ބޭބީ ފައި) ކިޔާ އެއް މަހުގެ ތުއްތު ކުއްޖެއްގެ ހަށިގަނޑުގައި، ބެބޫން ކިޔާ ރާމާމަކުނެއްގެ ހިތް އިންދި ކާމިޔާބު އޮޕަރޭޝަނެވެ.

އެ އޮޕަރޭޝަނަށް ފަހު، ބެބޫންގެ ހިތާ އެކުގައި، ބޭބީ ފައި 21 ދުވަހު ދުނިޔޭގައި އޮތެވެ. ބޭބީ ފައި މަރުވީ ހަށިގަނޑުގެ ދިފާއީ ނިޒާމުން، ބެބޫންގެ ހިތް ބަލައިނުގަތުމުންނެ. އެކަން މެދުވެރިވީ، ސައެންސްވެރިން ބުނާ ގޮތުގައި، ބޭބީގެ ލޭ ގުރޫޕަކީ އޯ ކަމަށްވެފައި، ބޭބީ ފައިގެ ހަށިގަނޑުގައި އިންދި ހިތުގެ ވެރި ބެބޫންގެ ހަށިގަނޑުގައި ހުރީ އޭބީ ގުރޫޕްގެ ލޭ ކަމަށްވާތީ، ބޭބީގެ ހަށިގަނޑުން އޭބީ ލެޔާ ދެކޮޅަށް އެންޓިބޮޑީ އުފެއްދުމުންނެވެ.