Roadha Mihaaru
ކޮއްކޮގެ ކިޑްނީ ބޭބެއަށް، އާއިލީ ލޯބީގެ ނަމޫނާއެއް!

ކޮއްކޮގެ ކިޑްނީ ބޭބެއަށް، އާއިލީ ލޯބީގެ ނަމޫނާއެއް!

03 ސެޕްޓެމްބަރ 2019

އަހުމަދު ނާޒިމްގެ ބަހުން ނަމަ، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މަރިޔަމް ނާޒިމާއަކީ އިހްސާންތެރިކަމާއި އޯގާތެރިކަމުގެ ނަމޫނާއެކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަހުމަދު ނާޒިމްގެ ބަހުން ނަމަ، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މަރިޔަމް ނާޒިމާއަކީ އިހްސާންތެރިކަމާއި އޯގާތެރިކަމުގެ ނަމޫނާއެކެވެ.

މީގެ 11 އަހަރު ކުރީއްސުުރެ ކިޑްނީގައި މައްސަލަ ޖެހި އަދި ދެތިން އަހަރު ކުރިން ޑަޔަލިސިސް ހެދުމާ ހަމައަށް ވެސް އޭނާއާ އެންމެ ގާތުގައި ހުރި އެކަކީ މަރިޔަމް އެވެ. އެކަމަކު ކޮއްކޮގެ އޯގާތެރިކަން ނާޒިމަށް އެންމެ ފުރިހަމައަށް ވަޒަން ކުރެވުނީ އޭނާގެ އެއް ކިޑްނީ، ނާޒިމަށް ހަދިޔާ ކުރަން ނިންމި ހިސާބުންނެވެ.

ދެ ކިޑްނީ ފެއިލްވެ، ކިޑްނީއެއް ހޯދަން ސަލާން ޖަހާ މީހުން ރާއްޖޭގައި ބައިވަރެވެ. ބަދަލުގައި އެތައް ލައްކަ ރުފިޔާ އާއި ގެދޮރަށް ދާންދެން ހަދިޔާ ކުރަން ތައްޔާރު މީހުން ވެސް އެބަ ތިއްބެވެ. އެކަމަކު އުމުރުން 47 އަހަރުގެ ނާޒިމްގެ ކިޑްނީ މަސައްކަތް ނުކުރާކަން އެނގުނު ދުވަހު، ދެން ކިޑްނީއެއް ހޯދާނެ ގޮތަކާ މެދު އޭނާއަށް ވިސްނާކަށް ވެސް ނުޖެހުނެވެ. އެއަށް ވުރެ ކުރިން، އޭނާއަށް ވުރެ އެއް އަހަރު ހަގު ކޮއްކޮ ވަނީ އޭނާގެ ކިޑްނީ ބޭބެއަށް ހަދިޔާކުރަން ނިންމާފަ އެވެ.

"ކޮންމެ ހަފުތާއަކު ތިން ފަހަރު ޑަޔަލިސިސް ހަދަން ޖެހުމަކީ ހާދަ ބޮޑު ވޭނެކޭ. ތިން ހަތަރު ގަޑިއިރު ޑަޔަލިސިސް ހަދާފައި ތެދުވެ، ބައެއް ދުވަސްދުވަހު ހިނގާ ވެސް ނުލެވޭނެ،" އަށް މީހުން ތިބޭ އެ އާއިލާގެ އެންމެ ދޮށީ ބޭބެއަށް ކިޑްނީ ހަދިޔާކުރަން އިންޑިއާގައި މި ވަގުތު ހުރި މަރިޔަމް ބުންޏެވެ.

"އެކަމަކު ދެން އިރާދަކުރެއްވިއްޔާ ބޭބެއަށް އެ ވޭން އުފުލާކަށް ނުޖެހޭނެ."

ނާޒިމާއި މަރިޔަމް (މެދުގައި) އާއިލާގެ ބައެއް މެމްބަރުންނާ އެކު

ނާޒިމާއި މަރިޔަމް (މެދުގައި) އާއިލާގެ ބައެއް މެމްބަރުންނާ އެކު

މަރިޔަމް ބުނިގޮތުގައި ބޭބެގެ ކިޑްނީ ފެއިލްވިކަން އެނގުނު ދުވަހު ވެސް، އޭނާގެ ކިޑްނީ ބޭބެއަށް ދޭން ހުރީ ނިންމައިގެންނެވެ. އޭނާގެ ފިރިމީހާ އަދި ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު ޕްރެޒެންޓަރެއް ކަމަށްވާ މުހައްމަދު ރަމީޒު ވެސް އެކަމަށް އެއްބަހެވެ. ދޮށްޓަށް ހުރި 23 އަހަރުގެ ފިރިހެން ދަރިފުޅު ބުނީ "މަންމައަށް ސިއްހީ މައްސަލައެއް ކުރިމަތި ނުވަަންޏާ އެންމެ ރަނގަޅު ކަމަށެ"ވެ.

"ދެން ހިތަށްއެރީ، އަޅުގަނޑަށް އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިނުވާ ނަމަ އަދި އެކަމުން ބޭބެއަށް ދިރިއުޅުމެއް ހޯދައިދެވޭ ނަމަ ކީއްވެހޭ ނުދޭންވީ. އަޅުގަނޑުގެ ބޭބެއޭ އެއީ،" މަރިޔަމް ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ކިޑްނީ ހަދިޔާކޮށްގެން، ސިއްހީ މައްސަލަތަކެއް ކުރިމަތިނުވެ އުޅެވިދާނެތޯ ޑޮކްޓަރުން ބަލާނެ އެވެ. އަދި އެއްވެސް މައްސަލައެއް ނެތް ކަމަށް ވާ ނަމަ، އެއީ އެހެން މީހުން ވެސް ކުރުން ރަނގަޅު ކަމެއް ކަމަށް ބުންނެވެ.

ނާޒިމަށް ކިޑްނީ ހަދިޔާ ކުރަން މަރިޔަމް މާ ކުރިއްސުރެ ނިންމައިގެން ހުރި ނަމަވެސް، އެ އޮޕަރޭޝަން ކުރެވޭ ވަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނާޒިމް އެހެން ފަރުވާތަކެއް ހޯދަމުން ދާތީއާ އެކު، އޮޕަރޭޝަން ލަސްކޮށްލަން ޖެހުނީ އެވެ. އެކަމަކު އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގައި ކުރި އެ އޮޕަރޭޝަން ކާމިޔާބެވެ.

ޑެންޓަލް ކެއާ ސެންޓަރުގައި މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ މަރިޔަމް، ބޭބެގެ ފަރުވާއަށް އިންޑިއާގައި ހުންނަތާ އަށް މަސް ވެއްޖެ އެވެ. ވަޒީފާ މެދުކަނޑާލާފައި އޭނާ ބޭބެގެ ހިދުމަތުގައި ހުރީ، ބޭބެއަށް އާ ހަޔާތެއް ހޯދައިދީފައި ނޫނީ އެނބުރި ރާއްޖެ ނާންނަން އަޒުމު ކަނޑައަޅައިގެންނެވެ.

ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަށް ފަހު މަރިޔަމްއާ އެކު އޭނާގެ ފިރިމީހާ ރަމީޒު ފޮޓޯއެއް ނަގަނީ

ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަށް ފަހު މަރިޔަމްއާ އެކު އޭނާގެ ފިރިމީހާ ރަމީޒު ފޮޓޯއެއް ނަގަނީ

ނާޒިމްގެ ފަސް ދަރިން ތިބި ނަމަވެސް، ކިޑްނީ ހަދިޔާ ކުރުމުގައި ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅީ އެއްބަނޑު އެއްބަފާ މީހެކެވެ. އެހެންވެ، އެހެން ހުރިހާ ކޮއްކޮމެންނަށް ވުރެ ކުރިން މަރިޔަމް އެކަމަށް އިސްނެގީ އެވެ.

ނާޒިމް ބުނީ ކިޑްނީ ފެއިލްވިކަން އެނގުނު ދުވަހު، އާއިލާގެ ކޮންމެވެސް މީހަކު ކިޑްނީ ދޭނެކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި މަރިޔަމް އެކަމަށް އެދުމުން އޭނާއަށް ލިބުނު ހިތްހަމަޖެހުން ބޮޑު ކަމަށް ބުންޏެވެ.

"މިވޭތުވެ ދިޔަ ދެ އަހަރު ދުވަސް އަޅުގަނޑު ހޭދަކުރީ ހައްޓަށް އެނގޭ ވަރަށް ފެންފޮދެއް ވެސް ބޮއެ ނުލައި. އެހެންވެ، މަރިޔަމް އިސްނަގައިގެން އޭނާގެ ކިޑްނީ ހަދިޔާކުރުން އެއީ ވަރަށް ބޮޑު ގުރުބާނީއެއް،" ނާޒިމް ބުންޏެވެ.

ރާއްޖޭގައި މި ފަހުން ދެ ދެމަފިރިއަކު ވެސް ވަނީ އެކަކު އަނެކަކަށް ކިޑްނީ ހަދިޔާކޮށް، ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. އަދި ނުދަންނަ ބައެއް މީހުން ވެސް ވަނީ އެހެން މީހުންނަށް ކިޑްނީ ހަދިޔާކުރުމުގެ ނަމޫނާ ދައްކައިފަ އެވެ.

މަރިޔަމް ބުނީ އޭނާގެ ބައެއް އެކުވެރިން ވެސް ކިޑްނީ ނުލިބިގެން ވަރަށް ހާލުގައި އުޅޭ ކަމަށެވެ. ނަމަވެސް އިންސާނިއްޔަތަށްޓަކައި ވެސް މިއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ވެދާނެ އަޅުގަނޑު ފުރިހަމަ ސިއްހަތެއްގައި މި ހުރީ ވެސް އެހެން މީހަކަށް މިކަމުން އެހީތެރިވެދޭން ކަމަށް ވެސް،" އެންމެ ފަހުން މަރިޔަމް ބުނެލި އެވެ.