Roadha Mihaaru
ސާއިދު، ކިޑްނީއަކަށް އެދި އާދޭސްކުރާތާ އަށް މަސް

ސާއިދު، ކިޑްނީއަކަށް އެދި އާދޭސްކުރާތާ އަށް މަސް، ކާމިޔާބެއް ނުވި!

02 މާޗް 2019

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޒުވާން ކުޅިވަރު ޕްރެޒެންޓަރު ސާއިދު އަހުމަދުގެ ދެ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަމުން އަންނަތާ އަށް މަސް ވީއިރު ވެސް ކިޑްނީއެއް ދޭނެ މީހަކު ނުވުމުން އެކަމަށް އެދި އާންމުކޮށް އޭނާ ހުޅުވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޒުވާން ކުޅިވަރު ޕްރެޒެންޓަރު ސާއިދު އަހުމަދުގެ ދެ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަމުން އަންނަތާ އަށް މަސް ވީއިރު ވެސް ކިޑްނީއެއް ދޭނެ މީހަކު ނުވުމުން އެކަމަށް އެދި އާންމުކޮށް އޭނާ ހުޅުވާލައިފި އެވެ.

އުމުރުން 28 އަހަރުގެ ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި ޑައިލަސިސް ހަދަމުންނެވެ.

އޯ ޕޮޒިޓިވް ލޭ ހުންނަ ސާއިދު ބުނީ، މިދިޔަ އަށް މަސް ދުވަހު އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް އޭނާ އަށް ކިޑްނީއެއް ދޭނެ މީހަކު ނުވި ކަމަށެވެ.

"އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދޭން މަސައްކަތް ކޮށްދެއްވާ،" އަންބަކާއި ތިން އަހަރުގެ ދަރިއަކު ހުންނަ ސާއިދު ބުންޏެވެ.

ކިޑްނީ ދޭނެ މީހަކު ހަމަޖެހޭއިރަށް އޮޕަރޭޝަނަށް ދިއުމަށް ސާއިދު ހުރީ ތައްޔާރަކަށެވެ. ކޮންމެ މީހަކަށް ވެސް އެއް ކިޑްނީއާ އެކު ދުނިޔޭގައި އުޅެވޭއިރު، ސާއިދުގެ އާދޭހަކީ އޭނާ އަށް ކޮންމެވެސް މީހަކު ކިޑްނީ ހަދިޔާ ކޮށްދިނުމެވެ.

"...ވީމާ ކިޑްނީއެއް ހޯދުމުގައި ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދެމެވެ. އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުން އެދެމެވެ. ﷲ ތައާލާ އިންސާނުން ލައްވާފައި ވަނީ އެކަކު އަނެކަކު، އަނެކަކާ ނުލައި ދުނިޔޭގެ ހަޔާތް ފުރިހަމަ ނުވާ ގޮތަށެވެ. އެއީ އިންސާނުން އިމްތިހާނު ކުރެއްވުމަށްޓަކަ އެވެ. ވީމާ ﷲ އަށްޓަކައި ކިޑްނީއެއް ހަދިޔާކުރަން ފަސްނުޖެހެމާތޯ އެވެ،" ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ސާއިދުގެ ޕޯސްޓުގައި ވެ އެވެ.

ސަންއެފްއެމުން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.

ސާއިދަށް މީގެ ކުރިން ވެސް ވަނީ ސިއްހީ މައްސަލައެއް ކުރިމަތިވެފަ އެވެ. އެގޮތުން 2015 ގައި މައިނާ ސްޓްރޯކެއް ޖެހުނެވެ. އޭގެ ފަހުން އޭނާ އަންނަނީ ބޭސް ބޭނުންކުރަމުންނެވެ.

ސާއިދުގެ މޮބައިލް ނަމްބަރު: 7998981

މާލީ އެހީތެރިވުމަށް: 7701175423101 (ރުފިޔާ އެކައުންޓް)