Roadha Mihaaru
ދެ ކިޑްނީ ފެއިލްވުމުން ލެއްވި ކިޑްނީ ފެއިލްވެ ހާލުގައި

ދެ ކިޑްނީ ފެއިލްވުމުން ލެއްވި ކިޑްނީ ވެސް ފެއިލްވެ އަނެއްކާ ވެސް ހާލުގައި

04 ޑިސެމްބަރ 2022

ނ. ލަންދޫ، މަރިޔަމް ޝާޔާއަކީ އުމުރުން އެންމެ 11 އަހަރުގައި ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ބައްޔާ ހަނގުރާމަ ކުރަމުން އަންނަ ކުއްޖެކެވެ. މިހާރު 17 އަހަރުގެ ޝާޔާ އާއި އޭނާގެ އާއިލާގެ ހުވަފެންތައް ފުނޑުފުނޑުވީ ހަމަ ކުއްލިއަކަށް ދިމާވި މި ހިތާމައިގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނ. ލަންދޫ، މަރިޔަމް ޝާޔާއަކީ އުމުރުން އެންމެ 11 އަހަރުގައި ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ބައްޔާ ހަނގުރާމަ ކުރަމުން އަންނަ ކުއްޖެކެވެ. މިހާރު 17 އަހަރުގެ ޝާޔާ އާއި އޭނާގެ އާއިލާގެ ހުވަފެންތައް ފުނޑުފުނޑުވީ ހަމަ ކުއްލިއަކަށް ދިމާވި މި ހިތާމައިގަ އެވެ.

ޝާޔާގެ ބައްޕަ އިބްރާހިމް ދާއޫދު، "މިހާރު" އަށް ކިޔައިދިން ގޮތުގައި 2015 އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ވެސް ޝާޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ހަމަ ކުއްލިއަކަށް ހުރެފައި ކޮންމެ ދުވަހެއްގެ ހެނދުނުގެ ސަޔަށް ފަހު ވަރަށް ގަދަޔަށް ހޮނޑުލެވެން ފެށީ އެވެ.

"ހަފްތާއެއްހާ ދުވަސް ވަންދެން ހަމަ ހެނދުނު ސައިބޯ އިރަށް ހޮޑުލެވެނީ. އެހެންވެ އޭރު ދެއްކީ އަތޮޅު ހޮސްޕިޓަލަށް [މަނަދޫގައި ހުންނަ]. އެކަމަކު ޓެސްޓްތައް ހެދިޔަސް ޑޮކްޓަރު ނުބުނޭ ދެ ކިޑްނީ ފެއިލްވެފައެކޭ. ބުނީ އަވަހަށް ހާއްސަ ޑޮކްޓަރަކަށް ދައްކާށޭ،" މީގެ ހަތް އަހަރު ކުރީގެ ހަނދާންތައް އާކޮށް އިބްރާހިމް ކިޔައިދޭން ފެށި އެވެ.

މަނަދޫގެ ޑޮކްޓަރުންގެ ލަފާގެ މަތިން މާލެ އައި ގޮތަށް އޭޑީކޭ ހޮސްޕިޓަލުގައި އިން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ޝާޔާ ދެއްކި އެވެ. ޓެސްޓުތަކަށް ފަހު، ޝާޔާގެ ދެ ކިޑްނީ ފެއިލްވިކަން އާއިލާ އަށް އެންގީ އެ ހޮސްޕިޓަލުންނެވެ.

އޭޑީކޭގެ ޑޮކްޓަރުގެ ލަފާގެ މަތިން އެ ހިސާބުން ފަރުވާ ފެށީ އައިޖީއެމްއެޗުންނެވެ. އިބްރާހިމް ބުނީ، މާލެ ދިޔަތާ ހަފްތާއެއްގެ ތެރޭގައި އާސަންދަ ހޯދައިގެން އެ މީހުން އިންޑިއާ އަށް ދިޔަ ކަމަށެވެ. އެ ދަތުރުގައި އޭނާ ބޭނުންވީ ޓްރާންސްޕްލާންޓް ވެސް ހަދާށެވެ.

"އެ ފަހަރު ޑޮކްޓަރަށް ދައްކާފައި އަނެއްކާ ރާއްޖެ ގޮސްފައި އަންނަންޏާ އިތުރަށް ވަގުތު ނަގާނެތީ އިތުރަށް ލަސްކުރަން އަޅުގަނޑު ބޭނުން ނުވީ. އެ ދަތުރުގައި ޓްރާންސްޕްލާންޓް ހަދައިގެން ދާން ބޭނުންވީ."

ޝާޔާއާ އާއިލީ ގޮތުން ވީއެންމެ ގާތުން ކިޑްނީ ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭރު ޑޮކްޓަރު ބުނުމުން އިބްރާހިމް ނިންމީ އޭނާގެ އެންމެ ހަގު ދަރިއަށް އޭނާގެ ކިޑްނީ ދޭށެވެ. ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ޓްރާންސްޕްލާންޓު ހަދައި، އެތަނުގައި އިތުރު ތިން މަހު މަޑުކޮށްފައި އަނބުރާ ރާއްޖެ އަށް އާދެވުނީ ފެބްރުއަރީ 2016 ގަ އެވެ. އާ ދިރިއުޅުމެއް ޝާޔާ އަށް ލިބުނީ އިބްރާހިމް ބުނާ ގޮތުން ނަމަ، ގިނަ ބައެއްގެ އެހީތެރި ކަމުގަ އެވެ.

"އަހަރެއްހާ ދުވަހު އިންޑިއާގައި މަޑުކުރެވުނީ ގިނަ ބައެއްގެ އެހީގައި. މަނަދޫ އާއި އަތޮޅުގެ އިތުރުން ވިޔަފާރިވެރިންގެ ފަރާތުން ލިބުނު މާލީ އެހީތެރިކަމާ އެކު."

އިބްރާހިމް ބުނި ގޮތުގައި ޓްރާންސްޕްލާންޓަށް ފަހު އެމީހުން އުޅުނީ ވަރަށް ބަލައިގެންނެވެ. މާސްކް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުދެ އެވެ. ސްކޫލުގެ އެހީއާ އެކު ޝާޔާގެ ކިޔެވުން އަލުން ފެށީ ވެސް އެކަމަށް ބަލައިގެންނެވެ. އެކަމަކު އެހާ ބަލައިގެން އުޅެނިކޮށް އަނެއްކާ ވެސް ކުރިމަތިވީ އިިތުރު ގޮންޖެހުމެކެވެ. ޝާޔާއަށް ފާނަބަސަދު ޖެހިގެން ކިޑްނީގައި އިންފެކްޝަނެއް އުފެދުނީ އެވެ.

"ވަރަށް ބަލައިގެން އުޅެނިކޮށް ފާނަބަސަންދު ޖެހިގެން އަނެެއްކާ ވެސް މާލެ އައިސް އައިޖީއެމްއެޗުގައި 21 ދުވަހު އެޑްމިޓްކޮށްގެން ފަރުވާދިން. ކިޑްނީގައި އިންފެކްޝަނެއް އުފެދުނީ. ބޭސް ވެސް ބަދަލުކޮށްގެން ކެއި،" އިބްރާހިމް ބުންޏެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ޝާޔާ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ޝާޔާ.

ދެހާސް ސަތާރައިގެ ކުރީކޮޅު ދިމާވި އެ ކަންތައްތަކާ ހުރެ އެ ފަހަރު ވެސް އިންޑިއާ އަށް ގޮސް ޑޮކްޓަރަށް ދައްކަން ޖެހުނެވެ. އިންޑިއާގައި ހުއްޓާ ޑެންގޫ ހުން ވެސް އޭނާއަށް ޖެހުނެވެ. އެކަމަކު ކިޑްނީގެ މައްސަލަތަކެއް ހުރި ކަމަށް ޖެހިގެން އައިއިރު އައިޖީއެމްއެޗުގެ ޑޮކްޓަރަށް ފާހަގަކުރެވިގެން އަލުން އިންޑިއާ އަށް ދާން ލަފާ ދިނެވެ.

"ކިޑްނީގެ އިންފެކްޝަން މާބޮޑަށް މަތިވެގެން ގޮސް އެ ލެއްވި ކިޑްނީ ވެސް ފެއިލްވީއޭ ބުނީ،" އިބްރާހިމް ހަދިޔާކުރި ކިޑްނީ ފެއިލްވެފައިވާ ކަމަށް 2018 ގައި ޑޮކްޓަރު ބުންޏެވެ.

އޭގެ ފަހުން ކިޔެވުން މެދުކަނޑާލަން އަނެއްކާ ވެސް ޝާޔާ އަށް މަޖުބޫރުވީ އެވެ.

"2019 ގައި މާލެ އައި ގޮތަށް އަޅުގަނޑުމެން ރަށަށް އަދި ނުދަން. އައިޖީއެމްއެޗުން ޑައިލަސިސް ހަދަން ޖެހޭތީ މާލޭގައި އުޅެމުން މިދަނީ ރައްޓެހި ބައެއްގެ ގާތުގައި. ޝާޔާގެ ކިޔެވުން އަލުން މެދުކަނޑާލަން ޖެހުނީ ޖީސީ އަހަރު."

ތިން ކުދިންގެ އާއިލާއަކަށް ނިސްބަތްވާ ޝާޔާއަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އެކަމަކު އާއިލާގައި ދެން ތިބި ދެ ކުދިންނަށް ސިއްހީ މައްސަލަތަކާ ހުރެ އެ މީހުންގެ ކިޑްނީ ހަދިޔާކުރެވޭކަށް ނެތެވެ.

"އަޅުގަނޑުގެ ދެން ތިބި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ހުރީ ދެ އޮޕަރޭޝަނެއް ކޮށްފައި. އަނެއް ކުއްޖާއަކީ ހަކުރު ބަލީގެ ކުއްޖެއް. އެހެންވެ ކިޑްނީ ހަދިޔާކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑޮކްޓަރު ބުނޭ." ޝާޔާގެ މަންމަ ފަރާތު މާމައަކީ ވެސް ކިޑްނީ ފެއިލްވެ މި ބައްޔަށް ހަނގުރާމަކުރަމުންދާ މީހެއްކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އެހެންވެ، އެ އާއިލާ އިން މަސައްކަތް ކުރަމުން ދަނީ ޝާޔާއަށް ކިޑްނީ ހަދިޔާކުރާނެ މީހަކު ލިބޭތޯ އެވެ. ސޯޝަލް މީޑިއާގައި އިބްރާހިމް އެ މަސައްކަތް ފެށީ އާއިލާ ތެރެއިން ލިބޭނެ ގޮތެއް ނެތިގެންނެވެ. ޝާޔާއަކީ ބީ ޕޮޒިޓިވް ލޭ ހުންނަ ކުއްޖަކަށްވާތީ އެ ލޭގެ ގްރޫޕުގެ މީހުންގެ ފަރާތުން ކިޑްނީއަކަށް މި އާއިލާ އާދޭސް ކުރެ އެވެ.

އިބްރާހިމް ދާއޫދު: 9974408