Roadha Mihaaru
ކިޑްނީއެއް ހޯދުމުގެ އުނދަގޫ ދަތުރުގައި ނާއުއްމީދު

ކިޑްނީއެއް ހޯދުމުގެ އުނދަގޫ ދަތުރުގައި ނާއުއްމީދު

13 އެޕްރީލް 2021

ސާއިދު އަހުމަދު ކިޑްނީއެއް ލިބޭތޯ އުޅޭތާ ދެ އަހަރުވެއްޖެ އެވެ. އެކަން ކާމިޔާބުވޭތޯ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ 14 ވަނަ މީހާއާ އެކުގަ އެވެ. ދިރިހުންނަން ޑަޔަލިސިސް ހަދަމުން އަންނަ ކުޅިވަރު ނޫސްވެރިޔާގެ އުއްމީދު, އެކި ސަބަބުތަކާ ހެދި, ކުރީ 13 ފަހަރު ވެސް ވީ ފެނަށެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ސާއިދު އަހުމަދު ކިޑްނީއެއް ލިބޭތޯ އުޅޭތާ ދެ އަހަރުވެއްޖެ އެވެ. އެކަން ކާމިޔާބުވޭތޯ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ 14 ވަނަ މީހާއާ އެކުގަ އެވެ. ދިރިހުންނަން ޑަޔަލިސިސް ހަދަމުން އަންނަ ކުޅިވަރު ނޫސްވެރިޔާގެ އުއްމީދު, އެކި ސަބަބުތަކާ ހެދި, ކުރީ 13 ފަހަރު ވެސް ވީ ފެނަށެވެ.

"ވަރަށް އުއްމީދާ އެކީގައި ކޮންމެ މީހަކާ އެކީ ވެސް ފަށައިގަންނަނީ. އެހެންވީމާ ވަކި ހިސާބަކުން ނާކާމިޔާބުވާން ފެށީމަ ވަރަށް މާޔޫސްވޭ. އެކަމަކު ހިތްވަރެއް ދުލެއް ނުކުރަން," ސާއިދު, 31, ބުންޏެވެ.

ސާއިދާ އެއް ހާލަތެއްގައި އެތަކެއް ދިވެހިން އުޅެ އެވެ. ކިޑްނީ ފެއިލްވެގެން ކުރިމަތިލާން ޖެހޭ ވޭނާއި ތުރާތަކުގެ ތެރެއަށް އިތުރުވަނީ ކިޑްނީއެއް ދޭނެ މީހަކު ނުވެގެން ޓްރާންސްޕްލާންޓް ހެދެން ނެތުމުގެ ގޮންޖެހުމެވެ. މައިގަނޑު ސަބަބަކަށް ވަނީ ކިޑްނީ ހަދިޔާކުރަން މީހުން ފަސްޖެހޭލެއް ބޮޑުކަމެވެ. އާއިލާގެ ތެރެއިން ވެސް ކުރިމަތިވަނީ އެ ހުރަހެވެ. ސާއިދާއި އޭނާ ފަދަ އެހެން ބައެއް މީހުން ވެސް އެކަން ތަޖުރިބާކޮށްފި އެވެ.

"އަހަންނަށް ދިމާވެފައި އެބަހުރި ޑަޔަލިސިސް ހަދަމުން އަންނަ މީހުން، އާއިލާގެ 14 މެމްބަރުން އަދި 11 މެމްބަރުންނާ މެޗުވާ މީހުން. އެ މީހުން އެބަހުއްޓޭ ބުނެފައި ތީގައި ތިމަންނަމެންނަށް ކުރެވޭނެ ކަމެއް ނެތޭ, އާއިލާ އަށް އަނެއްކާވެސް އުފަންވާނީ ކިޑްނީގެ ބަލީގެ އިތުރު މީހެއް ނޫންހޭ. އެ ޖަވާބު ލިބުނީމަ ކުރެވޭ އިހުސާސްތަކާ އެކީގައި ވޭނަށް ކެތްކޮށްގެން އެ ނާއުއްމީދުކަމާއި މާޔޫސްކަމުގައި މަރާ ހަނގުރާމަ ކުރަމުން އެ މީހުން ދާނީ," ޕީއެސްއެމްގެ ފުޓްބޯޅަ ކޮމެންޓޭޓަރު ސާއިދު ބުންޏެވެ.

ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އިބްރާހީމް ޝިހާމް ވިދާޅުވިގޮތުގައި ޝަރުތު ހަމަވާ ސިއްހަތު ރަނގަޅު އާއިލީ މީހަކު ހުރެ, ކިޑްނީ ނުދެވޭ ގޮތް މެދުވެރިވަނީ ވަރަށް މަދު ފަހަރަކު އެވެ. ހުރަސްތަކެއް ހުއްޓަސް މިހާރު ބޭސް ބޭނުންކޮށްގެން އެފަދަ ވަރަށް ގިނަ ކަންކަން ގިރާކޮށްލެވެން ވެސް އޮންނާތީ އެވެ. ޑރ. ޝިހާމް ވިދާޅުވީ ރާއްޖޭގައި ކިޑްނީ ލިބުން ދަތިވާ މައިގަނޑު ސަބަބަކީ ކިޑްނީ ހަދިޔާކުރަން ބިރު ހީވުމާއި މައްސަލައެއް ދިމާވުމުގެ ނުރައްކާ ކުޑަ ކަމަށް ޑޮކްޓަރުން ކިޔައިދިނަސް ކިޑްނީ ދޭން ބޭނުން ނުވުން ކަމަށެވެ. އަދި، މަދުން ނަމަވެސް, ބަލިމީހާ ކިޑްނީ ގަބޫލުކުރަން ދެކޮޅުހަދާތީ ވެސް ކިޑްނީ ބަދަލު ނުކުރެވިފައި އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. މައިގަނޑުގޮތެއްގައި, ދަރިންގެ ކިޑްނީ ނަގަން ބޭނުން ނުވާ މައިންނެވެ.

"ވަރަށް މަދު, އެލިޖިބަލް އެއްވެސް މީހަކު ނެތި ދާ ދިޔުން. އެފަދަ މީހަކު ދޭން ބޭނުންވޭ އަދި ބަލިމީހާ ވެސް ލިބިގަންނަން އެއްބަސް, އެކަމަކު ސިއްހީ ސަބަބުތަކަށްޓަކައި ނުދެވި ހުރުން، އެއީ، ވަރަށް މަދުން ނޫނިއްޔާ އަޅުގަނޑަށް ފެނިފައި ނެތް ކަމެއް," ކިޑްނީގެ ބަލިތަކަށް ފަރުވާދެއްވާ އައިޖީއެމްއެޗުގެ އިސް ޑޮކްޓަރު ވިދާޅުވި އެވެ.

"އަހަންނާ ދިމާއަށް ބުނެފައި ވެސް އެބަހުރި މި ރާއްޖެއަކުން ހިލޭސާބަހަކަށް ކިޑްނީ ދޭނެ މީހަކު ނުލިބޭނެއޭ ވެސް. ތިމަންނަމެން ހަތް ލައްކަ, އަށް ލައްކަ އަށް ކިޑްނީ ވިއްކަފާނަމޭ. އަހަރެން ބުނިން އިންސާނެއް ތި އަގު ކުރަނީ ކިހިނެއް ހޭ."

"ރިސްކު ވަރަށް ކުޑަ"

ސާއިދުގެ ތަޖުރިބާގައި, ހިލޭ މީހުންނާއި އާއިލީ މީހުން ވެސް, ކުށް ހީތައް ގެންގުޅެ އެވެ.

"ކިޑްނީ ދިނީމަ ތިމަންނާ ބަލިވީއޭ, ނުކުޅެދޭ މީހަކަށް ވީއޭ, ދެން އުޅެން ޖެހޭނީ ކިޑްނީ ބަލި މީހަކަށް ވެގެން ވަރަށް ހާލުގައޭ. ނުރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ގޮތަށް އެބަ ވިސްނާ," ސާއިދު ބުންޏެވެ.

ޑރ. ޝިހާމް ވިދާޅުވިގޮތުގައި މެޑިކަލް ޓެސްޓުތަކަށް ބިނާކޮށް ޑޯނަރަކަށް ވެވިދާނެ ކަމަށް ޑޮކްޓަރުން ދެކޭ މީހަކު ކިޑްނީ ހަދިޔާކުރުމުގެ ނުރައްކަލެއް ނެތެވެ. ހޭނައްތައިގެން ކުރާ އޮޕަރޭޝަނެއްގެ ރިސްކުތަކާއި ޓެސްޓުތަކުން ނުދައްކާ ކަމެއް ހުރެގެން ފަހުން މައްސަލައެއް ދިމާވުމުގެ ފުރުސަތު ވެސް އޮންނާނެކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވިގޮތުގައި އެއީ ބަލިމީހުންނަށް ލިބޭ ފައިދާއާ އަޅާބަލާ އިރު ވަރަށް ކުދި ރިސްކުތަކެކެވެ.

ޓްރާންސްޕްލާންޓެއްގެ ކުރިން ޑޮކްޓަރުން ކުރާ މަސައްކަތުގެ ބޮޑު ބަޔަކީ, ޑރ. ޝިހާމް ވިދާޅުވިގޮތުގައި, ކިޑްނީ ހަދިޔާކޮށްގެން ކުރިއަށް އޮތް ތަނުގައި ޑޯނަރަށް ސިއްހީ މައްސަލައެއް ދިމާވެދާނެތޯ ބެލުމެވެ. "އެކަހަލަ ކަމެއްގެ ކުޑަ ވެސް ނިޝާނެއް ހުރިތޯ" ދެނެގަތުމަކީ ޑޯނާ އިވެލުއޭޝަންގެ 90 ޕަސެންޓު ކަމަށާއި ބަލީމީހާއާ ކިޑްނީ މެޗުވޭތޯ ބެލުމުގެ ވެސް ކުރިން އިސްކުރަނީ އެކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ, ޑރ. ޝިހާމް ވިދާޅުވިގޮތުގައި, "އެއް ބަލިމީހާގެ ސަބަބުން ދެވަނަ ބަލިމީހަކު އުފެދިގެން ދިޔަ ނުދޭން" ވަރަށް ފަރުވާތެރިކަމާ އެކު ކުރާ މަސައްކަތެކެވެ.

"އެ ބަލަން ޖެހޭ ހުރިހާ އެއްޗެއް ބެލުމަށް ފަހު ޓްރާންސްޕްލާންޓް ހެދިއްޖެއްޔާ އާއްމުގޮތެއްގައި މާ ބޮޑު މައްސަލައެއް ދިމާވެގެން ނުވާނެ. ގިނަ މީހުންނަށް ހަމަ ފުރިހަމަ ސިއްހަތެއްގައި ދިރިއުޅެވޭނެ," އޭނާ ވިދާޅުވި އެވެ.

ޑރ. ޝިހާމް ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑރ. ޝިހާމް ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ކުރެވެން ނެތުމުން ބޭރު ގައުމަކަށް ގޮސްގެން ކުރަން ޖެހޭ މި އޮޕަރޭޝަނަށް އެންމެ ފަހި ގޮތަކީ އާއިލާ އިން ޑޯނަރަކު ހަމަޖެހުމެވެ. ޑރ. ޝިހާމް ވިދާޅުވިގޮތުގައި ގުނަވަންތައް ގަނެވިއްކުމާއި އޯގަން ޓްރެފިކިން އާއި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާ ހެދި އަވައްޓެރި ބައެއް ގައުމުތަކުގައި ގަވާއިދުތައް ތަންފީޒުކުރުން މިފަހުން ހަރުކަށިކުރުމުން ހިލޭ މީހުންނާއި އެހެން ގައުމުތަކުގެ މީހުންގެ އަތުން ކިޑްނީ ހޯދުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އޭނާ ވިދާޅުވިގޮތުގައި ހާއްސަކޮށް އިންޑިއާގައި, ގަވާއިދުތަކަށް ބޯލަނބާ ރަނގަޅު ގިނަ ހޮސްޕިޓަލްތަކުގައި މިހާރު ވަކި ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެއީ ކިޑްނީ ދޭ މީހާ އާއި ލިބިގަންނަ މީހަކީ އެއް ގައުމެއްގެ އާއިލީ ދެ މީހުންނަށް ވުމެވެ. ގިނަ ފަހަރު އެ ވާން ޖެހެނީ ބޮޑުދައިތަ/ބޮޑުބޭބެ ނުވަތަ އެއަށް ވުރެ ގާތް ލޭގެ ގުޅުމެއް އޮންނަ މީހަކަށް ނުވަތަ އަނބިމީހާ/ފިރިމީހާ އަށެވެ. އެހެންކަމުން ޑޮކްޓަރުގެ މެސެޖު އަމާޒުކުރެއްވީ އާއިލާތަކަށެވެ.

"ކިޑްނީއަކީ އާއްމުގޮތެއްގައި އާއިލާގެ މީހަކު ދިނިއްޔާ ނޫނީ އެ މީހަކަށް ލިބޭނެ އެއްޗެއް ނޫނޭ, އެހެންވީމާ ޑޯނަރުންނަށް ވާން އެދި އަންނާށޭ. އެ މީހާ އަށް ސިއްހީގޮތުން ރައްކާތެރިކަމާ އެކު ކިޑްނީ ދެވޭނެކަން ޔަގީންކޮށްފައޭ ކިޑްނީ ދިނުމާ ބެހޭގޮތުން އަޅުގަނޑުމެން އެ މީހާއާ ވާހަކަދައްކާނީ ވެސް. އެހެންވީމާ ކިޑްނީ ހަދިޔާކުރުމާ ދޭތެރޭ ހުރި ބިރު ފިލުވާލާށޭ," ޑރ. ޝިހާމް ވިދާޅުވި އެވެ.

ކިޑްނީ ބައްޔާއި ކިޑްނީ ހަދިޔާކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ސާއިދު ވާހަކަދައްކާ ވީޑިއޯއެއް

ކިޑްނީ ވިއްކަން ލައްކައިން އަގުކިޔާ

ސާއިދުގެ ހިތި ތަޖުރިބާގައި އެތައް ކަމެއް ހިމެނެ އެވެ. އެއް މައްސަލައަކީ ކިޑްނީ ހަދިޔާކުރުމަކީ ވަރަށް ލުއި ކަމެއްގެ ގޮތުގައި ނަގައި ވަރަށް އަވަހަށް އެއްބަސްވުމެވެ. ނަފްސާނީގޮތުން މީހާ ތައްޔާރު ނުވެ ނުވަތަ އާއިލާ އިން ދެކޭ ގޮތެއް ނުބަލައި ވައުދުވުމަށް ފަހު ފަހުން ނުވަތަ ޓެސްޓުތައް ހަދާ ހިސާބަށް ދިޔުމުން މީހުންގެ ވިސްނުން ބަދަލުކުރެ އެވެ. ބައެއް މީހުން ކިޑްނީ ދޭން ބޭނުން ނުވިޔަސް ސީދަލަށް ނޫނެކޭ ނުބުނެ ވެސް ހިފަހައްޓާލަ އެވެ.

ސާއިދު ބުނިގޮތުގައި ކިޑްނީ ދޭން ވިސްނާ މީހާ އަށް ގާތްތިމާގެ މީހުންގެ ފަރާތުން ހިތްވަރާއި އެހީތެރިކަން ނުލިބުމަކީ ވެސް މައްސަލައެކެވެ. އެކަމާ ދެކޮޅަށް ވާހަކަދެއްކުމާއި އެއީ މޮޔަ ޚިޔާލެއް ކަމަށް ބުނެ މަލާމާތްކުރުމުގެ އަސަރު ފޯރަ އެވެ. އެފަދަ އެކި ސަބަބުތަކާ ހެދި ސާއިދު ތަކުރާރުކޮށް މާޔޫސްވާން ޖެހުނު އިރު ދެން ދިމާވީ ބޮޑެތި އަގުތަކަށް ކިޑްނީ ވިއްކަން ހުށަހެޅި މީހުންނެވެ.

"އަގު ކިޔާފައި އެބަހުރި ހަތްދިހަ ހާސް, ދެ ލައްކަ އަދި އެއަށް ވުރެ ވެސް މަތިން ކިޑްނީ ވިއްކާލަން," ފަސް އަހަރުގެ ދަރިއަކު ހުރި ސާއިދު ބުންޏެވެ. "އަހަންނާ ދިމާއަށް ބުނެފައި ވެސް އެބަހުރި މި ރާއްޖެއަކުން ހިލޭސާބަހަކަށް ކިޑްނީ ދޭނެ މީހަކު ނުލިބޭނެއޭ ވެސް. ތިމަންނަމެން ހަތް ލައްކަ, އަށް ލައްކަ އަށް ކިޑްނީ ވިއްކަފާނަމޭ. އަހަރެން ބުނިން އިންސާނެއް ތި އަގު ކުރަނީ ކިހިނެއް ހޭ."

"މިއީ މީހުންގެ އަމިއްލަ އިޚްތިޔާރުގައި ކުރަން އޮތް ކަމެއް. އެކަމަކު ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މީހުން ހޭލުންތެރިކޮށް ރަނގަޅު މައުލޫމާތު ކިޔައިދިނުން އެއީ ކުރެވެން އޮތް ކަމެއް."

ރާއްޖޭގައި ގުނަވަން ބަދަލު ނުކުރާތީ އެކަމާ ގުޅޭ ގަވާއިދުތަކެއް ނެތަސް ގުނަވަން ގަނެވިއްކުމަކީ ބައިނަލްއަގުވާމީ އުސޫލުތަކުގައި ކުށެކެވެ. ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަންތައް މިދިޔަ އަހަރު އައިޖީއެމްއެޗުގައި ފައްޓަން މަސައްކަތްކުރި އެވެ. ޑރ. ޝިހާމް ވިދާޅުވިގޮތުގައި ކޮވިޑް-19އާ ގުޅިގެން އެކަން ލަސްވި ނަމަވެސް އަންނަ އަހަރު އެ އަމާޒު ހާސިލްކުރެވޭނެ ކަމަށް ބެލެވެ އެވެ. އެ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ގާނޫނެއް ހެދުމެވެ. އެ ހިސާބުން, ފައިސާ އަށް ކިޑްނީ ހޯދުން މަނާވެގެންދާނެ ކަމަށް ޑޮކްޓަރު ލަފާކުރައްވަ އެވެ.

ޑރ. ޝިހާމް ވިދާޅުވިގޮތުގައި ސަރަހައްދުގެ ގައުމުތަކުގައި ވެސް އެފަދަ އުސޫލުތައް ހަރުކަށިކޮށް ތަންފީޒުކުރާ އެއް މަގްސަދަކީ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމެވެ. އޭނާ ވިދާޅުވީ އެފަދަ ބައެއް ކަންކަން ދިވެހިންގެ ތެރޭގައި ވެސް ހިނގާފައި އެބަހުރި ކަމަށެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާނުން ރާއްޖޭގައި ގިނަ އިރު ކިޑްނީ ގަނެވިއްކުން ނުހުއްޓުވައިފި ނަމަ އެތައް ބަޔަކު ޝިކާރައަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން ޑޮކްޓަރު ފާޅުކުރެއްވި އެވެ.

"ރާއްޖޭގައި އެކަންޏެއް ނޫން. އެހެން ގައުމަކަށް ގޮސް ވެސް މި ގަންނަނީ އެކަހަލަ ކޮންމެވެސް ކަހަލަ ނާޒުކު ހާލަތެއްގައި ތިބޭ ބައެއްގެ އަތުން. މިސާލަކަށް ފަގީރުކަން ނުވަތަ އެޑިކްޝަންއަކާ ހެދި. އެފަދަ މީހުން ހެޔޮ އަގެއްގައި ގުނަވަން ވިއްކާލާނެތީ އޭގެ ނާޖާއިޒު ފައިދާ ނެގިފައި އެބަހުރި. ދިވެހިންނަށް ވެސް އެބަހުރި އެކަން އައިސް," ޑރ. ޝިހާމް ވިދާޅުވި އެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ހަދަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ

ހއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ހަދަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ

ހޭލުންތެރިކުރުމެއް ނެތް

ކިޑްނީ ފެއިލްވެ ޑަޔަލިސިސް ހަދާތާ އަށް އަހަރު ވެފައިވާ ހަބީބާ މޫނިސް އަށް ފުރުސަތު ގެއްލުނީ މަކަރުވެރިއެއްގެ ސަބަބުންނެވެ. ހަބީބާގެ ދަރިފުޅު މުހައްމަދު ހުޝާމް ބުނިގޮތުގައި ކިޑްނީއެއް ދޭނަމޭ ބުނި މީހަކު ފައިސާއަށް ކިޔުމުން ދިން ކުޑަ އެތިކޮޅު ހިފައިގެން ފިލީ އެވެ. އެ ތަޖުރިބާ ކިޔައިދެމުން ހުޝާމް ބުނީ ކިޑްނީއެއް ހޯދުމުގެ ބުރަ ލުއިވާނެ ފަދަ ނިޒާމެއް ސިއްހީ ދާއިރާގެ ތެރެއިން ހަމަޖެހުން މުހިއްމު ކަމަށެވެ.

"ހޮސްޕިޓަލް މެދުވެރިކޮށް ޑޯނަރެއް ލިބޭ ގޮތެއް ވަންޏާ ވެސް ފަސޭހަވާނެ. އަޅުގަނޑުމެން އެކަނިމާއެކަނި އެކަން ކުރަން ނުޖެހި އެހީތެރިކަމެއް ލިބުން ބޭނުންވަނީ," ހުޝާމް ބުންޏެވެ.

ސާއިދު ބުނިގޮތުގައި ކިޑްނީ ހަދިޔާކުރަން ބޭނުންވާ މީހުން ރަޖިސްޓްރީކޮށްގެން ޑޯނަރުންގެ ޕޫލެއް ސަރުކާރުން ހަދައިފި ނަމަ ލުޔެއް ލިބުން އެކަށީގެންވެ އެވެ. އެކަމަކު އޭނާގެ މައިގަނޑު ކަންބޮޑުވުމަކީ މި ކަމަށް އާއްމުން ހޭލުންތެރިކުރަން މަސައްކަތެއް ކުރާ ތަން ނުފެނުމެވެ.

"ގުނަވަން ހަދިޔާކުރަން ހިތްވަރެއް ނުދެވޭނެ ސަރުކާރަކަށް. މިއީ މީހުންގެ އަމިއްލަ އިޚްތިޔާރުގައި ކުރަން އޮތް ކަމެއް. އެކަމަކު ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މީހުން ހޭލުންތެރިކޮށް ރަނގަޅު މައުލޫމާތު ކިޔައިދިނުން އެއީ ކުރެވެން އޮތް ކަމެއް," ސާއިދު ބުންޏެވެ.

މީހުން ހޭލުންތެރިކުރުން މުހިއްމު ކަމަށް ޑރ. ޝިހާމް ވެސް ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވިގޮތުގައި އެ މަސައްކަތް ކުރެވޭނީ ގުޅުންހުރި ހުރިހާ ފަރާތްތަކަކުން ބައިވެރިވެ އެންމެން އެއްބާރުލައިގެންނެވެ.

ސާއިދު ފުޓްބޯޅަ ކޮމެންޓްރީ ދެނީ

ސާއިދު ފުޓްބޯޅަ ކޮމެންޓްރީ ދެނީ

ސާއިދު ފަދައިން ޑަޔަލިސިސް އަށް ބަރޯސާވެފައި ތިބި އެންމެންގެ ވެސް އެންމެ ބޮޑު ހުވަފެނަކީ ކިޑްނީއެއް ލިބުމުގެ ދަތިކަން ފިލުމެވެ. ޑރ. ޝިހާމް ވިދާޅުވިގޮތުގައި ކިޑްނީ ޓްރާންސްޕްލާންޓަކީ އެހެން ގުނަވަންތައް ބަދަލުކުރުމަށް ވުރެ ފަސޭހަ އޮޕަރޭޝަނަކަށް ވުމުގެ އިތުރުން އޮޕަރޭޝަނަށް ފަހު ގަވާއިދުން ޑޮކްޓަރަށް ދައްކައި ފަރުވާތެރިކޮށް އުޅޭ ނަމަ ބަލިމީހުންނަށް އެ ލިބެނީ އާދައިގެ ދިރިއުޅުމެއްގެ ފުރުސަތެވެ.

ކިޑްނީ ހަދިޔާކުރަން މީހުން ފަސްޖެހޭތީ އެ ފުރުސަތު ގެއްލިގެންދަނީ އެވެ. އާއިލާތައް ކުޑަވަމުންދާ ވަރަކަށް އެ ގޮންޖެހުން މިހާރަށް ވުރެ ވެސް ބޮޑުވެގެން ހިނގައިދާނެ އެވެ.

"ފަސްޖެހުން ފިލުވުން އެންމެ މުހިއްމު ކަމަކީ. އޭރުން ފަސޭހަވާނެ," ޑރ. ޝިހާމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 450 ފަހަރު ޑަޔަލިސިސް ހެދި ފަހުން ސާއިދަށް އަނެއްކާވެސް ވަނީ އުއްމީދު ލިބިފަ އެވެ. ނުދަންނަ މީހެއް ނަމަވެސް 14 ވަނަ މީހާ ކިޑްނީ ހަދިޔާކުރަން އެދޭލެއް ބޮޑުކަން އެއީ އޭނާ އަށް ލިބޭ ހިތްވަރެކެވެ. އެ މީހާގެ ކިޑްނީ ސާއިދަށް ދެވިދާނެތޯ އެނގޭނީ ޓެސްޓުތަކަށް ފަހު އެވެ.