Roadha Mihaaru
ކަރަންޓު ކަނޑާލުމުން މާފަރު ކައުންސިލް ހުއްޓުމަކަށް

މިލިއަނެއްހާ ރުފިޔާގެ ބިލް ނުދައްކައިގެން މާފަރު ކައުންސިލުން ކަރަންޓު ކަނޑާލައިފި

20 އޮކްޓޯބަރ 2021

ނ. މާފަރު ކައުންސިލް އިދާރާ އާއި އެ އިދާރާގެ ދަށުން ހިންގަމުން އަންނަ ތަންތަނުގެ ކަރަންޓު ބިލަށް ފައިސާ ނުދައްކައިގެން އެތަންތަނުން މިއަދު ކަރަންޓު ކަނޑާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނ. މާފަރު ކައުންސިލް އިދާރާ އާއި އެ އިދާރާގެ ދަށުން ހިންގަމުން އަންނަ ތަންތަނުގެ ކަރަންޓު ބިލަށް ފައިސާ ނުދައްކައިގެން އެތަންތަނުން މިއަދު ކަރަންޓު ކަނޑާލައިފި އެވެ.

މިދިޔަ ދައުރުން ފެށިގެން މިއަދާ ހަމައަށް ނުދައްކާ ހުރި ކަރަންޓު ބިލްތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން، "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ހުންނަ ފެނަކަ ބްރާންޗުން ވަނީ ކައުންސިލާއި ޕްރީސްކޫލު އަދި ފުޓްސެލް ދަނޑުން ކަރަންޓު ކަނޑާލާފައި ކަމަށެވެ.

އަދުނާން ވިދާޅުވި ގޮތުގައި ކަރަންޓު ބިލްތަކުގެ ތެރެއިން ފައިސާ ނުދެއްކި ހުރި ގިނަ ބިލްތަކަކީ މިދިޔަ ދައުރުގެ ބިލްތަކެވެ. އެކަމަކު މި ދައުރުގައި ކައުންސިލާއި ޕްރީސްކޫލު އަދި ދަނޑުގެ ކަރަންޓު ބިލް ދައްކަމުން އަންނަނިކޮށް ކަރަންޓު ކަނޑާލީ އެތަންތަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދައުރުގައި ވެސް އަޅުގަނޑުމެންނަށް ނުދެއްކި އޮންނާނީ ބަނދަރާއި މަގުތަކާއި މިސްކިތްތަކުގެ ބިލް. ހުރިހާ ބިލެއް ދެއްކޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންް. ކައުންސިލް އިދާރާ އާއި ޕްރީ ސްކޫލު، ދަނޑުގެ ބިލް ދައްކަމުން އަންނަނިކޮށް އެ ކަނޑާލީ،" އޭނާ ވިދާޅުވި އެވެ.

އަދުނާން ވިދާޅުވީ ކަރަންޓު ބިލްތަކަށް ފައިސާ ނުދެއްކި އޮތީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކައުންސިލްގެ ބަޖެޓްގެ ބައެއް ސަރުކާރުން ހިފެހެއްޓުމުން ކަމަށެވެ. އެކަމަކު ކޮވިޑްގެ ކުރިން ދައުރުގައި ގިނަ ބިލްތަކެއް ނުދައްކަ އޮތް ކަމަށާއި އެ ބިލުތަކުގައި ދައްކަން އޮތް ފައިސާގެ އަދަދު މިލިއަނަށް ވުރެ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުނާން ވިދާޅުވި ގޮތުން ބިލްތަކަށް ދައްކަން ޖެހޭ ފަައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގައި ތަކުރާރުކޮށް ވަނީ އެދިފަ އެވެ.

ނުދައްކާ ހުރި ބިލްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޝްވަރާ ފެނަކަ އާއި ފިނޭންސްއާ އެކު ކޮށްފައިވާ ކަމަށާއި މިއީ އެއް މަހުން ނުވަތަ ދެމަހުން ހައްލު ގެނެވޭ ވަރަށް ވުރެ ބޮޑު އަދަދެއް އަރާފައިވާ ބިލްތަކެއް ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންނާ އެކު އައީ މަޝްވަރާތައް ކުރަމުން މީގަ ހެދެން އޮތީ ކޮން ގޮތެއްތޯ ބެލުމަށް. ދެމަހުން ތިން މަހުން ހައްލެއް ގެނެވޭވަރުގެ ކަމެއް ނޫން. އަޅުގަނޑުމެން ވެސް ފައިސާ ދެއްކުމަށް ކައުންސިލުން އާމްދަނީ ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން މިދަނީ،" އަދުނާން ވިދާޅުވި އެވެ.

އެ ރަށު ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލުމާ އެކު އެތަނުގެ ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. ފައިސާގެ މައްސަލަ ހައްލުކުރެވި ކަރަންޓު ލިބުމުން ކައުންސިލުން ހިދުމަތް ފަށަން ނިންމާފައިވާއިރު އިމަޖަންސީ ހާލަތްތަކުގައި ކައުންސިލް ރައީސަށް ގުޅައިގެން ކުރިއަށް ދިއުމަށް ވަނީ ރަށު ރައްޔިތުންނަށް އަންގައިފަ އެވެ.