Roadha Mihaaru
މަގު ބައްތިތައް މިންގަނޑަށް ފައްތަން ހަ މަސް ދީފި

ރަށްރަށުގެ މަގު ބައްތިތައް ރައްކާތެރި ކަމުގެ މިންގަނޑަށް ފައްތަން ހަ މަސް ދީފި

07 އޯގަސްޓް 2024

ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކޮށް، ރައްކާތެރި ކަމުގެ މިންގަނޑަށް ފައްތަން ކައުންސިލުތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކޮށް، ރައްކާތެރި ކަމުގެ މިންގަނޑަށް ފައްތަން ކައުންސިލުތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ މިދިޔަ މަހު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ މަގު ބައްތިތަކުން މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ލިބުން ކަމަށެވެ.

ފެނަކައިން އެގޮތަށް އެންގީ ރަށްރަށުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަކުން 144 ރަށެއްގައި މަގު ބައްތި ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭކަން އެނގުމުންނެވެ.

އެކި އިދާރާތަކާ ގުޅިގެން، ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފެނަކަ އާއި ރެގިއުލޭޓަރީ އޮތޯރިޓީ އަދި ފިނޭންސް މިނިސްޓްރީއާ އެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލެވި، ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރަން ޖެހެ އެވެ. މަގު ބައްތިތަކުގައި ރައްކާތެރިކަން ކަށަވަރުކޮށް ރަނގަޅުކުރުމަށް ކައުންސިލްތަކަށް ވަގުތު ބޭނުންވާތީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ އެ މުއްދަތު އިތުރުކޮށްދީފަ އެވެ.

އީއެލްސީބީ ނުވަތަ އާތު-ލީކޭޖް ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށްޓަކައި ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.

ފެނަކައިން ހެދި އިންސްޕެކްޝަނުން އެނގުނު ގޮތުގައި ގިނަ ރަށްތަކުގައި ހަރުކޮށްފައިވާ މަގު ބައްތިތަކަށް ކަރަންޓުދީފައި ހުރީ އީއެލްސީބީއާ ނުލަ އެވެ.

ރަށްރަށުގެ މަގު ބައްތިތައް ސޭޕްޓީ މިންގަނޑާ އެއްގޮތަށް ހުރިތޯ ބަލަން ފެށީ ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސް ހުއްޓައި، އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހިގެން މަރުވުމުންނެވެ.