Roadha Mihaaru
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް

ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ދަތުރުތަކާއި މުބާރާތްތައް ނުބާއްވަން އަންގައިފި

03 ޖުލައި 2024

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މިވަގުތު މަޑުޖައްސާލަން ސަރުކާރުން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މިވަގުތު މަޑުޖައްސާލަން ސަރުކާރުން މިއަދު އަންގައިފި އެވެ.

ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެހެންވެ، ކައުންސިލްތަކުގެ ރިކަރަންޓް ނުވަތަ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ދަންނަވާ ކަމަށް އެ ސިޓީގައި ބުންޏެވެ.

މި ވަގުތު ކޮންމެ ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލްތަކަށް ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:-

• ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުން.

• މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުން.

• އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުން.

• ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.

"ރާއްޖޭގެ ދަރަނި އަދާކުރުމަށާއި ރިކަރަންޓް ހަރަދު ކުޑަކުރުމަށް ކައުންސިލްތަކުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން އެންގިއިރު، ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ބެންކޮކް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވެފަ އެވެ.

އިގްތިސާދީ ހާލަތު ހުރި ގޮތުން، ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.