Roadha Mihaaru
އާ ސީޕްލޭން ޓާމިނަލް މި އަހަރު ހުޅުވާނެ

އާ ސީޕްލޭން ޓާމިނަލް މި އަހަރު ހުޅުވާނެ

20 އޮކްޓޯބަރ 2021

މުޅިން ނިމިފައިވާ ސީ ޕްލޭން ޓާމިނަލް މި އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މުޅިން ނިމިފައިވާ ސީ ޕްލޭން ޓާމިނަލް މި އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިމިފައިވާ އިރު އެތަން ހުޅުވުން އެހާ ބޮޑަށް ލަސްވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެކަމަށް އެ ކުންފުނިން ޖަވާބެއް ނުދެ އެވެ. އެނގިފައިވާ ގޮތުގައި ޓާމިނަލްގެ ހުރިހާ މަސައްކަތެއް ނިމިފައި ހުންނަތާ ވެސް ދެމަހެއް ވަރު ވެއްޖެ އެވެ.

މީގެ ކުރިން ވެސް އެމްއޭސީއެލް އިން ވަނީ ޓާމިނަލްގެ އޮޕަރޭޝަން ފަށަން އެކި ފަހަރު އެކި ތާރީހުތައް ދީފަ އެވެ.

ހަތަރު ބުރީގެ އާ ސީޕްލޭން ޓާމިނަލްގެ ކޮންމެ ފްލޯއެއްގައި 7،000 އަކަމީޓަރު (ޖުމްލަ 28،000 އަކަމީޓަރު) ހުންނާނެ އެވެ. އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމަ އަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. ރާއްޖޭގައި މިހާރު ސީ ޕްލޭން ހިދުމަތް ޓީއެމްއޭ އާއި އައިލެންޑް އޭވިއޭޝަނާއި މަންޓާ އެއާއިންނެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ހާއްސަ ޕްރޮޖެކްޓްގެ ތެރެއިން ސީ ޕްލޭން ޓާމިނަލްގެ މަސައްކަތަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްދާ މަސައްކަތެކެވެ. އާ ރަންވޭ ހުޅުވުމަށްޓަކައި ބޭނުންވާ ހުސް ޖާގަ ލިބޭނީ، މިހާރު ސީ ޕްލޭން ޓާމިނަލްތައް ހުރި ސަރަހައްދު ހުސްކޮށްގެންނެވެ. އެހެންވެ އެއާޕޯޓުގެ ބޮޑު ރަންވޭ ހުޅުވެން އޮތީ ވެސް، ސީ ޕްލޭން ޓާމިނަލް ހުޅުވި ހިދުމަތް ދޭން ފެށުމުންނެވެ.