Roadha Mihaaru
ކޮންޓެއިނަރުތައް ފީވަކަށް، އަނިޔާވިމީހާގެ ހާލު ރަނގަޅު

ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފި، އަނިޔާވި މީހާގެ ހާލު ރަނގަޅު

18 އޮކްޓޯބަރ 2021

މާލެ އިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏަކުން އިއްޔެ ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ށ. ފީވަކަށް މިއަދު ގެންގޮސްފި އެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏަކުން އިއްޔެ ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ށ. ފީވަކަށް މިއަދު ގެންގޮސްފި އެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ށ. ފީވަކު ބަލްމާ ކުންފުނީގެ "ވީނަސް" ދޯނި، ހދ. އަތޮޅާއި ށ. އަތޮޅާ ދެމެދު ދަތުކުރަމުން ދަނިކޮށް، ދެ ކޮއިންޓެއިނަރު ވެއްޓުނީ ބާރު ކޮޅިގަނޑެއްގައި ޖެހިގެންނެވެ.

މި ދޯނި ދިޔައީ މާލޭގެ ވިޔަފާރި ބަނދަރުން ދެ ކޮންޓެއިނަރު ބަރުކޮށްގެން، ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ބަނދަރަށެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 5:07 ހާއިރު ކަމަށެވެ.

ކޮންޓެއިނަރަކުން ޖެހި އެ ދޯނީގެ ފަޅުވެރިއެއްގެ ބޯފަޅައިގެން ވެސް ވަނީ ގޮސްފަ އެވެ. އެ ބިދޭސީ މީހާ އަށް ފީވަކު ސިއްހީ މަރުކަޒުން ވަނީ ފަރުވާދީފަ އެވެ.

އަނިޔާވި މީހާގެ ހާލު ރަނގަޅު

ފީވަކު ކައުންސިލްގެ ނައިބް ރައީސް އަހުމަދު މަނިކު "މިހާރު" އަށް ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އެ މީހާ އަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

ކޮންޓެއިނަރުތައް ވެއްޓުނު ދޯނި ފީވަކު ބަނދަރުގައި: މި ދޯނީގެ އަރިމަތި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި-- ފޮޓޯ: ތިލަދުން

ކޮންޓެއިނަރުތައް ވެއްޓުނު ދޯނި ފީވަކު ބަނދަރުގައި: މި ދޯނީގެ އަރިމަތި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި-- ފޮޓޯ: ތިލަދުން

މަނިކު ވިދާޅުވީ ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތައް ފީވަކަށް ގެންދިޔައީ އެ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކު ކަމަށެވެ. މި ކޮންޓެއިނަރުތަކުގައި ހުރީ ސޮފްޓް ޑްރިންކްސް އެވެ.

މި ހާދިސާގައި އެ ދޯނީގެ އަރިމަތީގެ ބޮޑުބައެއް އެއްކޮށް ވަނީ ހަލާކުވެފަ އެވެ. މިހާރު އެ ދޯނި ވެސް އޮތީ ފީވަކު ބަނދަރުގަ އެވެ.