Roadha Mihaaru
ގަދަ ކަނޑުގައި މަރުގެ ތުންފަތްމަތީގައި!

ސަފާރީ އަޑިއަށް ދިއުން: ގަދަ ކަނޑުގައި، މަރުގެ ތުންފަތްމަތީގައި!

27 ސެޕްޓެމްބަރ 2021

ހޭންޑީ ކްރޫޒް ސަފާރީ މިދިޔަ ހުކުރު ދުވަހު އެ ބޯޓުގެ ފަޅުވެރިން ހިމެނޭހެން ޖުމްލަ 17 މީހުންނާ އެކު ދަތުރު ފެށީ ސްރީލަންކާގެ އާއިލާއަކާއި ދިވެހި އާއިލާއެއް ގޮވައިގެން ހަފްތާ ބަންދުގެ ދަތުރަކަށެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހޭންޑީ ކްރޫޒް ސަފާރީ މިދިޔަ ހުކުރު ދުވަހު އެ ބޯޓުގެ ފަޅުވެރިން ހިމެނޭހެން ޖުމްލަ 17 މީހުންނާ އެކު ދަތުރު ފެށީ ސްރީލަންކާގެ އާއިލާއަކާއި ދިވެހި އާއިލާއެއް ގޮވައިގެން ހަފްތާ ބަންދުގެ ދަތުރަކަށެވެ.

އެ ސްރީލަންކާ މީހުންނަކީ ރާއްޖޭގައި ދިރިއުޅޭ ރާއްޖޭގައި މަސައްކަތް ކުރާ ބައެކެވެ. އަދި އެ މީހުން ކުއްޔަށް އުޅެނީ ދިވެހި އާއިލާއެއްގެ ގޭގަ އެވެ. ދެ އާއިލާގެ ދެމެދުގައި ގާތް ގުޅުމެއް އޮވެ އެވެ.

އެ ދަތުރު ދިޔަ ސްރީލަންކާ މީހެއްގެ ގާތް، ރަހުމަތްތެރިއަކު ކިޔައިދިން ގޮތުގައި ދަތުރު ރާވާފައި އޮތީ، ހުކުރު ދުވަހުގެ ރޭ ސަފާރީގައި އޯވާ ނައިޓް ކޮށް، ހޮނިހިރު ދުވަހު ފިނޮޅަކަށް ދަތުރު ދިއުމަށް ފަހު ހަވީރު މާލެ އަންނަ ގޮތަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ އެ ރަހުމަތްތެރިޔާ ކިޔައިދިން ގޮތުގައި ދަތުރުގެ މަޖާ ފޮޓޯތަކާ އެއްޗެހި އެ މީހުން ދިޔައީ ފޮނުވަމުންނެވެ.

އޭނާ ބުނީ، ހޮނިހިރު ދުވަހު ހަވީރު މާލެ އަށް ނައުމުން ވީ ގޮތެއް ބަލާލި އިރު، އެ މީހުން ދަތުރުގެ މުއްދަތު އިއްޔެ އަށް އިތުރު ކުރީ ކަމަށެވެ. އެހެން ހަބަރެއް ނުވެ ހުއްޓާ އިއްޔެ ހެނދުނު އޭނާ އަށް އައީ ރަހުމަތްތެރިޔާގެ އާއިލާ މީހެއްގެ ފޯނު ކޯލެކެވެ. ނުރައްކާތެރި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އޭނާ އަށް ލިބުނީ ލަންކާއިން އައި އެ ފޯނު ކޯލުންނެވެ.

އިއްޔެ މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެޓް އޮފީހުން އޮތީ ޔެލޯ އެލާޓު ނެރެފަ އެވެ. އޭރު ހޭންޑީ ކްރޫޒް ސަފާރީ ދަތުރު ކުރަމުން ދިޔައީ އެންމެން ގޮވައިގެން މާލެ އަންނާށެވެ.

އެކަމަކު ކަނޑު ގަދަވެ، ނަގަމުން ދިޔަ ބިޔަ ރާޅުތަކާ ހެދި އެ ދަތުރު ވީ ވަރަށް ދަތި އުނދަގޫ ދަތުރަކަށެވެ. ރާޅު ޖަހައި ޖަހައި އެންމެ ފަހުން ސަފާރީގެ ފަހަތު ބަޔަށް ގެއްލުންވީ އެވެ. ފެން ވަންނަން ފެށީ އެ ދިމާލުން ކަމަށްވެ އެވެ.

"ރާޅު ޖެހުމުގެ ސަބަބުން ސަފާރީގެ ފަހަތު ސިޑި ހުންނަ ބަޔަށް ގެއްލުންވީ. ދެން އެތަނުން މަޑުމަޑުން ފެން ވަންނަމުން ދިޔައީ."

ސަފާރީން ދަތުރު ކުރި ސްރީ ލަންކާ މީހަކު ކިޔައިދިން ގޮތުގައި ސަފާރީ އަށް ފެން ވަންނަން ފެށުމުން އެއްކޮށް އަޑިއަށް ދާން ނެގީ އެންމެ ބައިގަޑިއިރެވެ. އެ ވަގުތުގެ ތެރޭގައި އެ މީހުން ކޯސްޓްގާޑަށް ރިޕޯޓު ކުރީ އެވެ.

"ހޭންޑީ ކްރޫޒާ" ސަފާރީގެ ބައެއް ފެންމައްޗަށް އަރާފައި: އެ ސަފާރީން ދަތުރު ކުރި ސްރީލަންކާ މީހަކު ވަނީ މަރުވެފައި -- ފޮޓޯ:އެމްއެމްޑީއެފް

"ހޭންޑީ ކްރޫޒާ" ސަފާރީގެ ބައެއް ފެންމައްޗަށް އަރާފައި: އެ ސަފާރީން ދަތުރު ކުރި ސްރީލަންކާ މީހަކު ވަނީ މަރުވެފައި -- ފޮޓޯ:އެމްއެމްޑީއެފް

އެ މީހާ ކިޔައިދިން ގޮތުގައި، ދިޔަ ވާން ފެށުމުން ސަފާރީގެ ކްރޫއިން އެންމެންނަށް އެންގީ ލައިފް ޖެކެޓު އަޅައިގެން ޑެކަށް ނުކުންނާށެވެ. އެކަމަކު، ހުރިހާ ފަސިންޖަރުންނަށް ވުރެ ކުރިން އެ މީހުން ލައިފް ޖެކެޓް އަޅައިގެން ފުންމާލީ ކަމަށް އޭނާ ބުންޏެވެ.

ސަފާރީން ފުންމާލައި ފަސިންޖަރުން ފެންމަތީގައި ތިބީ ފަރުނީޗަރާއި ސަފާރީގެ އެކި އެއްޗެހީގައި އެލިގެންނެވެ. އެގޮތަށް ގަޑިއެއްހާއިރު ތިއްބެވެ. އެ މީހުން ތިބީ ލައިފް ޖެކެޓް ވެސް އަޅައިގެންނެވެ. ކޯސްޓްގާޑުން ގޮސް، އެހީވަންދެން އެ މީހުން އެހެން ތިބި ކަމަށް އޭނާ ކިޔައިދިނެވެ.

"އެންމެން ތިބީ ލައިފް ޖެކެޓު އަޅައިގެން ކަނޑުމަތީގައި ސަފާރީގެ ފަރުނީޗަރުތަކާއި ފެން މައްޗަށް އެރި އެކިއެކި ލަކުޑި އެއްޗެހީގައި އެލިގެން،" މައުލޫމާތު އެނގޭ އެހެން މީހަކު ބުންޏެވެ.

ސަފާރީ ދިޔަވާކަން ކޯސްޓް ގާޑަށް ރިޕޯޓު ކުރީ ގަޑިން 8:40 އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި 9:07 އެހާކަންހާއިރު ކޯސްޓްގާޑުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، ވިއްސާރައިގެ ސަބަބުން މީހުން ހޯދަން ދަތިވި އެވެ. ކޯސްޓްގާޑުގެ އުޅަނދަށް އެންމެން އަރުވާ ނިމުނީ 11:13 އެހާކަންހާއިރު ކަމަށާއި، އެތާ ކައިރިން ދިޔަ ސަޕްލައި ދޯންޏަކަށް ވެސް ދެ މީހުން އެރުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މީހުން ސަލާމަތް ކުރީ ކޯސްޓް ގާޑުންނެވެ. އެ 17 މީހުން ނަގައިގެން ގެންދިޔައީ ހުޅުމާލެއަށެވެ. އޭގެ ތެރެއިން އެކަކު މަރުވި އިރު، ހަ މީހަކު ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ.

އިއްޔެ ހެނދުނު ހިނގި ހާދިސާގައި އަޑިއަށް ދިޔަ ހޭންޑީ ކްރޫޒް ސަފާރީ --

އިއްޔެ ހެނދުނު ހިނގި ހާދިސާގައި އަޑިއަށް ދިޔަ ހޭންޑީ ކްރޫޒް ސަފާރީ --

އެ ހާދިސާގައި މަރުވީ ސްރީލަންކާގެ، އުމުރުން 41 އަހަރުގެ މީހެކެވެ. އެ މީހާ އަކީ ރާއްޖޭގައި ޝިޕިން ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ މަރުވީ ގެނބިގެން ކަމެއް ނުވަތަ އެހެން ސަބަބަކާ ހެދި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ހޭންޑީ ކުންފުނީގެ އޮފިޝަލުންނަށް ގުޅުމުން ބުނެފައި ވަނީ ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި ބޭނުން ނުވާ ކަމަށެވެ.

މި ހާދިސާ ހިނގި އިރު އިއްޔެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑު ވަރަށް ބޮޑަށް ގަދަވި އެވެ. ހާދިސާ ހިނގި ފަހުން ވެސް އިތުރަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓު ވެސް ނެރުނެވެ.