Roadha Mihaaru
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި

ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި

01 އޮކްޓޯބަރ 2022

އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން ރާއްޖެ އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، އެ ބޯޓުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން ރާއްޖެ އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، އެ ބޯޓުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ މިދިޔަ ބުދަ ދުވަހު އިންޑިއާގެ ވިޔަފާރި ބަނދަރުން ފުރައިގެން މާލެ އަންނަނިކޮށް މޫސުން ގޯސްވެ، އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ކޯސްޓް ގާޑުން ނުބުނެ އެވެ.

ބޯޓު އަޑިއަށް ދިއުމުން އޭގައި ތިބި ހަތް މީހުންގެ ތެރެއިން ހަ މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ "އެމްވީ ބްރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. ގެއްލުނު މީހާގެ ތަފުސީލެއް އަދި ނުލިބުނަސް އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސިފައިން ބުންޏެވެ.

އެ ހާދިސާގެ ރިޕޯޓު ކޯސްޓް ގާޑަށް ރިޕޯޓުކުރީ މިއަދު ހެނދުނު 10:30 ހާއިރެވެ.

ގެއްލިގެން ހޯދާ މީހާ އެންމެ ފަހުން ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ސޯޓެކެވެ. އޭނާ ގެއްލުނުއިރު އޮތީ ލައިފްޖެކެޓު ވެސް އަޅައިގެން ކަމަށް ވެ އެވެ.

ގެއްލުނު މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ބަލައިދިނުމަށް އެންޑީއެފުން އެދެ އެވެ. އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް ދިވެހި ސިފައިން އެދެ އެވެ.