Roadha Mihaaru
ބޯޓުން ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

އާގާލާ ބޯޓުން ގެއްލުނު އިންޑިއާގެ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

07 މާޗް 2023

އައްޑޫ ހިތަދު އާއި މާލެއާ ދެމެދު ދަތުރުކުރާ އާގަލާ ބޯޓުގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އިންޑިއާގެ ފަޅުވެރިޔާ ހޯދުމަށް ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ހިތަދު އާއި މާލެއާ ދެމެދު ދަތުރުކުރާ އާގަލާ ބޯޓުގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އިންޑިއާގެ ފަޅުވެރިޔާ ހޯދުމަށް ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ، އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން، ކަނޑާއި ވައިގެ މަގުން 332.35 ކިލޯމީޓަރުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. އެކަމަކު އޭނާ އަދިވެސް ނުފެންނަ ކަމަށް ސިފައިން ބުންޏެވެ.

ސިފައިން ބުނީ އެ މީހާ ހޯދުމަށް މިއަދު ވެސް ސާޗު އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށެވެ.

އާންމުކޮށް މިފަދަ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމަށް އެމްއެންޑީއެފުން 72 ގަޑިއިރުގެ ސާޗު އޮޕަރޭޝަންތައް ހިންގަ އެވެ.

އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި އާގަލާ ބޯޓުގައި، މ. ތުވަރު ކައިރިން ރޯވުމުން އޭގައި ތިބި 15 މީހުން ކަނޑަށް ފުންމާލި އެވެ. އެ ބޯޓުގައި ތިބީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހަކާ އަދި ބަންގުލަދޭޝްގެ ފަސް މީހެކެވެ.

ގެއްލުނު މީހާ ފިޔަވައި އެހެން އެންމެން ސަލަމާތްކުރި އެވެ. އަދި ސަލާމަތް ކުރި މީހުން މ. މުލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ.

އެ ހާދިސާގައި އާގަލާ ބޯޓު ވަނީ އެއްކޮށް އަންދައި ހުލިވެފަ އެވެ.