04 ޖެނުއަރީ 2018
އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން އެ ގައުމުގެ އެހެން މަސްވެރިންތަކެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކައިރީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މީހުންގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން އެ ގައުމުގެ އެހެން މަސްވެރިންތަކެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކައިރީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މީހުންގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރަށެއް ކަމަށްވާ ކަންނިޔާކުމާރީގެ 36 މަސްވެރިއަކު، އެ މީހުންގެ އެކުވެރިން ހޯދުމަށް މިދިޔަ މަހު 29 ގައި ރާއްޖެ އަށް ފުރައިފި ކަމަށް ބުނެ، އިންޑިއާގެ "ދަ ހިންދޫ" ގައި ރިޕޯޓް ކުރުމާ ގުޅިގެން، ރާއްޖޭގެ ދިފާއީ ވަޒީރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ އެ މީހުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަންނަ ނަމަ، އެކަން ކުރާނީ ދިވެހި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ކަމަށެވެ. އަދި އެކަން ދުރާލައި ދިވެހި ސަރުކާރަށް އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޑިއާ އިން ގެއްލިގެން މިއުޅޭ މަސްވެރިން ހޯދަން ނުކުމެ އުޅޭ އެ ގައުމުގެ މަސްވެރިން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަދެވިދާނެތީ، ދުރާލައި އެކަމުގެ އިޝާރާތެއް އަޅުގަނޑުމެންނަށް ވަނީ ދީފައި. މީގެ މާނައަކީ އެ މީހުން ރާއްޖޭގެ ރަށްރަށަށް ހަރަކާތްތެރިވާ ވާހަކައެއް ނޫން. އެކަހަލަ ކަމެއް ނުހިނގާނެ. މި އިރުވައިގެ ތެރޭގައި އެއިން އުޅަނދަކަށް ކޮންމެ ފަދަ ހާލަތެއްގައި ވެސް ރާއްޖޭގެ ސަރަހައްދަށް ވަންނަން ޖެހިއްޖިއްޔާ އެކަމުގެ ހުއްދަ އަޅުގަނޑުމެން މިދިނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތޫފާންގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން، އެ މީހުންގެ އެކުވެރިން ހިމެނޭ އިންޑިއާގެ އަށް އުޅަނދެއް މިހާރު ވެސް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދާ ކައިރީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ ކޯސްޓް ގާޑުގެ "ހުރަވީ" ވެސް ހަރަކާތްތެރިވަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އިންޑިއާގެ އެ އުޅަނދުގައި ތިބި މަސްވެރިންގެ ނަންތައް ވެސް ދިވެހި ސަރުކާރާ ވަނީ ހިއްސާ ކޮށްފައި. އަނެއްކާ އެ އުޅަނދުތަކުގައި މަސްވެރިކަމުގެ އެއްވެސް އާލާތެއް ނުހުންނާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސަރުކާރުން ވަނީ ދީފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"އިންޑިއާގެ މި މަސްވެރިން ރާއްޖެއާ ކައިރީގައި މި ހަރަކާތްތެރިވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރާ ވާހަކަ ދައްކައި، ދެ ގައުމުގެ ވެސް އަންޑަސްޓޭންޑިންގެ ތެރެއިން. މިއީ އިންޑިއާގެ މަސްވެރިންގެ ކޮމިއުނިޓީން އިސްނަގައިގެން، އިންޑިއާގެ ސަރުކާރުގެ ވެސް ބެލުމުގެ ދަށުން ކުރާ މަސައްކަތެއް."
އޭނާ ވިދާޅުވީ މި މަސްވެރި އުޅަނދުތަކުގެ ހާލަތު ބެލުމަށް އިންޑިއާގެ މަނަވަރުތައް ވެސް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ އުޅަނދުތަކަށް އިމަޖެންސީގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި، އިންޑިއަން ނޭވީގެ އެއާކްރާފްޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ވެސް ރާއްޖެއިން ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކަހަލަ ހާލަތްތައް ކުރިމަތިވީމާ އެހެން ގައުމުތަކުގެ އެއްބާރުލުމަށް އަބަދުވެސް އެދޭނެ. އަނެއްކާ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް. [ދެ ގައުމުގެ] މިލިޓަރީ، މިލިޓަރީއަށް ވަރަށް ބޮޑު ޓްރަސްޓެއް އޮންނާނެ. ޚާއްސަކޮށް ސަރުކާރާއި ސަރުކާރާ އޮންނަ ގުޅުމުގެ އިތުރުން ދެ ގައުމުގެ އެކަކު އަނެކަކަށް އޮންނަ ގުޅުމުގެ ތެރެއިން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާއިން ގެއްލުނު މަސްވެރިން ހޯދުމަށް އެ ގައުމުގެ ސިފައިން ވަރަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (ކ) އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ މިދިޔަ މަހު ބައްދަލުކުރައްވަނީ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ގެއްލުނު މަސްވެރިން ހޯދުމުގެ އޮޕަރޭޝަނާ ގުޅޭ ގޮތުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލެޝް މިޝްރާ ވެސް އޭނާއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ.
ތޫފާން "އޮކްޝީ" މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު ސްރީ ލަންކާ އަށް އެރުމުގެ ސަބަބުން އެ ގައުމުން ވަނީ 27 މީހުން މަރުވެފަ އެވެ. މި ތޫފާނުގައި އިންޑިއާ އިން ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ގަޑިއަކު 130 ކިލޯމީޓަރު (80 މޭލު) ގެ ބާރު މިނުގައި ވައި ޖެހެމުންދިޔަ ތޫފާނުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުން އިމާރާތްތައް ވެއްޓި، ފޯނާއި ކަރަންޓް ނެޓްވޯކް ހަލާކުވެ އަދި އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
"ޓެރަރިޒަމާ ދެކޮޅު އިސް ގައުމަކަށް ރާއްޖެ ވާނެ"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް
"ހައިޑްރޯގްރެފިކް ސާވޭ: އުދައިގެ އަންދާޒާކުރެވޭނެ"
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް