Roadha Mihaaru
އުއްމީދު ކަނޑާނުލައި ދެ ކުދިން ހޯދުން ކުރިއަށް

އުއްމީދު ކަނޑާނުލައި ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އެމްއެންޑީއެފް

26 އެޕްރީލް 2018

އައްޑޫގައި މިދިޔަ ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައްޑޫގައި މިދިޔަ ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނެފި އެވެ.

ސ. ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި 14 އަހަރުގެ މަޔާމިން އަލީ އެވެ. އެ ދެ ކުދިން ހޯދުމަށް އެމްއެންޑީއެފްގެ ރެސްކިއު ޓީމުން ކަނޑު އަޑީގެ ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އަދިވެސް އެ ކުދިން ނުފެނެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ދެ ކުދިން ހޯދުމަށް، ސާޗް ޓީމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އިންސާނުންނަށް ވުރެ އެތައް ގުނައެއް ބޮޑު ސަރަހައްދެއް، ވަގުތުކޮޅެއްގެ ތެރޭގައި ބެލުމުގެ ގާބިލްކަން ލިބިފައިވާ ރޮބަޓެއް ބޭނުންކޮށްގެން ވެސް ދެ ކުދިން ހޯދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސ. ހިތަދޫގައި މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މަޔާމިން (ވ) އަދި އަލީ.

ސ. ހިތަދޫގައި މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މަޔާމިން (ވ) އަދި އަލީ.

"އުއްމީދު ގެއްލުވާ ނުލައި، ސާޗް ޓީމުގެ މަސައްކަތް އެބަދޭ. ހުއްޓުމެއް ނެތި އެ މަސައްކަތް ކުރިއަށް ދާނެ،" އާޒިމް ވިދާޅުވި އެވެ.

ގެއްލުނު ދެ ކުދިންގެ ތެރެއިން އަލީ މޫދަށް އެރުނު އިރު ލައިގެން ހުރި ސޯޓް ވަނީ ފެނިފަ އެވެ. ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރާ ޓީމްގައި ހިމެނޭ ފުލުހުންގެ ބަޔަކަށް އެ ސޯޓު ފެނުނީ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކާ ދިމާލު ފުއްޓަރު ފަރާތު ފަރުމަތިންނެވެ. އެއީ، އަލީގެ ސޯޓުކަން އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ގެއްލުނު ދެ ކުދިންނާ އެކު މޫދަށް އެރި އުޅުނު 16 އަހަރުގެ އަލީ ރާއިފް ވަނީ ސަލާމަތް ކުރެވިފަ އެވެ. އޭނާ ސަލާމަތް ކުރީ އައްޑޫގައި އުޅޭ އަޑު އިވުމުން މަހްރޫމް ވެފައިވާ އަދި ވާހަކަ ނުދެއްކޭ ބީރު މީހެކެވެ.