Roadha Mihaaru
ގެއްލުނު ދެ ކުދިން ހޯދަން ޑައިވިން ރޮބަޓް ބޭނުންކޮށްފި

ގެއްލުނު ދެ ކުދިން ހޯދަން ރޮބަޓެއް ބޭނުންކޮށްގެން ކަނޑު އަޑި ބަލައިފި

24 އެޕްރީލް 2018

އައްޑޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓެއް ބޭނުންކޮށްގެން ކަނޑު އަޑީގެ ބޮޑު ސަރަހައްދެއް ބަލައިފި އެވެ. ނަމަވެސް އަދިވެސް އެ ކުދިން ނުފެނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓެއް ބޭނުންކޮށްގެން ކަނޑު އަޑީގެ ބޮޑު ސަރަހައްދެއް ބަލައިފި އެވެ. ނަމަވެސް އަދިވެސް އެ ކުދިން ނުފެނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސ. ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި 14 އަހަރުގެ މަޔާމިން އަލީ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ޑައިވިން ރޮބަޓް ބޭނުންކޮށްގެން އެ ކުދިން ގެއްލުނު ސަރަހައްދުގެ ކަނޑު އަޑި ބަލާފައިވާ ކަމަށެވެ.

ގެއްލުނު ދެ ކުދިން ހޯދަން އެމްއެންޑީއެފުން މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ދެ ކުދިން ހޯދަން އެމްއެންޑީއެފުން މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް

މީގެ އިތުރުން ވައިގެ މަގުން ހެލިކޮޕްޓަރު ބޭނުންކޮށްގެން އޮއިހުރި ގޮތަށް ބަލައި، ކޯސްޓްގާޑުގެ ޑައިވަރުން މޫދުގެ އަޑި ބަލައިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ ކުދިން ހޯދުމަށް ސިފައިންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ގެއްލުނު ކުދިން ހޯދުމަށް އެމްއެންޑީއެފުން ބޭނުންކުރި ޑައިވިން ރޮބަޓް-- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ކުދިން ހޯދުމަށް އެމްއެންޑީއެފުން ބޭނުންކުރި ޑައިވިން ރޮބަޓް-- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ދެ ކުދިންގެ ތެރެއިން ފަހުމީ މޫދަށް އެރުނު އިރު ލައިގެން ހުރި ސޯޓް ވަނީ ފެނިފަ އެވެ. ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރާ ޓީމްގައި ހިމެނޭ ފުލުހުންގެ ބަޔަކަށް އެ ސޯޓު ފެނުނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާ ދިމާލު ފުއްޓަރު ފަރާތު ފަރުމަތިންނެވެ. އެއީ، ފަހުމީގެ ސޯޓުކަން އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ގެއްލުނު ދެ ކުދިން ހޯދަން އެމްއެންޑީއެފުން ބެލި ސަރަހައްދު-- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ދެ ކުދިން ހޯދަން އެމްއެންޑީއެފުން ބެލި ސަރަހައްދު-- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ދެ ކުދިންނާ އެކު މޫދަށް އެރި އުޅުނު 16 އަހަރުގެ އަލީ ރާއިފް ވަނީ ސަލާމަތް ކުރެވިފަ އެވެ. އޭނާ ސަލާމަތްކުރީ އައްޑޫގައި އުޅޭ އަޑު އިވުމުން މަހްރޫމް ވެފައިވާ އަދި ވާހަކަ ނުދެއްކޭ ބީރު މީހެކެވެ.