Roadha Mihaaru
އެލިއާގެ ބޯޓު އޮޕްރޭޓާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

އެލިއާގެ ހަ ވަނަ ބޯޓު އޮޕްރޭޓާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

16 ޖުލައި 2019

އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބާއްވާ ބޯޓު އޮޕަރޭޓާސް ޓްރެއިނިންގެ ހަ ވަނަ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބާއްވާ ބޯޓު އޮޕަރޭޓާސް ޓްރެއިނިންގެ ހަ ވަނަ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ލޯންޗު ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ނެޝަނަލް އާޓް ގެލަރީގަ އެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި ރިސޯޓުތަކާއި ކަނޑު އުޅަނދު ފަހަރު ގެންގުޅޭ އެކި ކުންފުނިތަކުގެ 45 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. މި ޓްރެއިނިން ސެޝަންތަކުގައި ޔަމަހާގެ އޯވަސީސް މާކެޓް ޑިވެލޮޕްމަންޓް އޮޕަރޭޝަންސް ގްރޫޕުގެ މެނޭޖަރު އުމިނޯ ޓޮމޮހޯރޯ ވެސް ބައިވެރިވާނެ އެވެ.

މި ޕްރޮގްރާމުގައި ފަސްޓް އެއިޑާއި ފަޔަ ފައިޓިން އާއި އައުޓް ބޯޑު އިންޖީނުގެ މައުލޫމާތު އަދި ކަނޑުމަތީގައި ދިމާވާ އެކި ހާދިސާތަކުން ސަލާމަތްވާނެ ގޮތްތައް ކިޔައިދޭނެ އެވެ. ބޯޓުތަކުގައި މަސައްކަތްކުރާއިރު، ތިމާވެށި ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވެސް މި ޕްރޮގްރާމުގައި މައުލޫމާތު ދޭނެ އެވެ.

އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު މައުލޫމާތު ދެއްވަނީ-- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު މައުލޫމާތު ދެއްވަނީ-- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ މި ޕްރޮގްރާމަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތައް ގިނަވުމުގެ ސަބަބުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް އެމްއެންޑީއެފާއި ފުލުހުންގެ ފަރާތުން ލިބޭ އެއްބާރުލުން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

އެމްއައިޓީގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ދަށްވެފައިވާކަމަށެވެ. އަދި ބޯޓު އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަކީ މިފަދަ އިލްމު ލިބިފައިވާ މީހުން ކަމުގައި ހެދުމަކީ އެ އިންސްޓިޓިއުޓުގެ އުއްމީދު ކަމަށް އޭނާ ވިދާޅުވި އެވެ.