Roadha Mihaaru
ނެވިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

އެލިއާ އާއި އެމްއައިޓީ ގުޅިގެން ނެވިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

19 މެއި 2017

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ނެވިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ނެވިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

"ބޯޓް އޮޕަރޭޓާސް ޓްރެއިނިންގް" ގެ ނަމުގައި މިދިޔަ އަންގާރަދުވަހު ފެށި ޕްރޮގްރާމްގެ ބޭނުމަކީ ކަނޑުމަތީގެ އެކްސިޑަންޓްތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް އެޅުމެވެ.

ކުއްލި ހާދިސާއެެއް ކުރިމަތިވުމުން އަމަލު ކުރަންޖެހޭ ގޮތާއި އަދި އަލިފާނުގެ ހާދިސާއެއްގައި އަޅާނެ ފިޔަވަޅުތަކަށް މި ތަމްރީން ޕްރޮގްރާމްގައި ކެޕްޓަނުން އަހުލުވެރި ކުރި އެވެ. މީގެ އިތުރުން ފަސްޓް އެއިޑް ވެސް ދަސްކޮށްދިނެވެ.

އަމަލީ ކްލާސް ތަކުގެ އިތުރުން، ބައިވެރިންނަށް އެނގެން ޖެހޭ ފަންނީ މައުލޫމާތު، ތިއަރީ ކްލާސް ތަކުގައި ކިޔައި ދީފައިވެ އެވެ.

ތިން ދުވަހުގެ މި ތަމްރީން ޕްރޮގްރަމްގައި ބައިވެރިވީ އެލިއާ އިން ރާއްޖެ އެތެރެކޮށް ވިއްކާ ޔަމަހާ އިންޖީނު އެޅި އުޅަނދުފަހަރުގައި މަސައްކަތްކުރާ ކެޕްޓަނުންނެވެ.

ކޯސްޓް ގާޑުގެ ތަޖުރިބާއާ މައުލޫމާތު ބޯޓް އޮޕަރޭޓާސް ޓްރެއިނިންގް ގެ ބައިވެރންނަށް ހިއްސާކުރެވޭނެ.

ކޯސްޓް ގާޑުގެ ތަޖުރިބާއާ މައުލޫމާތު ބޯޓް އޮޕަރޭޓާސް ޓްރެއިނިންގް ގެ ބައިވެރންނަށް ހިއްސާކުރެވޭނެ.

ރާއްޖޭގައި އެންމެ މަގްބޫ އިންޖީނަކީ ޔަމަހާ އިންޖީނު ކަމަށް ވާތީ، އެ އިންޖީނާ ބެހޭ މައުލޫމާތު ދެނެގަނެ، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފަން މުހިންމު ކަމަށް އެލިއާގެ ޖެނެރަލް މެނޭޖާ އަހްމަދު ސައީދު ވިދާޅުވިއެވެ.

"އައުޓްބޯޑް އިންޖީނު ބޭނުން ކުރުމުގައި ފަރުވާތެރިވާން ޖެހޭ. އަދި އުޅަނދު ބޭނުން ކުރާއިރު، ހިންގުމުގެ ހަރަދު ވީހާވެސް ކުޑަ ކުރުމަކީ ނެވިންގެ ޒިންމާއެއް. ފުލް ޓްރޮޓުލް އިން ދެ ނޮޓް މަޑުކޮށްލައިގެން ދުއްވިޔަސް ހިންގުމުގެ ހަރަދުން ތިން ލައްކަ ރުފިޔާ ސަލާމަތް ކުރެވޭ،" އޭނާ ބުންޏެވެ.

ކޯސްޓް ގާޑުން މިދިޔަ އަހަރު 4،000 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރި ކަމަށް ތަމްރީނު ޕްރޮގްރާމްގެ އިފްތިތާހީ ހަފްލާގެ ޝަރަފްވެރި މެހެމާން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑާ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

"މި ކާމިޔާބީތައް ހާސިލް ކުރުމުގައި އެމްއެންޑީއެފް އާއި ކޯސްޓް ގާޑް އަދި ޕޮލިހަށް އެންމެ އެހީތެރިވެދޭ ބަޔަކީ ބޯޓް އޮޕަރޭޓަރުން. މި ކާމިޔާބީތަކަކީ އެމީހުންގެ ފަރާތުން ލިބުނު އެއްބާރުުމާއެކު ލިބުނު ކާމިޔާބީ ތަކެއް،" އޭނާ ވިދާޅުވިއެވެ.

އެލިއާ ކުންފުނިން ވުޖޫދަށް އައިތާ މި އަހަރަށް 53 އަހަރު ފުރޭއިރު، ޔަމަހާ އިންޖީނުގެ ސޯލް ޑިސްޓްރިބިއުޓަގެ ގޮތުގައި އެ ބްރޭންޑް ރާއްޖޭގައި ވިއްކާތާ މިއެއީ 43 ވަނަ އަހަރެވެ.

އެހެން ބްރޭޑްތަކާ ޔަމަހާ އިންޖީނާ ވާދަނުކުރެވެނީ ރާއްޖޭގައި ކަނޑުގެ ސަރަހައްދު ބޮޑުވެފައި، އެ ބްރޭންޑުގެ އިންޖީނުތަކަށް ދިމާވާ މައްސަލަތައް މަދުވުމުންނެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2016 ގައި އެލިޔާ އިންވެސްޓްމަންޓުން ޔަމަހާ އިންޖީނުތަކެއް ދައްކުވާލާފަ. އެލިޔާ އަކީ ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓާ.---މިހާރު ފައިލް ފޮޓޯ

މޯލްޑިވްސް މެރިން އެކްސްޕޯ 2016 ގައި އެލިޔާ އިންވެސްޓްމަންޓުން ޔަމަހާ އިންޖީނުތަކެއް ދައްކުވާލާފަ. އެލިޔާ އަކީ ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓާ.---މިހާރު ފައިލް ފޮޓޯ

އެލިއާ އިން ބުނީ ބޯޓުތަކުގެ ކެޕްޓަނުން ތަމްރީން ކުރުމަށް ހިންގި ޕްރޮގްރާމްގައި ދިން މައުލޫމާތާއި ތަޖުރިބާތައް އެ ދާއިރާގެ އެހެން މީހުންނާ ވެސް ބައިވެރިން ހިއްސާކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.