18 އޮކްޓޯބަރ 2021
އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ވިއްކުމަށް އެމެރިކާ އިން ތުރުކީ ވިލާތަށް ހުށަހެޅުމާ ގުޅިގެން، އެކަމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ވިއްކުމަށް އެމެރިކާ އިން ތުރުކީ ވިލާތަށް ހުށަހެޅުމާ ގުޅިގެން، އެކަމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އުރުދުގާން ވިދާޅުވި ގޮތުގައި އެމެރިކާ އިން ހުށަހަޅާފައި އޮތީ، އެމެރިކާ އިން މިހާރު ކުރިއަށް ގެންދާ އެފް-35 މަޝްރޫއުގައި ތުރުކީ ވިލާތުން ކޮށްފައިވާ އިންވެސްޓްމެންޓުގެ ބަދަލުގައި ތުރުކީ ވިލާތަށް އެފް-16 މަރުކާގެ މަތިންދާބޯޓު ވިއްކުމަށެވެ.
އެފް-35 މަޝްރޫއަކީ، އެމެރިކާ އިން އުފައްދާފައިވާ އެފް-35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އިތުރަށް ފެންވަރު މަތިކުރުމަށް މިހާރު ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާ އިން އިނގިރޭސި ވިލާތް، އޮސްޓްރޭލިޔާ، އިޓަލީ، ނޯވޭ، ތުރުކީ ވިލާތް، ނެދަލޭންޑް، ޑެންމާކް އަދި ކެނެޑާ ގުޅިގެންނެވެ. ރާޑަރަށް ނާރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ، އެފް-35 މަރުކާގެ މަތިންދާބޯޓު އެމެރިކާ އިން ވިއްކަނީ އެމެރިކާގެ ވަރަށް ގާތް ގައުމުތަކަށެވެ. އަދި ރަޝިޔާ އާއި ޗައިނާއާ އެކުގައި އަސްކަރީ ގުޅުން ނޯންނަ ގައުމުތަކަށެވެ.
ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
އެ މަޝްރޫއުގައި ތުރުކީ ވިލާތް މީގެ ކުރިން ހިމަނާފައި އޮތް ނަމަވެސް، ތުރުކީ ވިލާތުން ރަޝިޔާގެ މިސައިލް ނިޒާމުތަކެއް ދާދި ފަހުން ގަތުމާ ގުޅިގެން، އެމެރިކާ ވަނީ އެ މަޝްރޫއުން ތުރުކީ ވިލާތް ބޭރުކޮށްފަ އެވެ. އެމެރިކާ އިން ދެކޭ ގޮތުގައި، އެމެރިކާގެ ވާދަވެރި ގައުމުތަކުން އަސްކަރީ އެހީތެރިކަން ހޯދާ ގައުމަކަށް، އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ، އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެކެވެ.
އޭގެ އިތުރުން، ތުރުކީ ވިލާތަކީ މިހާރު ވެސް ނޭޓޯގެ މެމްބަރު ގައުމަކަށް ވާއިރު، ނޭޓޯގެ ގައުމަކުން ނޭޓޯގައި ނުހިމެނޭ އަދި ވާދަވެރި ގައުމެއްގެ އަސްކަރީ ހަތިޔާރު ހޯދުމަކީ، މުޅި ނޭޓޯގެ ދިފާއީ ނިޒާމަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެމެރިކާ ދެކެ އެވެ.
އެފްރިކާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރެއްގައި ފުރާވަޑައިގަތުމުގެ ކުރިން، އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވި ގޮތުގައި، ތުރުކީ ވިލާތް މިހާރު ބޭނުންވަނީ އެމެރިކާގެ އެފް-35 މަޝްރޫއުގައި ތުރުކީން ކޮށްފައިވާ އިންވެސްޓްމެންޓް އަނބުރާ ހޯދުމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު އެމެރިކާއާ އެކުގައި ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.
"އެމެރިކާގެ އެފް-35 މަރުކާގެ މަތިންދާބޯޓުތަކެއް ގަތުމަށް، 1.4 ބިލިއަން ޑޮލަރު އަހަރެމެން އޮންނާނެ އެމެރިކާ އަށް ދީފައި. އެމެރިކާ އިން މިހާރު ބޭނުންވަނީ އެ ފައިސާގެ ބަދަލުގައި އެހެން ގޮތަކަށް އެ ވިޔަފާރި ހަމަޖައްސަން،" އުރުދުގާން ވިދާޅުވި އެވެ.
އެމެރިކާ އިން އިނގިރޭސި ވިލާތް، އޮސްޓްރޭލިޔާ، އިޓަލީ، ނޯވޭ، ތުރުކީ ވިލާތް، ނެދަލޭންޑް، ޑެންމާކް އަދި ކެނެޑާ ގުޅިގެން ތަރައްގީކުރާ އެފް-35 މަރުކާގެ މަތިންދާބޯޓު.
"އެކަމާ ބެހޭ ގޮތުން އަހަރެމެން މި ބުނަނީ، އަހަރެމެންގެ ގައުމުގެ ދިފާއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އަޅަމާ ހިނގާށޭ. އަހަރެމެން މިހާރު މަސައްކަތް މިކުރަނީ އަހަރެމެންގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ އެފް-16 މަރުކާގެ މަތިންދާބޯޓުތަކުގެ އިތުރުން، އެފް-16 މަރުކާގެ ފަހުގެ މަތިންދާބޯޓު ހޯދަން."
އެފް-35 މަރުކާގެ 100 އަށް ވުރެ ގިނަ މަތިންދާބޯޓު ގަތުމަށް ތުރުކީ ވިލާތުން ވަނީ އެމެރިކާގެ ލޮކީޑް މާޓިން ކުންފުންޏަށް އޯޑަރު ދީފަ އެވެ. ނަމަވެސް ރަޝިޔާގެ އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ ނިޒާމުތަކެއް ތުރުކީ ވިލާތުން ގަތުމާ ގުޅިގެން، 2019 ވަނަ އަހަރު އެމެރިކާ އިން ވަނީ ތުރުކީ ވިލާތަށް އެފް-35 މަރުކާގެ މަތިންދާބޯޓުތައް ނުވިއްކަން ނިންމައިފަ އެވެ.
ނަމަވެސް ތުރުކީގެ ރައީސް އުރުދުގާން ދާދި ފަހުން ވެސް ވިދާޅުވެފައިވަނީ ރަޝިޔާގެ އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ އިތުރު ނިޒާމުތަކެއް އަދިވެސް ތުރުކީ ވިލާތަށް ގަންނާނެ ކަމަށެވެ.
ތުރުކީ ވިލާތުގެ މި ނިންމުމާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ، ރަޝިޔާގެ އިތުރު ހަތިޔާރު ތުރުކީ ވިލާތަށް ހޯދާ ނަމަ، އެމެރިކާ އާއި ތުރުކީ ވިލާތުގެ ގުޅުމަށް ބުރޫއަރާނެ ކަމަށެވެ.
އެމެރިކާ ނުރުހުނަސް، ތުރުކީން ރަޝިޔާގެ މިސައިލް ހޯދަނީ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
އދ.ގެ ވެރިޔާ ރަޝިޔާ އާއި ޔޫކްރޭނަށް ވަޑައިގަންނަވަނީ
ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި
އުރުދުގާން އާއި ބައިޑެން މަޝްވަރާ ކުރައްވައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އެމެރިކާގެ ޖެޓުތައް މެދުއިރުމައްޗަށް