Roadha Mihaaru
ސަފާރީއެއް ސަލާމަތްކުރަނިކޮށް ސާޖިންގެ ފައި ބިނދިއްޖެ

ޒުވާން މަސްވެރިޔާ، ސަފާރީއެއް ސަލާމަތް ކުރަން އުޅެނިކޮށް ފައި ބިނދިއްޖެ

17 އޮކްޓޯބަރ 2021

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހުޅުމާލެ ކައިރިން އުރެން ދިޔަ ސަފާރީއެއް ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް "ޒުވާންް މަސްވެރިޔާ" ހަސަަން ސާޖިންގެ ފައި ދެ ތަނަކުން ރޭ ބިނދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހުޅުމާލެ ކައިރިން އުރެން ދިޔަ ސަފާރީއެއް ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް "ޒުވާންް މަސްވެރިޔާ" ހަސަަން ސާޖިންގެ ފައި ދެ ތަނަކުން ރޭ ބިނދިއްޖެ އެވެ.

އޭނާ "މިހާރު" އަށް މިއަދު ބުނީ ފައި ބިނދުނީ ހުޅުމާލޭގެ ދެވަނަ ފޭހާ ދިމާލުން ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް ތޮށިގަނޑަށް ލައްވާތީ، އެ ސަަފާރީ ސަލާމަތްކުރަން ރޭ ދަންވަރު ކުރި މަސަައްކަތުގެ ތެރޭގައި ވިއްސައިގެން ދިޔަ ވަލަކުން ޖެހިގެންނެވެ. އޭނާ ބުނީ ވަރަށް ބާރަށް އައި އެ ވަލުން ޖެހިފައި ބިންދައިގެން ދިޔަ ދެ ތަނުން މަސްގަނޑު ފަޅައިގެން ގޮސް ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށެވެ.

"މިއަދު އޮޕަރޭޝަން ކުރާ ގޮތަށް އޮތީ. ކޮވިޑް ޓެސްޓްގެ ނަތީޖާ އަށް މިހާރު މަޑުކޮށްގެން ތިބީ،" ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އޮވެ "މިހާރު" އާ ފޯނުން ވާހަކަ ދައްކަމުން ސާޖިން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ސާޖިން އަށް ފަރުވާކުރަނީ. އޭނާގެ ފައި، ދެ ތަަނަކުން ވަނީ ބިނދިފައި.

ޓްރީޓޮޕް ހޮސްޕިޓަލްގައި ސާޖިން އަށް ފަރުވާކުރަނީ. އޭނާގެ ފައި، ދެ ތަަނަކުން ވަނީ ބިނދިފައި.

ސާޖިން ބުނިގޮތުގައި، ސަފާރީ ސަލާމަތް ކުރަން އޭނާ މާލެ އިން ހުޅުމާލެ އަށް ދިޔައީ އެ ސަފާރީ ތޮށިގަނޑަށް ލައްވެދާނެ ކަމުގެ ބިރު ހީވެގެން މަސްދޯނިފަހަރުތަކުގެ އެހީތެރިކަން ހޯދައި ދޭޭން އެދި އޭނާ އަށް ބަޔަކު ގުޅުމުން ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. އެ ފޯނު ކޯލް ލިބުމާއެކު، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި އެކިއެކި މަސްދޯނިފަހަރުގެ މީހުންނާ އޭނާ ވާހަކަ ދެއްކި ނަމަވެސް އޮޑިވެރިންގެ ހުއްދަ ނުހޯދައި ސަފާރީ ކަފުޖަހަން މަސްވެރިން އުޒުރުވެރިވި އެވެ.

"ސަފާރީ ކަފު ޖަހައިދޭން އެއްބަސްވީ އެންސިސް އިން ދުއްވާ ދޯންޏަކުން. އެކަން ހަމަޖެހުނީ އެންސިސްގެ ވެރިންނަށް ވެސް ގުޅައިގެން،" ސާޖިން ބުންޏެވެ.

ހުޅުމާލޭ ފަޅުތެރޭގައި އަޅައިފައި ހުރި ސަފާރީތަކެއް. ސަފާރީއެއް އުރެނިކޮށް ސަލާމަތްކުރުމުގެ ތެރޭޭގައި "ޒުވާން މަސްވެރިޔާ" ހަސަްން ސާޖިންގެ ފައި ވަނީ ބިނދިފައި. ފައިލް ފޮޓޯ/މިހާރު

ހުޅުމާލޭ ފަޅުތެރޭގައި އަޅައިފައި ހުރި ސަފާރީތަކެއް. ސަފާރީއެއް އުރެނިކޮށް ސަލާމަތްކުރުމުގެ ތެރޭޭގައި "ޒުވާން މަސްވެރިޔާ" ހަސަްން ސާޖިންގެ ފައި ވަނީ ބިނދިފައި. ފައިލް ފޮޓޯ/މިހާރު

ސަފާރީ ބޭރުކުރަން އެ ދޯނި ދިޔައިރު، ސާޖިން ވެސް އެ ދޯނީގައި ދިޔަ އެވެ. ކަފު ޖަހައިގެން ސަފާރީ އެ ތަނުން ދުރަށް ލާން ކުރި މަސައްކަތް ފުރަތަމަ ކާމިޔާބު ނުވީ އެ ސަރަަހައްދުގައި އަޅާފައި ހުރި އެހެން އުޅަނދުފަަހަރުގެ ވާތައް، ސަފާރީގެ ބުރަފަތީގައި އޮޅިފައި ހުރުމުންނެވެ. އެކަން އެނގުނީ ޑިންގީއެއްގައި އެ ސަރަހައްދަށް ދިޔަ މީހަކު ބުނުމުންނެވެ. ގަދަ ވިއްސާރައިގައި މޫދަށް ފައިބައިގެން، އެ ވާތައް ކޮށާލައި ސަފާރީ ބޭރުކުރަން މަގުފަހި ކޮށްދިނީ ވެސް ސާޖިން އެވެ.

"...ދެން ސަފާރީ އަށް އަރައި، ދޯނިން އެއްލި ވާ އައްސަން މަސައްކަތް ކުރީ. އެކަަމަކު އައްސައިލެވޭހާ ތަން އެ ވަލުގައި ނެތީމާ އަޅުގަނޑު ހުރީ ވާ އަޅުވައިގެން ހިފަހައްޓައިގެން. ވަލަށް ވަަރަށް ވާން ވެފައި ހުއްޓާ އަނެއް ކޮޅުން ނައްޓާލައިގެން އައިސް ޖެހުނީ ފައިގައި. ބިންދައިގެން ދިޔަކަން ވަގުތުން ވެސް އެނގުނު،" އޭނާ ބުންޏެވެ.

ވާ އަޅުވައި ހިފަހައްޓައިގެން ސާޖިން ހުރި ވަގުތުގައި ސަފާރީ އެކަމަކު ބޭރުކުރެވުނެވެ. އެހެންވެ، ތޮށްޓަށް ލައްވެ ހަލާކުވުމުން އެ އުޅަނދު ސަލާމަތް ކުރެވުނެވެ.