Roadha Mihaaru
ރާއްޖޭގައި އެމެރިކާ އެމްބަސީ ހިންގާނެ ތަނެއް ހޯދަނީ

ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހިންގާނެ ތަނެއް ހޯދަނީ

14 އޮކްޓޯބަރ 2021

ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހިންގާނެ ތަނެއް ހޯދަން އެ ގައުމުގެ ސަރުކާރުން މަސައްކަތް ފަަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހިންގާނެ ތަނެއް ހޯދަން އެ ގައުމުގެ ސަރުކާރުން މަސައްކަތް ފަަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، މާލޭގައި އެމްބަސީ ހިންގާނެ ތަނެއް ކަނޑައެޅުމަށްޓަކައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު އެމެރިކާގެ އިސް އޮފިޝަލުންތަކެއް ވަރަށް ފަހުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މާލޭ ސިޓީ ކައުންސިލާއި ކަމާ އެހެން ފަރާތްކަކާ އެކު ބޭއްވި އެ ބައްދަލުވުމުގައި އެމެރިކާ އިން ހިޔާލު ހޯދީ ސަލްޓަންޕާކާއި ޕާކިސްތާނު ހައިކޮމިޝަނާ ކައިރި ސަރަހައްދަކުން ޖާގައެއް ހޯދުމާ ގުޅޭ ގޮތުންނެވެ.

ޕާކިސްތާނު ހައި ކޮމިޝަން ހުންނަނީ ސީއެޗްއެސްއީ ކައިރިން ލިލީ މަގުގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ބައެއް އޮފިޝަލުން އެމެރިކާގެ ސަރުކާރަށް ދިން ލަފައަކީ މާލޭގައި އެމެރިކާ ފަދަ ގައުމެއްގެ އެމްބަސީއެއް ގާއިމު ކުރުމުން ސަލާމަތީ ގޮތުން ކަންކަން ބަލަހައްޓަން އުނދަގޫ ވެދާނެތީ ހުޅުމާލެ އިން ޖާގައެއް ހޯދުން ރަނގަޅު ކަމަށެވެ. ހާއްސަކޮށް އެމެރިކާގެ އޮފިޝަލުން ބޭނުން ވެގެން މަޝްވަރާކުރި ސަރަހައްދުގައި މިހާރު ވެސް ޓްރެފިކްގެ އުނދަގޫ ބޮޑުކަމުން އެއީ އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގައުމުތަކުގެ އެމްބަސީތައް ގާއިމުކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފޭހުން ބޮޑު ސަރަަހައްދެއް ވަނީ ހާއްސަ ކޮށްފަ އެވެ. "ޑިޕްލޮމެޓިކް އެންކްލޭވް"ގެ ނަމުގައި ހާއްސަ ކޮށްފައިވާ އެ ސަރަހައްދުން، އިންޑިއާ އާއި އެހެން ބައެއް ގައުމުތަކަށް ބިން ދީފައި ވާއިރު އެ ތަނުގައި އަދިވެސް ޖާގަ އެބަ އޮތެވެ.

ރާއްޖޭގައި އެމްބަސީއެއް ގާއިމު ކުރުމުގެ ޝައުގުވެރިކަން އެމެރިކާ އިން ފާޅުކުރީ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގެ ފަހު ދުވަސްކޮޅު، އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ. ޕޮމްޕިއޯ ރާއްޖެ އަށް ދަތުރެއް ކުރެއްވީ އެމެރިކާ އާއި ރާއްޖެއާ ދެމެދު ވަރުގަދަ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައާފައި ހުންނަވާ ސަފީރު އެލައިނާ ޓިޕްލީޒް މިހާރު ހުންނަވަނީ ސްރީ ލަންކާގެ ވެރިރަށްް ކޮލަމްބޯގައި ހުންނަ އެމްބަސީގަ އެވެ. އޭނާ އަކީ ރާއްޖެ އާއި ލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.

ރާއްޖޭގައި މިހާރު އެމެރިކާގެ ކޮންސިއުލޭޓް އޮފީހެއް ވެސް ނުހުރެ އެވެ. އެ ގައުމުން ރާއްޖޭގައި ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަނީ އެމެރިކަން ސެންޓަރުގެ ނަމުގައި ހިންގާާ އޮފީހެއްގަ އެވެެ.

އެމެރިކާ އިން ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 1966 ވަނަ އަހަރު އެވެ.