Roadha Mihaaru
ދިވެހިންނަށް އެމެރިކާ ވިސާ ފަސޭހަ ކުރަން މަޝްވަރާކޮށްފި

ދިވެހިންނަށް އެމެރިކާ ވިސާ ފަސޭހަ ކުރަން މަޝްވަރާކޮށްފި

23 ފެބުރުއަރީ 2024

އެމެރިކާ އަށްދާ ދިވެހިންނަށް ވިސާ ނެގުމުގެ ނިޒާމް މިހާރަށް ވުރެން ފަސޭހަކުރުމުގެ އިތުރުން ގިނަ ދާއިރާތަކުން ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އެ ގައުމުގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފި އެވެ.

މިވަގުތު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ މެނޭޖްމަންޓް އެންޑް ރިސޯސަސް ވަރްމާ އާ އެކު މިއަދު މެންދުރު ފޮރިން މިނިސްޓްރީގެ ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ޑިމޮކްރެޓިކް އުސޫލުތަކާއެކު ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، އިގުތިސޯދީ ތަނަވަސްކަމާއި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

"ހާރިޖީ ވަޒީރު އާއި ޑެޕިއުޓީ ސެކްރެޓަރީ ވަރްމާ ވަނީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވިސާގެ ކަންކަން ހަރުދަނާކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ،" މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި އެމެރިކާ އާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

މި ސަރުކާރަށް މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާ ސަރުކާރާއި ދިފާއީ ބާރުގެ އިސް ވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވަނީ މިދިޔަ މަހު ރާއްޖެއަށް ވަޑައިގެންފަ އެވެ.

އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައިވާ އިރު، އޭރު ކުރެވުނު މަޝްވަރާތަކުގެ މާބޮޑު ތަފްސީލެއް ދިވެހި ސަރުކާރަކުން ނުދެ އެވެ.

އެކަމަކު، ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދުތަކެއް ހަދިޔާ ކުރުމުގެ އިތުރުން އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ދަށުން ހިންގާ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާ އެކު ކުރަމުން އަންނަ ކަން ހާމަކުރައްވައިފަ އެވެ.