Roadha Mihaaru
އަންހެނުންނާ ގުޅޭ ވައުދުތައް ތާލިބާނުން ނުފުއްދާ

އަންހެނުންނާ ގުޅޭ ވައުދުތައް ތާލިބާނުން ނުފުއްދާ: އދ.

12 އޮކްޓޯބަރ 2021

އަފްގާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް ތާލިބާނުން ވެފައިވާ ވައުދުތައް، ތާލިބާނުން ފުއްދައިނުދޭ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނީއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް ތާލިބާނުން ވެފައިވާ ވައުދުތައް، ތާލިބާނުން ފުއްދައިނުދޭ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނީއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.

އިއްޔެ އެމެރިކާގެ ނިއު ޔޯކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޓަރެސް ވިދާޅުވީ، އަންހެނުންގެ އިންސާނީ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ތާލިބާނުން ވެފައިވާ ވައުދުތައް ފުރިހަމަ ނުކުރާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި މުއާހަދާތަކުން އަންހެނުންނަށާއި އަންހެން ކުދިންނަށް ލިބިދޭ އިންސާނީ ޙައްޤުތައް، ތާލިބާނުންގެ ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށެވެ.

ތާލިބާނުން މިދިޔަ މަހު އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލަވާލައިގެން ވެރިކަން ކުރަން ފެށުމަށް ފަހު، އެ ގައުމުގެ ސްކޫލް މަދަރުސާތަކަށް އަންހެން ކުދިން ކިޔަވަން ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި ސަރުކާރުގެ ވަޒީފާތަކުގައި ތިބި، ވަރަށް މަދު އަދަދެއް ފިޔަވައި، އެހެން ހުރިހާ އަންހެނުން ވަނީ ވަޒީފާތަކުން ވަކިކޮށް ގެއަށް ފޮނުވާލައިފަ އެވެ.

މިއަހަރުގެ އޮގަސްޓް 15 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު ބުނެފައިވަނީ، މިހާރު މިއީ 1996-2001 އަށް އެ ގައުމުގައި ވެރިކަން ކުރި ތާލިބާނުން ނޫން ކަމަށެވެ. ނަމަވެސް، އަންހެނުންގެ ހައްގުތަކާ މެދު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، އެ ޖަމާއަތުން ކުރިންވެސް ގެންގުޅުން ހަރުކަށި އުސޫލުތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނީއޯ ގުޓަރެސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނީއޯ ގުޓަރެސް

ގައުމު އަލުން އާރާސްތުކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރާނެ ކަމަށް ބުނެ އެކުލަވައިލި ސަރުކާރުގައި އެންމެ އަންހެނަކު ވެސް ވަޒީރެއްގެ މަގާމަށް އަދި ނައިބު ވަޒީރެއްގެ މަގާމަށް ވެސް އައްޔަންކޮށްފައެއް ނެތެވެ. އަދި އެ ގައުމުގެ ޝަރުއީ ކޯޓުތަކުގައި ތިބި ހުރިހާ އަންހެން ފަނޑިޔާރުން މަގާމުން ދުރުކޮށް ގެއަށް ފޮނުވާލައިފި އެވެ.

އދ.ގެ ވެރިޔާ ވިދާޅުވި ގޮތުގައި ތާލިބާނުންގެ އަމަލުތަކަމާ މެދު މުޅިން ހިތްހަމަ ނުޖެހުނަސް، އެ ގައުމު އޮތް ދަތި ހާލަތުން އަރައިގަތުމަށްޓަކައި ބައިނަލްއަގުވާމީ މުޖްތަމައުން އަފްގާނިސްތާނަށް އެހީތެރިވުމަކީ މި ވަގުތު ވަރަށް ބޭނުންތެރި ކަމެކެވެ. އެ ގޮތުން އަފްގާނިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ގުޓަރެސް ގޮވައިލެއްވި އެވެ.

ގުޓަރެސް މިކަމަށް މި ގޮވައިލެއްވީ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސާފައި ވަނިކޮށެވެ. މި ބައްދަލުވުމުގައި، އަފްގާނިސްތާނުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރި ކަމުގައި ވިޔަސް، ބޭރު ގައުމުތަކުގައި މިހާރު ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ ފައިސާއާއި މުދާތައް، އެގައުމުތަކުން ތާލިބާންގެ ސަރުކާރާ ހަވާލުކުރާނެ ކަމަކަށް ނުބެލެވެ އެވެ.

މިސަބަބަށްޓަކައި އދ. އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އަފްގާނިސްތާނަށް އެހީވުމަށް ހާއްސަ ފަންޑެއް ހުޅުވައި، ވޯލްޑް ބޭންކާއި ޔޫއެންޑީޕީ ފަދަ ޖަމާއަތްތަކުން ފައިސާ ހޯދައި އެ ފަންޑަށް ޖަމާކުރުމަށް ފަހު، އަފްގާނަށް ބޭނުންވާ ޒަރޫރީ ސާމާނު ގަނެ، އިންސާނީ އެހީތެރިކަމުގެ މަޝްރޫއުތަކުން އިރާގަށް އެ ސާމާނު ފޮނުވުމަށެވެ.

އޭގެ އިތުރުން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ދިނުމަށާއި، ޓީޗަރުންނަށް މުސާރަ ދިނުމަށް ވެސް އެފައިސާ ބޭނުންކުރުމަށް އދ. އިން ވަނީ ރާވައިފަ އެވެ. ޖީ-20ގެ ބައްދަލުވުމުގައި ގުޓަރެސް މަސައްކަތް ކުރައްވާނީ، އެ ފަންޑަށް ދުނިޔޭގެ އެކި ގައުމުތަކުގެ އެހީ ހޯއްދެވުމަށެވެ.