Roadha Mihaaru
ގޭގައި ބޭނުންކުރާ އެއްޗެހި ކިހާ ދުވަހަކަށް ގެންގުޅެވޭ؟

ގޭގައި ބޭނުންކުރާ އެއްޗެހި ކިހާ ދުވަހަކަށް ގެންގުޅެވޭ؟

07 އޮކްޓޯބަރ 2021

ގޭގައި ގެންގުޅޭ އެއްޗެހި އަބަދު ހަލާކުވެ، އެެއްޗެހި އާކުރަން ޖެހޭ ނަމަ އެއީ ޔަގީނުން ވެސް ޖީބަށް ބުރަ ބޮޑުވާނެ ކަމެކެވެ. އެހެންވެ، އެެއްޗެއް ގަންނަ އިރު އެ އެއްޗެއްގެ ކޮލިޓީ އާއި އެތަނަކުން ދޭ ގެރަންޓީއެއް ބެލުމަކީވެސް މުހިއްމު ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޭގައި ގެންގުޅޭ އެއްޗެހި އަބަދު ހަލާކުވެ، އެެއްޗެހި އާކުރަން ޖެހޭ ނަމަ އެއީ ޔަގީނުން ވެސް ޖީބަށް ބުރަ ބޮޑުވާނެ ކަމެކެވެ. އެހެންވެ، އެެއްޗެއް ގަންނަ އިރު އެ އެއްޗެއްގެ ކޮލިޓީ އާއި އެތަނަކުން ދޭ ގެރަންޓީއެއް ބެލުމަކީވެސް މުހިއްމު ކަމެކެވެ.

ބައެއް މިހުން ވިޔަފާރި ކުރާއިރު ގެންގުޅޭ އެއް އުސޫލަކީ އަގުބޮޑު އެއްޗެހި ގަތުމެވެ. އާންމު ވިސްނުމަކީ އަގުބޮޑުކޮށް ވިއްކާނީ ކޮލިޓީ އެންމެ ރަނގަޅު އެއްޗިއްސެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ.

ގެއަށް ފްރިޖާއި ދޮންނަމެޝިނާއިި އަވަަނާއި އަދި މި މި ނޫން ވެސް އެކި ކަހަލަ ގެވެހި ސާމާނު ގަންނަ އިރު، ބަލަންވާނީ ގިނަ ދުވަހަށް ބޭނުން ކުރެވޭ ކަހަލަ އެއްޗެއްސަށެވެ. އެއްވެސް އެއްޗަކީ ހަލާކުނުވެ، އަބަދަކު ބޭނުން ކުރެވޭނެ އެއްޗެއްސެއް ވެސް ނޫނެވެ. ނަމަވެސް ބަލައިގެން ގެންގުޅޭ ނަމަ ކޮންމެ އެއްޗަކީ ވެސް ގިނަ ދުވަހަށް ބޭނުންކުރެވިދާނެ އެއްޗެއްސެވެ.

ވަންޕޯލް ކިޔާ ކުންފުންޏަކުން އިނގިރޭސިވިލާތުގައި ހަދާފައިވާ ދިރާސާއަކުން މި ވަނީ މިކަމަށް ކޮންމެވެސް ތަސައްވުރެއް ގެނެސް ދީފަ އެވެ. އެ ދިރާސާގައި ބެލީ އާންމުކޮށް ގޭގައި ބޭނުންކުރާ މުހިިއްމު އެކި ކަހަލަ އެއްޗެއްސަށް ކިހާ މުއްދަތެއް ނަގާތޯ އެވެ. މި ދިރާސާގެ ނަތީޖާއާ ދޭތެރޭ ކޮންމެ މީހަކު ވެސް ވިސްނައިލުން ރަނގަޅެވެ.

މީހަކު އަވަން ބޭނުން ކުރަނީ.

މީހަކު އަވަން ބޭނުން ކުރަނީ.

އެގޮތުން ދިރާސާ އިން ދައްކާ ގޮތުގައި ފްރިޖަކީ މާ ބޮޑު މައްސަލައެއް ނުޖެހި އެވްރްޖެކޮށް 7 އަހަރާއި 10 ވަރަކަށް މަސް ދުވަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ. އާދައިގެ ޓޯސްޓަރަކުން އެންމެ މަދުވެގެން 3،075 ޓޯސްޓް ހަދާ ލެވޭނެ އެވެ. އޭގެ މާނަ އަކީ ޓޯސްޓަރަށް މައްސަލައެއް ދިމާނުވެ ހައެއްކަ އަހަރު ބޭނުން ކުރެވޭނެ އެވެ. ސައި ކައްކާ ކުރަ އަކީ ވެސް ފަސް އަހަރާއި ހަތަރު ވަރަކަށް މަހަށް ބޭނުން ކޮށްލެވިދާނެ އެއްޗެކެވެ.

އާންމުކޮށް ގިނަ ގޭގައި އަވަނަކީ ވަރަށް ގިނައިން ބޭނުންކޮށް އުޅޭނެ އެއްޗެކެވެ. އިނގިރޭސި ދިރާސާ އިން ދައްކާ ގޮތުގައި އަވަނަކީ މައްސަލައެއް ނުޖެހި އެންމެ މަދުވެގެން ވެސް އަށް އަހަރާއި ތިން ވަރަކަށް މަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ.

އެއްޗެހި ދޮވުމަކީ އާންމު ދިރިއުޅުމުގައި އެންމެ ގިނައިން ކުރެވޭނެ އެއް ކަންތަކެވެ. އެގޮތުން ގިނަ މީހުންނަކީ ހަފުތާއަކު އެއް ފަހަރު އެއްޗެހި ދޮންނަ މީހުންނެވެ. އެހެން ކަމަށްވާ ނަމަ ދޮންނަ މެޝިން ހަތް އަހަރާއި ދެ މަހެއްހާ ދުވަހަށް މާ ބޮޑު މައްސަލައެއް ދިމާނުވެ ބޭނުން ކުރެވޭނެ އެވެ.

ފާހާނާގައި ހުންނަ ތަކެއްޗަށް ބަލާ އިރު ފެންވަރާ މާގަނޑަކީ އަށް އަހަރާއި ހައެއްކަ މަހަށް މައްސަލައެއް ނެތި ބޭނުން ކުރެވޭނެ އެއްޗެކެވެ. ހަމަ އެގޮތަށް ފާހާނާއި ހުންނަ އިސްކުރުތައް ބަދަލު ކުރަން ނުޖެހި 10 ވަރަކަށް އަހަރު ބޭނުން ކުރެވިދާނެ އެވެ. އެކަމަކު ފެނުގެ ކޮލިޓީއާ ހެދި އެ އެއަށް ވުރެ އަވަހަށް އިސްކުރު ފަދަ އެއްޗިއްސަކީ ބައެއް މީހުން އަވަހަށް ބަދަލުކުރާ އެއްޗިއްސެވެ. ފާހާނާ ތަށްޓަށް ބަލާއިރު މިއީ ހަ އަހަރާއި ބައިގެ މުއްދަތަކަށް އެއްވެސް މައްސަލައެއް ދިމާނުވެ ބޭނުން ކުރެވޭނެ އެއްޗެކެވެ.

ބަޔަކު ޓީވީ ބަލަނީ.

ބަޔަކު ޓީވީ ބަލަނީ.

ގޭގައި ބޭނުންކުރާ މައިކްރޮވޭވް އަވަނަކީ އެވްރެޖްކޮށް ހަތް އަހަރު ވަންދެން ބޭނުން ކުރެވޭނެ އެއްޗެކެވެ. ޑިޝްވޮޝާ އަކީ ވެސް މިހާރު ދިރިއުޅުމަށް އައި ބަދަލާ އެކު ބައެއް މީހުން ބޭނުންކުރާ އެއްޗެކެވެ. މީގެ މުއްދަތަށް ބަލާ އިރު މައްސަލައެއް ދިމާނުވެ ހަ އަހަރާއި އަށެއްކަ މަހަށް ބޭނުން ކުރެވޭނެ އެވެ.

ޓީވީ އަކީ ޔަގީނުން ވެސް ގިނަ ގޭގައި ކޮންމެ ދުވަހަކު އެންމެ ގިނައިން ބޭނުންކުރާ އެއްޗަށް ވާނެ އެވެ. އެގޮތުން ދުވާލަކު ހަތަރު ފަސް ގަޑިއިރަށް ޓީވީ ބޭނުންކުރާ ނަމަ މައްސަލައެއް ދިމާނުވެ ޓީވީއެއް އެވްރެޖްކޮށް 7 އަހަރާއި 10 މަހެއްހާ ދުވަހަށް ބޭނުން ކޮށްލެވޭނެ އެވެ.

ލެޕްޓޮޕަކީ މިހާރު ގިނަ ބައެއްގެ މަސައްކަތް އެއަށް ބަރޯސާވެފައި އޮތް އެއްޗެވެ. ދިރާސާއިން ދައްކާ ގޮތުގައި ލެޕްޓޮޕަށް މައްސަލައެއް ދިމާނުވެ އެވްރެޖްކޮށް ފަސް އަހަރާއި ނުވަ ވަރަކަށް މަހަށް ބޭނުން ކުރެވޭނެ އެވެ. ވެކިއުމް ކްލީނާ އަކީ ހަފުތާ އަކި ތިން ފަހަރު ބޭނުން ކުރިޔަސް، މައްސަލައެއް ނުޖެހި އެވްރެޖްކޮށް ހަ އަހަރާއި އަށެއްކަ މަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ.

މީހަކު ވެކިއުމްކުރަނީ.

މީހަކު ވެކިއުމްކުރަނީ.

ދީރާސާ އިން ފާހަގަ ކުރެވުނު ގޮތުގައި ގިނަ މީހުންނަކީ އެއްޗެއްގައި މައްސަލައެއް ޖެހިގެން އާ ކުރުމުގެ ކުރިން މަރާމާތު ކުރެވޭތޯ ބަލާ މީހުންނެވެ. އަދި އެއްޗެއް ހޯދަން ގިނަ މީހުން ވިސްނަނީ އެ އެއްޗެއް މަރާމާތު ނުކުރެވޭނެ ކަން ޔަގީންވާ ހިސާބުންނެވެ.

"މީގައި އަދި ވަރަށް މުހިއްމު ގެވެހި އެއްޗެހި ގަންނަ އިރު އަލުން މަރާމާތު ކޮށްގެން ބޭނުން ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަހަލަ އެއްޗެހި ގަތުމާއި ސްޕެއާ ލިބޭނެކަން ޔަގީންވާ ކަހަލަ އެއްޗެހި ހޯދަން އިސްކަން ދިނުން." ދިރާސާގައި ބުންޏެވެ.

އެހެން ނޫން ކަމަށް އަތުންދާ ހަރަދު ބޮޑުވެފައި، އުފެދޭ ކުނީގެ މިންވަރު ވެސް އިތުރުވާނެ އެވެ.