Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން މީހާ ހައްޔަރުކޮށްފި

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

04 އޮކްޓޯބަރ 2021

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅަށް ވަގަށް ވަން ކަމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅަށް ވަގަށް ވަން ކަމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި އުމުރުން 45 އަހަރުގެ ދިވެހި ފިރިހެންމީހާ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަންގާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައިގެން، އެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީއާ ބެހޭ އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިވޭތޯ އާއި އެ ގެކޮޅުގެ ސެކިއުރިޓީ އެހާ ބަލިކަށިކަން ފުލުހުންނަށް އެނގިފައި ވޭތޯ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވި ނަމަވެސް އެ ސުވާލުތަކަށް އިމްރާން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ، ސީސީޓީވީ އަށް ގެއްލުން ދިނުމަކީ ސަލާމަތީ މާހިރުން ސިފަކުރައްވާ ގޮތުގައި "ނުރައްކަލަށް ދޮރުހުޅުވިފައި" އޮތުމެވެ. އެ ޖަރީމާ ހިންގިއިރު އެ ތަނުގެ ސެކިއުރިޓީ އާދައިގެ ގެތަކަށް ވުރެން ވެސް ދަށެވެ. ޑޯ ލޮކް ސިސްޓަމެއް ވެސް ނެތެވެ. ސިޑިން އަރައިގެން، އެއްވެސް ހުރަހެއް ނެތި ދާގޮތަށް ދާންވީ އެވެ.

އެކަމަކު އެ ހާދިސާ އަށް ފަހު އެ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑަައިގެންފައިވާ ކަމަށް މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.