Roadha Mihaaru
އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ކަށަވަރުކޮށްދޭން އެދެފި

އުއްތަމަ ފަނޑިޔާރުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޑީޕީން ގޮވާލައިފި

01 އޮކްޓޯބަރ 2021

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ، ސީސީޓީވީ ކެމެރާއާ ކުޅެފައިވާ މައްސަލައެއް ފުލުހުން އިއްޔެ ވަނީ ބަލަން ފަށައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އުއްތަމަ ފަނޑިޔާރުގެ އާއިލާ ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ގާނޫނުން ލާޒިމްކުރާއިރު، އެ މަނިކުފާނުގެ އާއިލާ މި ވަގުތު ދިރިއުޅުއްވާ އާއިލީ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް މީހަކު ވަންނަން ފުރުސަތު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިހުމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން އިލްތިމާސްކުރަމެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއްވުމަށް މި ޕާޓީން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ ސީސީޓީވީއާ ކެމެރާ އަނބުރާލީ ސުޕްރީމް ކޯޓުގައި ޝަރީއަތެއްގެ ރިޔާސަތުގައި އުއްތަމަ ފަނޑިޔާރު އިންނެވި ވަގުތެއްގަ އެވެ. އެއީ ރާއްޖޭގައި އައިއެސްގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ހައި ކޯޓުން ބާތިލްކުރުމުން ދައުލަތުން ކޮށްފައިވާ އިސްތިއުނާފު މައްސަލައިގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ބޮން ގޮއްވާލަން ދިން ހަމަލާއަށް ފަހު ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ހާއްސަ ސެކިއުރިޓީއާ އެކު ރަސްމީ ގެކޮޅު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، އެ ތަންތަނުގައި އަދި ދިރިއުޅުއްވާކަށް ނުފައްޓަވަ އެވެ.