Roadha Mihaaru

ސަލާމަތީ ބާރުތަކަށް އިތުބާރު ނުކޮށް، ނަޝީދުގެ ދިފާއުގައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުން ނުދާ ކަމަށް އެމްއެންޑީއެފާއި ފުލުހުން ބުނެފައިވީ ނަމަވެސް، ސަލާމަތީ ބާރުތަކަށް އިތުބާރު ނުކޮށް، ނަޝީދުގެ ދިފާއުގައި އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ނުކުމެއްޖެ އެވެ.

ސަލާމަތީބާރުތަކަށް އިތުބާރު ނުކޮށް ނަޝީދުގެ ދިފާއުގައި!
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

10 ސެޕްޓެމްބަރ 2019

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުން ނުދާ ކަމަށް އެމްއެންޑީއެފާއި ފުލުހުން ބުނެފައިވީ ނަމަވެސް، ސަލާމަތީ ބާރުތަކަށް އިތުބާރު ނުކޮށް، ނަޝީދުގެ ދިފާއުގައި އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ނުކުމެއްޖެ އެވެ.

ސަލާމަތީ ބާރުތަކަށް ފާޑު ކިޔައި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާ މެދުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި، ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަން އެމްއެންޑީއެފުން ތިން ރޭ ކުރިން އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

ފުލުހުން ފާރަލަމުން ދަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުނުވިޔަސް، އެމަނިކުފާނުގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓާ ގުޅޭ ކަންކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ ބޮޑަށް ފާޑު ވިދާޅުވި، އެއް ބަޔަކީ ވެސް ފުލުހުންނެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ ނަޝީދަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު، އެފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް އޯޕަން ސޯސްތަކުގައި ވާހަކަ ދެކެވޭ ނަމަ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.

ސަލާމަތީ ބާރުތަކުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތަސް، ސިފައިންގެ ތެރެއިން ބަޔަކު ނަޝީދަށް މައުލޫމާތު ދެއްވުމުން ނޫނީ އެފަދަ ވާހަކަފުޅެއް އެގޮތަށް ނަޝީދު ވިދާޅުވާނެ ކަމަކަށް ކުޑަ ވެސް ގަބޫލެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ، ނަޝީދުގެ ދިފާއުގައި ނުކުންނަވައިފަ އެވެ.

ހަސަން ލަތީފް ކުރެއްވި ޓުވީޓު.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން ސީރިއާ އަށް ހަނގުރާމައަށްދާ ވާހަކަ ނަޝީދު ވިދާޅުވުމުން، އެކަން ވެސް ދޮގު ކުރީ ފުލުހުންނާއި ސިފައިން ކަމަށެވެ. މެމްބަރު ވަހީދު ވެސް މިފަހަރު ނުކުންނެވީ ނަޝީދުގެ ދިފާއުގަ އެވެ.

މެމްބަރު ވަހީދު ކުރެއްވި ޓުވީޓު.

ނަޝީދުގެ ވާހަކަފުޅު މާނަ ކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ ވެސް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންނެވެ. އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި ގޮތުގައި، ނަޝީދު ފާހަގަ ކުރެއްވީ ރަސްމީ ހައިސިއްޔަތުން ފުލުހުން، އެމަނިކުފާނަށް ފާރަލާ ވާހަކައެއް ނޫނެވެ. ރިލްވާނަށް ފާރަލީ ގޮތަށް ވަގަށް ފުލުހުންގެ ބަޔަކު އެ ކަން ކުރާ ވާހަކަ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ފާރަލާ ބަޔަކުލާނީ ރަސްމީ ކަމެއްގެ ގޮތުގައި ނޫން ކަމަށެވެ. ފުލުހުންގެ ތެރޭގައި ރަނގަޅު ފުލުހުން ގިނަ ނަމަވެސް، އެ މުއައްސަސާގެ ތެރޭގައި ނުބައި މީހުން އުޅެމުންދާ ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ. ނިހާދު ވިދާޅުވި ގޮތުގައި ރަނގަޅު ފުލުހުން އިސްވެ، މިކަންކަން ހުއްޓުވަން އެބަ ޖެހެ އެވެ.

މެމްބަރު ޝިފާއު ކުރެއްވި ޓުވީޓު.

މަޝްހޫރު މިއުޒިޝަން މުހައްމަދު ޝިއުޒް ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނާއި ސިފައިންނަކީ އިންސާފުގެ ވާހަކަ ދައްކާ އިރަށް ޖަޒުބާތަށް ވެއްޓޭ ދެ މުއައްސަސާ ކަމަށެވެ. އެއީ ރައްޔިތުންނަށް އަނިޔާ ކުރާ ވަރަކަށް ޕްރޮމޯޝަނާއި ފްލެޓު ލިބޭ، ގައުމު އަނދަވަޅަކަށް ވައްޓާލި ދެ މުއައްސަސާ ކަމަށް އޭނާ ބުންޏެވެ.

"ޝައްކެއް ނެތް، އަހަރުން ގަބޫލު ކުރާނީ ރައީސް ނަޝީދު ބުނާ އެއްޗެއް،" ޝިއުޒްގެ ޓުވީޓުގައިވެ އެވެ.

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ކުރެއްވި ޓުވީޓު.

ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ ލީޑަޝިޕާއި ބައެއް އާންމުން ނުކުތް އިރު، ނަޝީދަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި މިއީ ނަޝީދުގެ ދޮގު ހެއްދެވުމުގެ ސިލްސިލާ އަށް އިތުރުވި ބޮޅެއް ކަމަށެވެ. ނަޝީދަކީ އާންމުންގެ ސަމާލު ކަން ހޯދުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް އެމީހުން ބުނެ އެވެ.

ޖަމީލް ކުރެއްވި ޓުވީޓު.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށާއި ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތް ކުރެއްވުން ކަމަށެވެ. އެހެން ނޫނީ، އެއީ ނުފޫޒު ފޯރުވަން މަސައްކަތް ކުރުން ކަމުގައި ބެލެވިދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"ކޮބައިތޯ ޒިންމާދާރު ލީޑަރަކަށް ވުމަކީ؟ ދެން ކިހިނެއްތޯ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވަކިވަކި ފަނޑިޔާރުންނާއި އަދި އެކިއެކި ފަރާތްތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ގަބޫލު ކުރާނީ؟،" ސަލާމަތީ ބާރުތަކުގެ ބަހާ ގުޅިގެން އެއާ ގުޅޭ ޚަބަރެއް ޓުވީޓު ކުރައްވައި ޖަމީލް ވިދާޅުވި އެވެ.

އެމްޑީޕީން ކުރި ޓުވީޓު. އެ ޓުވީޓު ނަޝީދު ރޭ ވަނީ ރީޓުވީޓު ކުރައްވާފައި.

ސޯޝަލް މީޑިއާގެ ތެރޭގައި މި ބަހުސް ހޫނުވެފައިވާ އިރު، ސިފައިންނާއި ފުލުހުން ނެރުނު ބަޔާނާ ގުޅޭ ގޮތުން ނަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު، އެމަނިކުފާނު ވަނީ ގައުމީ މަޖިލިހުގައި ދެއްކެވި ވާހަކައާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ އެކައުންޓުގައި ޕޯސްޓް ކުރި ވީޑިއޯ ރީޓުވީޓު ކުރައްވައިފަ އެވެ.