Roadha Mihaaru

ސިފައިންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދައްކަން އެދެފި

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސިފައިންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެކަން ނުކުރުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފި އެވެ.

ސިފައިންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދައްކަން އެދެފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

10 ފެބުރުއަރީ 2018

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސިފައިންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެކަން ނުކުރުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން އެގޮތަށް އެދި ބަޔާން ނެރުނު އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް، ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާ، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމްގެ ގެ ފާސްކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.

އެއީ ތެދެއްކަން ނުވަތަ ދޮގެއް ކަމަކަށް ވެސް ފުލުހުންނާއި އެމްއެންޑީއެފުން އަދި ނުބުނެ އެވެ. އެކަމަކު އެމްއެންޑީއެފުން ބުނީ ބަޔާން ނެރުނީ ވަކި މީހެއްގެ ޓްވީޓަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި ފަހަކަށް އައިސް ސިފައިންނާ ގުޅޭ ގޮތުން މިފަދަ ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކަމުން ދާތީ ކަމަށެވެ.

ސިފައިންގެ ބަޔާނުގައި ބުނީ އެއީ ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތުގައި އޮތް އިތުބާރާއި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ގޮތަށް، ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އަދި ސިފައިން ބައިބައިވާނެ ފަދަ ގޮތަކަށް ވާހަކަ ނުދެއްކުމަށް އެ ބަޔާނުގައި އެދިފައިވެ އެވެ.

"ގައުމުގެ އަމާންކަމާއި ސުލްހަ ގާއިމު ކުރުމަށްޓަކައި ގައުމީ ދިފާއީ ބާރަށް ލާޒިމްކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަން މަތީގައި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ސިފައިންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ވެސް ވަނީ އެފަދަ ބަޔާނެއް ނެރެފަ އެވެ. އެގޮތުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ ބައެއް ދިވެހިން، ފުލުހުންގެ ތެރޭގައި ވެސް އުޅޭ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅު މިއަދު ފުލުހުން ދޮގުކުރި އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އެއީ ފުލުހުންގެ އަގުވައްޓާލުމަށާއި އެމަނިކުފާނުގެ އަމިއްލަ އެދުމެއް ހާސިލް ކުރެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. މި ފަދަ ވާހަކަތައް ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ދިނެވެ.

ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރަށް ތަބާއަނުވެ، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފަޔަށް ފުލުހުންނާއި ސިފައިން ތަބާއަވުމުން، ސަލާމަތީ ހިދުމަތްތަކަށް އަމާޒުވާ ފާޑުކިއުންތައް ވަނީ ބޮޑުވެފަ އެވެ.