Roadha Mihaaru
އަދާލަތު ޕާޓީގައި ޓެރަރިސްޓަކު ނުހުންނާނެ: އިމްރާން

އަދާލަތު ޕާާޓީގައި ޓެރަރިސްޓަކު ނުހުންނާނެ: އިމްރާން

04 އޮކްޓޯބަރ 2021

އަދާލަތު ޕާޓީގައި އެއްވެސް ޓެރަރިސްޓެއް އަދި ހަރުކަށި ފިކުރުގެ މީހަކު ނުހުންނާނެ ކަމަށް ހޯމް މިނިސްޓަަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަދާލަތު ޕާޓީގައި އެއްވެސް ޓެރަރިސްޓެއް އަދި ހަރުކަށި ފިކުރުގެ މީހަކު ނުހުންނާނެ ކަމަށް ހޯމް މިނިސްޓަަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތުޕާޓީގައި ނުބަހައްޓާނެ ކަމަށާއި އެފަދަ މީހަކު ހުރިކަން އެނގިއްޖެ ނަމަ ވަކިކުރާނެ ކަމަށެވެ.

" ޓެރަރިސްޓަކު އަދި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އެ މީހަކާ މެދުގައި ފިޔަވަޅު އަޅަން ޖެހޭ މީހަކު އަދާލަތު ޕާޓީގައި ބަހައްޓައިގެން އަޅުގަނޑުމެނެއް ނުތިބޭނަން،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ރައީސް ވިދާޅުވި އެވެ.

އިމްރާން މިގޮތަށް ޖަވާބު ދެއްވީ އެ ޕާޓީގައި ހަރުކަށި ފިކުރުގެ މީހުން ތިބޭ ކަމަށް ތުހުމަތު ކުރައްވައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ. އޭނާގެ ސުވާލަކަށް ވީ، އެފަދަ މީހުންނާ އެކު އަދާލަތު ޕާޓީގައި ހުންނަވައިގެން، ހަރުކަށި ފިކުރާ ދެކޮޅަށް އިމްރާން ފިޔަވަޅު އަޅުއްވާނެ ގޮތެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ ކަމަކާ ބެހޭ ގޮތުން ޖާބިރު ކުރެއްވި ސުވާލަށް އިމްރާން ޖަވާބު ދެއްވުމުން މަޖިލީހުގެ ރިޔާސަތުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެ ސުވާލު ކުރެއްވީ ހޯމް މިނިސްޓަރާ ކަމަށާއި އަދާލަތު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޖަވާބު ނުދެއްވޭނެ ކަމަށެވެ. އަދާލަތު ޕާޓީގެ ލީޑަރަކާ ނުވަތަ މެމްބަރަކާ ސުވާލު ކުރާނެ އުސޫލެއް މަޖިލީހުގައި ކަނޑައެޅިފައި ނުވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި އިތުރު ސުވާލުގެ ގޮތުގައި ކުރެވޭނީ އެ ދުވަހަކު ކުރަން ކުރިން ތާވަލު ކޮށްފައި ހުންނަ ސުވާލާ ގުޅޭ ސުވާލުތަކެވެ. މިއަދުގެ ޖަލްސާގައި އޮތީ ފުލުހުންގެ މަތީ ރޭންކްތަކުގައި ތިއްބެވި ހަތް އޮފިިސަރަކު ވަކިިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމާ ބެހޭ ގޮތުން ނައިފރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލެކެވެ.

އެހެންވެ، އެ ސުވާލާ އެއްވެސް ގުޅުމެއް ނެތް ގޮތަށް ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވައި ދޫކޮށްލެއްވުމުގެ ފުރުސަތު އީވާ އިމްރާނަށް ދެއްވި އެވެ.